ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެ ދެހަފްތާއެއް ވަންދެން ތިބި ކުދިންގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އެވްރެޖްކޮށް ކޮންމެ ކުއްޖެއްވެސް 2 ކިލޯ ލުއިވި ކަމަށް އެކުދިން މިހާރު ބަލަމުން އަންނަ އޮފިޝަލުން ހާމަކޮށްފިއެވެ.

ތައިލޭންޑްގެ ހެލްތް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރ ޓޮންގްޗައި ބޭރުގެ މީޑިޔާތަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ހުރިހާ ކުދިންގެވެސް ސިޢްޙީ ހާލު ރަނގަޅު ކަމަށާއި ހީކުރި ގޮތާއި ޚިލާފަށް މިކުދިން ތިބީ އެހާ ބޮޑު ހާސްކަމެއްގެ ތެރޭގައި ނޫން ކަމަށެވެ.

"މިކުދިން ތިބީ ރަނގަޅު ކޮންޑިޝަންއެއްގައި. ހާސްކަމެއް މިކުދިންގައިގައި ނެތް" ޓޮންގްޗައި ބުނެފައިވެއެވެ.

ޓޮންގްޗައި ބުނެފައިވަނީ މިކުދިންގެ ކޯޗް މިކުދިންގެ ޙާލު ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށާއި މިކަމަށް ކޯޗްއަށް ތަޢުރީފް ޙައްޤު ކަމަށެވެ.

" މިކުދިންގެ ކޯޗްވަނީ މިކުދިންނަށް ވަރަށް ރަނގަޅަށް އަޅާލާފަ. ވަރަށް ރަނގަޅަށް ބަލަހައްޓާފައިވޭ. އޭނާއަށް ޝުކުރު ޙައްޤު." ޓޮންގްޗައި ބުންޏެވެ.

މިކުދިންގެ ސިއްޙީ ހާލަތާ ގުޅޭ ގޮތުން ޓޮންގްޗައި ބުނެފައިވަނީ މިކުދިންެގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އެވްރެޖްކޮށް ކޮންމެ ކުއްޖެއްގެ ގައިންވެސް 2 ކިލޯ ލުއިވެފައިވާ ކަމަށެވެ. އަދި ތިން ކުއްޖަކަށް ފުއްޕާމޭގެ އިންފެކްޝަންއެއް ޖެހިފައިވާ ކަމަށްވެސް ޓޮންގްޗައި ބުނެފައިވެއެވެ.

ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ހޮހޮޅައިގައި މިކުދިން ތާށިވެފައި ތިބި އިރު މިކުދިން ތިބީ ހޮހަޅަ އަށް ފޭބި ވާރޭ ފެން ބޮއިގެން ކަމަށް މައުލޫމާތުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު