އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އާއި ދުނިޔޭގެ އެންމެ ދަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެމީހުންގެ ލޯބީގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައިގެ ހަގީގަތް ނޭގޭއިރު، ކައިވެނި ކުރަން ބޭނުންވާ ވިސްނުމަކީ އޭނާ ވަރަށް ގަޔާވާ ވިސްނުމެއް ކަމަށް ޕްރިޔަންކާ މި ވަނީ ބުނެފައެވެ.

ވޯގްގެ އިވެންޓެއްގައި ވާހަކަދައްކަމުން ޕްރިޔަންކާ އޭނާގެ ދިރިއުޅުމުގެ ބައެއް އުފާވެރިކަންތައްކުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނެފައި ވަނީ، އޭނާ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ބޭނުންވަނީ ކޮން އިރަކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"އަހަރެން ކައިވެނި ކުރަން ހިޔާލު ކުރަން. އަދި ކައިވެނި ކުރަން ބޭނުން". ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނީ، ކައިވެނި ކުރިއެއްކަމަކު އަންހެނުންނަށްވެސް ކުރެވޭނެ ކަންތައްތަކެއް އޮންނާނެ ކަމަށާއި، އެކަންކަން ކުރުން ނުހުއްޓުވޭނެ ކަމަށެވެ.

އޭނާ ބުނިގޮތުގައި، މީހަކު ދެކެ ލޯބިވާނަމަ ނުވަތަ މީހަކަށް އެވަރަށް އަޅާލެވޭނަމަ އޭނާއަށް އިސްކަންދޭން ވާނެ ކަމަށެވެ.

ޕްރިޔަންކާ ކައިވެނި ކުރާ ހިޔާޅު ގެންގުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. އެހެން ނަމަވެސް ޕްރިޔަންކާ ކައިވެނި ކުރާނެ ދުވަހެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަސް ތެރޭގައި ޕްރިޔަންކާ އާއި ނިކް އެންގޭޖް ކުރަން އުޅޭކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ. އެކަން ދެ މީހުން ކުރެ އެކަކުވެސް ދޮގު ނުކުރާއިރު، އެކަމާއި ވިއްދައިގެން އެއްޗެއްވެސް ބުނެފައެއް ނުވެއެވެ.