ވަތްގަނޑުގެ ތެރެއިން ކަޅު ކުލައިގެ ފޮތިގަނޑެއް އޭނާ ނެގިއެވެ. ހިނިއައިސް ހުރެ އޭނާ އެ ފޮތިގަނޑުން މުޅި ލޯގަނޑު ނިވައ ކޮށްލިއެވެ. ދެން ދުވަހަކުން އޭނާގެ ރަނގަޅު ސިފަތަކާއި ކުރިމަތި ލާން ބޭނުން ނުވާތީއެވެ. އޭނާ އެ ހުރި ގޮތުގައި ކުރިއަށް ދިއުމުގެ ބޭނުމުގައެވެ. މާޒީވެ ދިޔަ ދުވަސްތައް ހަނދާނުން ފޮހެލަމުންނެވެ. ހަމައެކަނި އޭނާ ލޯބިވާ އަހްލާމް ހޯދުމުގެ ބޭނުމުގައެވެ. އަހްލާމާއެކު މުޅި އުމުރަށް ހޭދަކުރުމުގެ ނިޔަތުގައެވެ.

"ކޮބައިތޯ އެބޭފުޅާ؟" ޒާހީ ފުލުސް އޮފީހަށް ވަދެ އޭނާގެ ދަށުން މަސައްކަތްކުރާ ރަޝީދު ގާތުގައި ސުވާލުކުރިއެވެ.

"ސަރ ވިދާޅުވި ގޮތަށް އެބައިން އިންވެސްޓިގޭޝަން ރޫމްގައި!" ރަޝީދު ގޮނޑިން ތެދުވަމުން ޖަވާބު ދިނެވެ.

"އޭނާގެ ހަރަކާތްތައް މޮނިޓަރ ކުރިންތަ؟" ޒާހީ އިތުރު ސުވާލެއް ކޮށްލިއެވެ.

"ޔޭސް ސަރ! ހުރިހާ ހަރަތާކެއްވެސް ވަރަށް ގާތުން ބަލަމުން މިދަނީ!" ރަޝީދު އަދަބުވެރިކަމާއެކުގައި ޖަވާބު ދިނެވެ.

"އަލީފް އިހަށް މަޑުކޮށްލާ! އަލީފް އެ ރޫމްގައި އިން ތަން އިސް ފަރާތަކަށް ފެނިއްޖެނަމަ، އިޓް ވިލް ނޮޓް ބީ ގުޑް!" ޒާހީ ތަހުޤީޤްކުރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"މިފްޒާލް!" އެ ތަނުގައި ހުރި ޓީވީއަކުން ތަހުޤީޤް ކޮޓަރީގައި އިން މިފްޒާލް ފެނުމާއެކު އަލީފަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަހަރެން މިފްޒާލްއާ ކޮށްލަން ބޭނުންވާ ސުވާލުތަކެއް އެބަހުރި!" ޒާހީ މިފްޒާލާ ކުރިމަތިވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. "އެންމެ ރަނގަޅުތޯ؟"

"ލައްބަ! ކުރިއަށް ގެންދަވާ!" މިފްޒާލް ޒާހީއާ ދިމާއަށް ބަލައިލީ ވާނުވާއެއް ނޭނގޭ ހާލުގައެވެ.

"އަހްލާމް ދަންނަންތޯ؟" ޒާހީ މޭޒުމަތީގައި ދެ އަތް ބޭއްވިއެވެ.

"ލައްބަ! އެއީ ކޮލެޖް ކުއްޖެއް!" މިފްޒާލް އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.

"އަހްލާމާ އޮންނަނީ ކޮން ކަހަލަ ގުޅުމެއް!" ޒާހީ މިފްޒާލްގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ ތޫނު ނަޒަރަކުންނެވެ.

"އެއްވެސް ކަހަލަ ގުޅުމެއް ނޯވެ!" މިފްޒާލް ބަލައިލީ ސީދާ ޒާހީގެ ލޮލަށެވެ. "ކިހިނެއްތޯވީ؟"

"އަހަރެމެން އަހްލާމާ ބެހޭ ގޮތުން އެކި ކުދިންނާ ސުވާލުކުރަމުން މިދަނީ!" ޒާހީ ބުނި ޖުމުލައެއް ހަމައެއް ނުޖެހެއެވެ.

"ތި ވިދާޅުވީ؟" މިފްޒާލަށް އެ ޖުމުލައިން އެއްވެސް މާނައެއް ދޭހައެއް ނުވިއެވެ.

"ވެގެން އުޅޭ ގޮތަކީ... އަހްލާމް ގެއްލިގެން ހޯދަމުން މިދަނީ!" ޒާހީ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. "އަދިވެސް އަހްލާމް ފެނިފައެއް ނުވޭ! އެހެންވުމުން އަހްލާމްގެ އެއްވެސް މައުލޫމާތެއް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ!"

"ގެއްލުނީއޭ..!" މިފްޒާލަށް ލިބުނީ ކުއްލި ސިހުމެކެވެ. "މަޢަފްކުރައްވާ! އަޅުގަނޑު އަހްލާމާ ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަން އަޅުގަނޑަށް ކާމިޔާބެއް ނުވި!"

"ކޮން ބޭނުމަކު؟" ޒާހީ މަޑުމަޑުން ގޮނޑީގައި އިށީނެވެ.

"ތިޔަ ބޭފުޅުންގެ މައުލޫމާތަށްޓަކައި އަޅުގަނޑަށް އެނގޭ މިންވަރެއް ފެށިގެން ކިޔައިދޭނަން! އެއް ދުވަހަކު އަޅުގަނޑު މަޖީދީ މަގުން ދަނިކޮށް އަޅުގަނޑު ހިތް އެދޭ ކަހަލަ ކުއްޖެއް ފެނުނު!" މިފްޒާލް ހިންދިރުވައިލިއެވެ. "އަޅުގަނޑު އެފަދަ ކުއްޖަކަށް އިންތިޒާރުކުރާތާ އެތައް ދުވަހެއް ފަހުން ފެނުނު ކުއްޖާ ގެއްލޭކަށް ހިތެއް ނޭދުނު. އެއީ އެކަމަށް ބޭނުންވެފައި ހުރިވަރުން!"

"ހުމް..." މިފްޒާލްގެ ވާހަކައަށް ޒާހީ ނިކަން ޝައުޤުވެރިވިކަމަށް ހެދިއެވެ.

"އޭނާގެ ފަހަތުން އަޅުގަނޑު މަޑުމަޑުން ދިޔައިން. އެކަމަކު އޭނާއާ އަރައި ހަމަކޮށް ވާހަކަދެއްކުން އެއީ އެންމެ ބުއްދިވެރި ގޮތަށް ނުވީމަ އަޅުގަނޑު ބެލީ އޭނާ ދަނީ ކޮން ތަނަކަށްތޯ! އޭނާ ގޮސް ގެއެއް ކައިރީގައި މަޑުކުރި!" މިފްޒާލް އެއްވެސް ފޮރުވުމެއް ނެތި އޭނާގެ ޑައިރީގެ ސަފްޙާތައް އުކަމުން ދިޔައެވެ. "ދެން ފެނުނީ އަހްލާމް! އަޅުގަނޑު ދުރުގައި ދެ ކުދިންގެ ހަރަކާތްތަކަށް ބެލަން ހުރުމުން އެއީ ވަރަށް ގާތް ދެ ރަޙްމަތްތެރިންކަން އަޅުގަނޑަށް ޔަޤީންވި!"

"ދެން ކިހިނެއްތޯވީ؟" ޒާހީއަށް ބޭއިޚްތިޔާރުގައި ސުވާލުކުރެވުނެވެ.

"ދެން އޭގެ ފަހުން އަޅުގަނޑު ބޭނުންވާ ކުއްޖާ ނުފެނި ދުވަސްތަކެއް ވެފައި، އަޅުގަނޑަށް އަހްލާމް ކޮލެޖުން ފެނުނު! ފުރަތަމަ ފުރުސަތުގެ ބޭނުން ނުހިފަ އުޅެނިކޮށް އެ ފުރުސަތު ގެއްލުނީ. އެހެންވެ އަޅުގަނޑުގެ ހިތް ދެވަނަ ފުރުސަތު ގެއްލުމަކަށް ނޭދުނު! އަޅުގަނޑު އަހްލާމާ ވާހަކަދައްކަން މަސައްކަތްކުރީ އެ ދުވަހު އޭނާގެ ގާތުގައި ހުރި ކުއްޖާގެ ނަން އަހާލުމަށް!" މިފްޒާލްއަށް އިސްޖަހައިލެވުނެވެ. "އަޅުގަނޑު ބޭނުންވީ އަހްލާމް މެދުވެރިކޮށް އެކަން ކާމިޔާބުކުރަން! އެކަމަކު އަހްލާމް އަޅުގަނޑާ އެއްވެސް ގޮތަކުން ވާހަކައެއް ނުދައްކާ! ވާހަކަދައްކާކަށް ކޮންމެހެން ނުވެސް ޖެހޭނެ!"

"އޭގެ ފަހުން!" ޒާހީ މަޑުމަޑުން މިފްޒާލްގެ ވާހަކައަށް ގެއްލެމުން ދިޔައެވެ.

"އޭގެ ފަހުން އެ ކުއްޖާ އަޅުގަނޑަށް ފެނުނީ ޤައުމީ ކުތުބުހާނާއިން! އެ ދުވަހު އަހްލާމްވެސް އޭނާގެ ގާތުގައި އިން! އަދި އެ ކުއްޖާ އަޅުގަނޑަށް ބަލަމުން ދިޔަ ގޮތުން އަޅުގަނޑު ބޭނުންވާ ކަންތައް ކާމިޔާބުވާހެން ހީވި! އެކަމަކު..." މިފްޒާލް ގަދަކަމުން ހިންދިރުވައިލިއެވެ. "އެކަމަކު! އަޅުގަނޑު ތިން ވަނަ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ތެދުވަން އުޅެނިކޮށް އަހްލާމް ކުއްލިއަކަށް ނުކުމެގެން ދިޔައީ! އަހްލާމްގެ ފަހަތުން އޭނާވެސް ނުކުމެގެން ދިޔައީ!"

"އެހެންތަ!" ޒާހީގެ ދެ ލޯ ކުޑަކޮށް ބޮޑުވެގެން ދިޔައެވެ. "ދެން ކިހިނެއްވީ؟"

"އޭގެ ފަހުން އަޅުގަނޑަށް އެ ކުއްޖާ ގެއްލުނީ!" މިފްޒާލްގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. "އަދި އޭގެ ފަހުން އަހްލާމްވެސް ކޮލެޖަކުން އަޅުގަނޑު ނުދެކެން!"

"އަހަރެން މިފްޒާލް ދެއްކި ވާހަކަތައް ކަނުލައި އަޑުއަހައިފިން. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތި ދެއްވި މައުލޫމާތަށް!" ޒާހީ ގޮނޑިން ތެދުވެ މިފްޒާލްއާ ސަލާމް ކުރުމަށް އަތް ދިއްކޮށްލިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ ޤައުމު އަމާން ތަނަކަށް ހެދުމަށްޓަކައި! ތިފަދަ ބޭފުޅުން ތިއީ މި ޤައުމު އަމާން ތަނަކަށް ހެދުމަށްޓަކައި ކޮންމެހެން ބޭނުންވާ ބައެއް!"

"އަޅުގަނޑުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ!" މިފްޒާލް ތަހުޤީޤުކުރާ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

"މިފްޒާލް!" ޒާހީ މިފްޒާލަށް އެކުގައި ތަހުޤީޤުކުރާ ކޮޓަރިން ނުކުތެވެ. "ތި ދެއްވި ނުހަނު ގިނަގުނަ މައުލޫމާތުގެ ބަދަލުގައި އަހަރެން މިފްޒާލަށް ނަމެއް ބުނެދޭން ބޭނުންވޭ!"

"އެއީ ކޮން ނަމެއްތޯ؟" މިފްޒާލްގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ.

"އެއީ ނަފާޒާގެ ނަން!" އަލީފް ތަހުޤީޤުކުރާ ކޮޓަރި ކައިރިއަށް އައީ އަވަސް ހިނގުމެއްގައެވެ. "އާނ! މިފްޒާލަށް ލޯބިވެވުނީ ނަފާޒާއޭ ކިޔައި ކުއްޖެއް ދެކެ!"

"ކިހިނެއް..؟" ޒާހީ ދެއްކި ވާހަކަ އަލީފް މެދު ކަނޑައިލިއެވެ.

"އަހަރެން އެތަނުގައި އިން ކުއްޖާ މެދުވެރިކޮށް ޒާހީމެން ދެއްކި ވާހަކަތައް އަޑު އެހިން." އަލީފް މިފްޒާލާ ދިމާއަށް އެއް ލޯ މަރައިލިއެވެ.

"އަލީފްވެސް މިކަމުގައި އެބަ އުޅެންތަ؟" މިފްޒާލް ހުރިހާ ކަންކަން ވެ ނިމިގެންދާލެއް އަވަސްކަމުން ހައިރާންވެ އަންތަރީސްވެފައެވެ. "މިކަމުގައި އަލީފް އުޅެންޏާ އަހަރެންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް މިކަމަށް ދޭނަން!"

"މިފްޒާލް އަލީފް ދަންނަންތަ؟" ޒާހީއަށް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލި

    އަޅޭ ހާދަ ކުރޭ

  2. ހަފުސާ

    މާކުރު

  3. Anonymous

    އަޅޭ ހާދަ ކުރޭ

  4. ޏނނ

    ހާދަ ކުރޭ.... އެހާގިނަ ދުވަސްކޮށްފަައި ގެނެސްދިް އިރުވެސް.... ޕްލީޒް ދެން އޮތްބައި އަވަހަ،ށްގެނެސްދޭތި...އަދި ދިގުކޮށްގެނެސްދޭތި...