ބުރުގާ އެޅުމަކީ ބައެއް ކަންކަން ނުކުރެވޭނޭ ސަބަބެއް ކަމަށް، ބައެއް ޤައުމުތަކުން ދައްކައެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި، މުސްލިމު އަންހެން ކުދިން ނުވަތަ އަންހެނުން ބުރުގާ އެޅުމަކީ، އެމީހުން މުޖުތަމަޢުން ބޭރުކޮށްލާ ކަމެކެވެ. މިއަދުގެ ތަހުޒީބު ދުނިޔޭގައިވެސް ކަން އޮތީ މިހެންނެވެ.

އެހެންނަމަވެސް، މެލޭޝިޔާ އަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މި އަންހެން މީހާއަކީ، ބުރުގާ އަޅައިގެން ހުރިކަމުގައިވިޔަސް، އޭނާ ބޭނުންވާ ރޮނގަކުން ކުރިއަށް ދަމުންދާ މީހެކެވެ. އޭނާގެ ހުނަރާއި ޤާބިލުކަން ހުރި ރޮނގުން، ކުރިއަށް ފިޔަވަޅު އަޅަމުންދާ މީހެކެވެ.

ޣައިރުއްނިސާ އެންދަންގ ވަހްޔޫދީ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ބޯޅައިގެ ފްރީ ސްޓައިލް އުކުޅުތައް ދެއްކުމުގައި ކުރިއަށް ދާ ފަރާތެކެވެ. އެކި ގޮތްގޮތަށް ބޯޅަ އަނބުރާލުމާއި އަދި އެނޫންވެސް ގޮތްގޮތް، ބޯޅައަށް ހަދާލުމަކީ އޭނާއަށް ފަސޭހަ ކަމެކެވެ. ހަމައެހެންމެ، ނިތްކުރިމަތީގައި ބޯޅަ ބެލެންސް ކޮށްލުމަކީވެސް، އޭނާއަށް އުނދަގޫ ކަމެއް ނޫނެވެ.

ކޮލެޖެއްގައި ތައުލީމު ޚާޞިލު ކުރަމުންދާ ޣައިރުއްނިސާ، "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ ބުރުގާއަކީ އޭނާއަށް އެއްގޮތަކަށްވެސް އޮތް ހުރަހެއް ނޫންކަމުގައެވެ. ވެރި ރަށް ކުއާލަ ލަމްޕޫރާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ޕާކެއްގައި، އޭނާގެ ހުނަރުތައް ފަރިތަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ ބުނެފައިވަނީ މިއީ ހަމަ އާދައިގެ ކަމެއް ކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ބުރުގާ އަޅައިގެން ފަރިތަކުރުމަކީވެސް އަދި ބޯޅައިން އެކި އުކުޅުތައް ދައްކާލުމަކީވެސް އުނދަގޫ ކަމެއް ނޫނެވެ.

ޣައިރުއްނިސާ ބުނެފައިވާ ގޮތުގައި އިސްލާމް ދީނުގައިވެސް، ވަކި ހޫދުދެއްގެ ދަށުން އަންހެނުންނަށް ކުޅިވަރު ކުޅުމުގެ ކަންކަމުގައިވެސް ބައިވެރިވެވޭނެކަމަށެވެ.

މީގެއިތުރުން، އޭނާ ބުނެފައިވަނީ އެޤައުމުގައި އާއްމުކޮށް ފްރީ ސްޓައިލް ދާއިރާގައި އުޅެނީ ފިރިހެނުންކަމަށާއި އެހެންނަމަވެސް، ގިނަ އަންހެނުން އެކަން ކުރުމަށް ހިތްޖެހެމުންދާކަމަށެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ މިކަންކަން ކުރުމުގައި އޭނާ އަޅައިގެން ހުރީ ސްޕޯޓްސް ބުރުގާވެސް ނޫންކަމުގައެވެ. އަދި، އޭނާ އަޅައިގެން ހުރީ ދޫކޮށް، ހަމަ އާދައިގެ ބުރުގާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭނާ

    ނަމޫނާ ތަރިއެއް...

    • ކިޔާ

      އަސްލުވެސް.މިރާއްޖޭގަ ކަސްރަތުކުރާ އަދި ކުޅިވަރުކުޅޭ އަންހެނުންގެ ހެދުންއެޅުން ހުރިގޮތް ފެނިފަ ސަހަރޯހީވޭ....އަދި ގިނައަންހެނުން އާންމުކޮށް ލައިއުޅޭ ހެދުންތައްވެސް އެފަދަ.ލަދުން ބޯހަލާކު.

  2. ލޮލި

    ޙެހެހެ