ނިއު ޒިލޭންޑުގެ ސައިންސުވެރިން ތަކެއް ވަނީ ދުނިޔޭގެ އެންމެ ފުރަތަމަ 3 ޑައިމެންޝަނަލް ކުލަ އެކްސް ރޭ ނަގާފައެވެ. އެގޮތުން މި ސައިންޓިފިކް ކާމިޔާބީއަށް އެހީތެރިވެދިން ޔޫރަޕިއަން އޯގަނައިޒޭޝަން ފޯ ނިއުކްލިއާ ރީސާރޗް،"ސާން" އިން ބުނި ގޮތުގައި އެކްސް ރޭ ނެގުމުގެ މި އާ އުކުޅަކީ މެޑިކަލް ޑައިގްނޯސްޓިކްސްގެ ދާއިރާ އިތުރަށް ކުރިއަރުވާނެ ހޯދުމެކެވެ.

މި އާ މެޝިނާކީ މިހާރުވެސް ބޭނުން ކުރަމުންދާ ކަޅު އެކްސް ރޭ ނެގުމުގެ ޓެކްނޮލޮޖީ އާއި "ސާން" ގެ ހެޑްރޯން ކޮލައިޑަރުގެ ކުދި ކުދި މާއްދާ ތައް ހޯދުމުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އީޖާދު ކޮށްފައިވާ ކުލަ އެކްސްރޭ ނެގޭ މެޝިނެކެވެ. އެގޮތުން "ސާން" އިން ހާމަ ކުރި ގޮތުގައި މި ކުލަ އެކްސްރޭ ނެގޭ ވަސީލަތުން ދައްކުވާ ސާފު ފޮޓޯ ތަކުގެ ސަބަބުން ބަލި މީހުންނަށް ދިމާވެގެން އުޅޭ މައްސަލަތަށް ފަސޭހަ ކަމާ އެކު ޑޮކްޓަރުންނަށް ދެނެގަނެވޭނެއެވެ.

ނިއުޒިލޭންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީގެ ޑިވެލޮޕަރެއް ކަމަށް ވާ ފިލް ބަޓްލަރ ބުނި ގޮތުގައި މި އާ ވަސީލަތުން ނެގޭ ކުޑަ ޕިކްސެލް އަދި ސާފު އިމޭޖް ރިސޮލިއުޝަނުގެ ފޮޓޯ ތަކުގެ ސަބަބުން އެހެން ހުރިހާ އިމޭޖިންގް ޓެކްނޮލޮޖީއަށް ވުރެ މި ވަސީލަތުން ނެގޭ އެކްސް ރޭ އިމޭޖުތައް ސާފުވާނެއެވެ.

"ސާން" އިން އިތުރަށް ބުނި ގޮތުގައި މި ވަސީލަތުން ނެގޭ ފޮޓޯ ތަކުން ހަށިގަނޑުގެ މަސްލް ސެލް ތަކާއި، ކަށީގެ ސެލް ތައް އަދި ކާޓިލޭޖް ސެލްތައް ފަސޭހައިން ވަކިކުރެވޭނެއެވެ. އަދި ކެންސަރު ޓިއުމަރުތަށް ހުންނަ ތަންތަނާއި އޭގެ ބޮޑު މިން ވެސް ވަރަށް ސާފުކޮށް މި ވަސީލަތުން ނެގޭ ފޮޓޯ ތަކުން ހޯދޭނެއެވެ. މި ހޯދުން ހޯދުމަށް އެހީތެރިވި ނިއުޒިލޭންޑުގެ ޔުނިވާސިޓީ އޮފް އޮޓާގޯ އަދި ކެންޓަބަރީ އާ ގުޅިގެން އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ "މާސް ބަޔޯ އިމޭޖިންގް" އިން ދަނީ މި އީޖާދު އިތުރަށް ފުޅާކޮށް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު