ބޮލީވުޑްގެ "ބިޒީ" ތަރިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ދޭން ޖެހޭނޭ އެއް ފަންނާނަކީ އެކްޓްރެސް ކެތުރީނާ ކައިފްއެވެ. ފަހަރަކު ފިލްމަކަށްފަހު ފިލްމެއްގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ކެތުރީނާ އަށް މި މަހުގެ 16 ވަނަ ދުވަހު 35 އަހަރު ފުރިގެންދާއިރު، މިފަހަރުގެ އުފަންދުވަހުގެ ބައެއް މައުލޫމާތު އޭނާ މިހާރު މިވަނީ އާންމުކޮށްފައެވެ.

ބިޒީ ދިރިއުޅުމެއް އުޅެމުންދާ ކެތުރީނާއަށް އޭނާގެ އުފަންދުވަސް އާއިލާއާއިއެކު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހައްޤު އޮންނާނެކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ފިލްމީ ދާއިރާގެ ކަންތައްތަކުން ބްރޭކެއް ނަގާ އާއިލާއާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރުމަށް ނިންމާފައިވާ ކަމަށް ކެތުރީނާ މިވަނީ ބުނެފައެވެ.

އަދި އަބަދުވެސް އާއިލީ ޗުއްޓީތަކަށް ގޮސްއުޅޭ މަންޒިލަކަށް މިފަހަރުވެސް ދިޔުމަށް ނިންމާފައިވާ ކަމަށާއި އިތުރު މައުލޫމާތު އާންމުކުރެވެން ނެތް ކަމަށް ކެތުރީނާ ބުނެފައިވެއެވެ.

ކެތުރީނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "ޓައިގާ ޒިންދާ ހާއި"އިންނެވެ. މި ފިލްމުގައި އޭނާ އާއިއެކު ސަލްމާން ޚާން ހަރަކާތްތެރިވެފައިވާއިރު، އޭނާގެ ކުރިއަށް ނިކުންނަން އޮތް ފިލްމު "ތަގްސް އޮފް ހިންދުސްތާން"ގައި އޭނާ އާއިއެކު ފެނިގެންދާނީ އާމިރް ޚާންއެވެ. އަދި ކުރިއަށް ހުރި ފިލްމުތަކުގެ ލިސްޓުގައި ފިލްމު "ޒީރޯ" ވެސް އެބައިން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

އުފަންދުވަހުގެ ބްރޭކަށްފަހު، މި މަހުގެ 18 ވަނަ ދުވަހު އަނެއްކާވެސް އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ"ގެ ޝޫޓިންގެ މަސައްކަތްތައް ފަށާނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.