ވައްކަން ކުރަން ގެއަކަށް ވަތް ދެ މީހަކު ފަޅާ އަރާ ބައެއްގެ އަތްދަށުވެ އެކަކު މަރުވެއްޖެއެވެ.

އިންޑިއާގެ ބުރާރީ އަވަށުގެ މިދިޔަ ބުދަ ދުވަހު މި ހާދިސާ ހިނގިއިރު، ވައްކަން ކުރަން ދެން ވަތް މީހާ ފެނިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ މީހުން ވައްކަން ކުރަން ގެއަކަށް ވަނީ މެންދުރު 1:30 ހާއިރުއެވެ. އެގެއަށް ވައްކަން ކުރަން ވަދެ އުޅެނިކޮށް އެގޭގެ ވެރި ފަރާތަށް ފެނުމުން ދެ މީހުން އުޅުނީ ފިލާށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެކަކު ފިލަން ދުވި ގަޑީގައި ސިޑި މައްޗަށް ވެއްޓުނީއެވެ.

"ވައްކަން ކުރުމަށް ދެ މީހަކު ވަދެ، އެ މީހުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި އެގޭގެ ވެރި ފަރާތަށް އެ މީހުން ރެޑްހޭންޑްކޮށް ވަނީ ފެނިފައި. އަދި އެގެއަށް ވަދެގެން އުޅޭކަން އެ މީހާ ވަނީ އެ ސަރަހައްދުގެ ގިނަ ބަޔަކަށް އިނގޭ ވަރަށް ހަޅާލަވާފައި". ފުލުހުން ބުންޏެވެ.

އެއާއެކު އެ ސަރަހައްދުގައި އުޅޭ މީހުން ވަނީ އެގެއަށް ގޮސްފައެވެ. އަދި ސިޑި މައްޗަށް ވެއްޓިފައި އޮތް މީހާ ގައިގާ ތަޅާލާފައެވެ. އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ. އޭނާ މަރާލި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު އޮޓަޕްސީ ހެދުމަށް ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު