ބޮލީވުޑްގެ ކުޅާދާނަ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދައިފައިވާ ފިލްމު "ސަންޖޫ" އިން އެކްޓަރު ސަންޖޭގެ ހަޔާތް ވަރަށް ރަނގަޅަށް ދައްކައިދެއެވެެ. އެހެންނަމަވެސް އޭނާގެ ޕްރައިވެޓް ލައިފްއަށްވެސް ކުޑަކޮށް އަލިއަޅުވާލާފައިވާ މި ފިލްމުގައި، ސަންޖޭއާއި އޭނާގެ އަންހެން ދަރިފުޅު ޓްރިޝާލާގެ ބަފައިވަންތަކަމުގެ ގުޅުމުގެ ވާހަކަ އެއްވެސް ވަރަކަށް ދައްކައިދީފައި ނުވާތީ ގިނަ ބަޔަކު މިދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. މިފަދަ ފަރާތްތަކަށް މިފަހަރު އެދެބަފައިންގެ ގުޅުން ހިއްސާ ކޮށްދިނީ ސަންޖޭގެ ދަރިފުޅު ޓްރިޝާލާއެވެ.

އިންސްޓަގްރާމްގެ "އާސްކް މީ އެނީ ކުއެއްޝަން" ފީޗާރ ބޭނުންކޮށްގެން ޓްރިޝާލާ އޭނާއަށް ކުރިމަތިވެފައިވާ ބައެއް ސުވާލު ތަކަށް ވަނީ ޖަވާބުދާރީވެ، އޭނާގެ ބައްޕައާއި ދޭތެރޭ ދެކޭގޮތް ވެސް އާންމުކޮށްފައެވެ.

ސަންޖޭގެ ދަރިއަކަށް ވުމުން ކުރެވެނީ ކޮންކަހަލަ އިހްސާސްއެއްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ޓްރިޝާލާ ބުނެފަިއވަނީ ބައްޕައާއިއެކު ހުންނަ ވަގުތު ވަކި ތަފާތެއް އިހްސާސް ނުކުރެވޭ ކަމުގައާއި އެއީ ހަމަ އެހެން ބައްޕައިން ފަދައިން "ނޯމަލް ޑޭޑް" އެއް ކަމަށެވެ.

trishala dutt talks about father sanjay dutt

 

ޓްރިޝާލާއަށް ކުރިމަތި ކުރެވުނު އަނެއް ސުވާލަކީ އޭނާގެ އުޅުން ބޮޑަށް ވައްތަރީ މަންމައާއި ބައްޕަގެ ތެރެއިން ކާކާތޯއެެވެ. މީގެ ޖަވާބުގައި އޭނާ ބުނެފައިވަނީ އޭނާގެ ރުޅިގަނޑާއި އުޅުން ހުންނަނީ ބައްޕަގެ ގޮތަށްކަމަށާއި، އޯގާތެރިކަން ލިބިފައިވަނީ މަންމަގެ ފަރާތުން ކަމަށެވެ. އަދި ދީލަތިކަމުގެ ސްޓައިލް ލިބިފައިވަނީ އެދެމީހުންގެ ފަރާތުން ކަމަށްވެސް އޭނާ ބުނެއެވެ.

ޓްރިޝާލާ އިތުރަށް ބުނެފައިވަނީ އޭނާގެ ޑޭޓިން ލައިފްއާއި މެދު ސަންޖޭ ސްޓްރިކްޓް ނޫން ކަމަށާއި ނަމަވެސް އަބަދުވެސް އެކަމާއި ގުޅިގެން ލެކްޗާރސް ލިބޭ ކަމުގައެވެ.

މިހާރު އުމުރުން 30 އަހަރުވެފައިވާ ޓްރިޝާލާގެ މަންމަ، ރިޗާ ޝަރްމާވަނީ އޭނާ ވަރަށް ކުޑައިރު ކެންސަރު ޖެހުމުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އޭގެފަހުން ޓްރިޝާލާ ދިރިއުޅުމުން ގެންދަނީ އޭނާގެ މާމަމެންނާއިއެކު، ނިޔުޔޯކުގައެވެ. ނަމަވެސް، ޓްރިޝާލާ އިންޑިއާއަށް އައިސް އޭނާގެ ބައްޕައާއި ބައްދަލު ކުރާކަމަށް ބައެއް ބޭރުގެ ޚަބަރުތައް ބުނެއެވެ.