ފިލްމްތަކަކީ އެ ފިލްމެއްގައި އެކި ކަހަލަ ސްޓަންޓް ގިނަވި ވަރަކަށް އެ ފިލްމެއް މީހުން ބަލާ ހިތްވާ މިންވަރުވެސް އިތުރުވާ އެއްޗިއްސެވެ. މިގޮތުން ސައިކަލް އަދި ކާރު ފަދަ ތަކެތީގެ އެކި ސްޓަންޓް ހެދުމުގައި ކަމާއިބެހޭ ކަމުގެ ތަޖުރިބާކާރުން ބޭނުންކުރެވޭއިރު އަނެއްބައި ސްޓަންޓްތަކަކީ ސައިންސްގެ އެހީގައި އުފެއްދޭ އެއްޗިހިތަކެއް ބޭނުންކޮށްގެން ހެދޭ ސްޓަންޓްތަކެވެ.

މިފަދަ އެންމެ އާންމު އަދި މަގުބޫލު އެއް ސްޓަންޓްއަކީ ބިއްލޫރި ފުޅި އަދި ތަށި ފަދަ ތަކެތި އެކްޓަރުންގެ ބޯ މައްޗަށް ފިލްމްގެ ސީންތަކުގައި ތަޅާލާތަން ދައްކުވައިދޭ މަންޒަރެވެ. ހަގީގަތުގައި ބިއްލޫރި އަކީ މިފަދަ ގޮތަކަށް ބޭނުންކުރެވިއްޖެ ނަމަ ސީރިއަސް އަނިޔާތަކެއް ވުން އެކަށީގެންވާހާ ނުރައްކާތެރި އެއްޗެކެވެ. ވުމާއިއެކު ދެން ފިލްމް ހަދާ ފަރާތްތަކަށް ޖެހޭނީ މި މަގުބޫލު ސްޓަންޓް ހެދުމަށްޓަކައި ރައްކާތެރި ގޮތެއް ނުވަތަ އުކުޅެއް ހޯދާކަށްނޫންތޯ؟

ދެން އީޖާދުވެގެންދިޔައީ ސުގާރ ގްލާސް ނުވަތަ ހަކުރުން އުފެއްދޭ ބިއްލޫރިއާއި އެއްގޮތް މާއްދާއެކެވެ. މި އީޖާދަކީ ފަސޭހައިން އުފައްދާލެވޭ އަގުހެޔޮ އަދި ރައްކާތެރި އެއްޗެކެވެ. މި ސުގާރ ގްލާސްއިން ބިއްލޫރިއާއި އެއްގޮތްކަމެއް ބަލާބެލުމަށް ހުރިނަމަވެސް މިއީ ބިއްލޫރިއަށްވުރެ އެތައް ގުނަ ރައްކާތެރި އެއްޗެކެވެ. ސުގާރ ގްލާސް އުފެއްދުމަށް ބޭނުންވަނީ ހަކުރު، ފެން، ލައިޓް ކޯން ސިރަޕް އަދި ކްރީމް އޮފް ޓާޓާރއެވެ.

މި ދެންނެވުނު ތަކެތި އެއްކުރުމަށްފަހު ބޭނުންވާ ބައްޓަމަކަށްވެސް ހެދޭއިރު މިއީ ކޮންމެވެސް ވަރަކަށް ހޫނުކޮށް ކައްކައިގެން އުފެއްދޭ އެއްޗެކެވެ. މިގޮތުން މި ސުގާރ ގްލާސް އުފެއްދުމަށް ވަކި ވަރެއްގެ ފިނިހޫނުމިނެއްވެސް ބޭނުންވާއިރު ބިއްލޫރިއާއި ވައްތަރުކުރުމަށް މިއީ ވަރަށް ސަމާލުވެގެން އުފައްދަންޖެހޭ އެއްޗެކެވެ. މި މަސައްކަތަކީ މުޅިއަކު 45 މިނެޓާއި އެއް ގަޑިއިރު ގެ ވަގުތެއް ހޭދަވާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު