(ހއ. މާރަންދޫ) އެއީ ވަރަށް ފުރިހަމައަށް ހަދާފައިވާ ޒަމާނީ ގެއެކެވެ. އަތްތެރި މަސައްކަތްތަކުގެ ބޮޑު މިސާލެކެވެ. ކޮޓަރިއަށް ނަޒަރު ހިންގާލާ އިރު، ހުރިހާ ފަރުނީޗަރެއް ހެދީ އެތައް ދުވަހެއްގެ މަސައްކަތުން އަމިއްލައަށެވެ. އަމިއްލަ ވަޑާންގޭގައި ކުރި މަސައްކަތުންނެވެ. ވަރަށް ފުރިހަމައެވެ.

އެގޭގެ ކޮންމެ ފަރުނީޗަރަކީ އޭނާގެ އަތްތެރި މަސައްކަތެވެ. އެއީ އޭނާގެ ކޮޓަރި، ސިޓީންގް ރޫމް ކަމުގައިވިޔަސް ނޫނީ، އޭނާގެ ބަދިގެ އާއި ދަރިން އުޅޭ ކޮޓަރި ކަމުގައިވިޔަސް އަޖައިބުވާހާ ރީއްޗެވެ. އެ ހުރިހާ ތަނެއްގެ ހުރިހާ މަސައްކަތަކީވެސް އޭނާގެ އަމިއްލަ އަތުން ކުރި މަސައްކަތެވެ. މިއީ ބުރަ ވަގުތު ދީގެން ނޫނީ ނުކުރެވޭނެ މަސައްކަތެކެވެ. ބައެއް މަސައްކަތްތައް އޭރު ވެސް ދިޔައީ ކުރަމުންނެވެ.

މާރަންދޫ ހަސަންގެ ވަޑާމުގެ މަސައްކަތް ފެނިގެންދާ އޭނާގެ ގޭގެ ކޮޓަރިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭނާގެ ގެއާއި ޖެހިގެން ހަދާފައިވާ ކުޑަކުޑަ ވަޑާން ގޭގައިވެސް ބައެއް މަސައްކަތްތައް ފަށާފައި ހުއްޓެވެ.

މާރަންދޫ ހަސަންގެ ވަޑާމުގެ މަސައްކަތް ކުރަމުންދާ ވަޑާންގެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ މާރަންދޫ ކައުންސިލްގެ ކުރީގެ ރައީސް ހަސަން އަހްމަދުގެ ވަޑާމުގެ މަސައްކަތުގެ ވާހަކައެވެ. ހައިޒަން ކާޕެންޓްރީގެ ނަމުގައި އަމިއްލަ ކުންފުންޏެއް ރެޖިސްޓަކޮށްގެން އެ މަސައްކަތް ކުރަމުން އަންނަ ހަސަން ވިދާޅުވިގޮތުގައި، މަސައްކަތުގެ ދާއިރާއަށް އޭނާ ނުކުންނެވީ މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ.

މާރަންދޫއިން ތައުލީމް ހާސިލް ކުރުމަށްފަހު ވަޒީފާއަށް އޭނާ ނުކުތީ މާލޭގެ އެލިއާއަށެވެ. އެތަނުގައި އަހަރެއްހާ ދުވަހުގެ މަސައްކަތުގައި އުޅުމަށްފަހު ރަށަށް އެނބުރި އައިސް ވަޑާމުގެ މަސައްކަތުގައި އުޅުނީ އެމްއައިޓީ ކާޕެންޓްރީ ނަމަކަށް ކިޔާ ތަނެއްގައެވެ. 1998 ވަނަ އަހަރު އޭނާ އެތަނަށް ވަތް އިރު، އުމުރަކީ ގާތްގަނޑަކަށް 18 އަހަރެވެ. އޭރު އެތަނުގައި ހަސަން އުޅުނީ ލޭބަރެއްގެ ގޮތުގައެވެ.

މާރަންދޫ ހަސަން "ވަގުތު" އާ ވާހަކަ ދައްކަނީ. - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭރު އޭނާއަށް އެ މަސައްކަތުގެ މާބޮޑު ތަޖުރިބާއެއް ނެތްކަމުގައި ވިޔަސް އެތަނުގެ ވެރިޔާ ދިން ލަފަޔާ އެއްގޮތަށް މަސައްކަތަށް ވަރަށް ބޮޑަށް އަހުލުވެރިވިއެވެ.

"އެންމެ ބޮޑު ކަމަކަށް ދެނެގަތީ މީހުންގެ ކިބައިން ކިހިނެއްތޯ މަސައްކަތުގެ ދާއިރާގައި ކަންކަން ގެންގުޅޭނީ. އެގޮތުން އަޅުގަނޑަށް އެންމެ ފާހަގަކުރެވުނީ ވަގުތަށް ކަމޭހިތުން، މާނައަކީ އެ އޮންނަ ގަޑިއަށް ހާޒިރުވެ ގަޑިއަށް މަސައްކަތް ނިންމުން". ހަސަން ވިދާޅުވިއެވެ.

މާރަންދޫ ހަސަންގެ ވަޑާމުގެ މަސައްކަތް ފެނިގެންދާ އޭނާގެ ގެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރިން އޭނާއަށް ލިބިވަޑައިގަންނަވާ މުސާރައަކީ 2000ރ އެވެ. އެކަމަކު ފުރަތަމަ ބޭނުންވަނީ މުސާރައެެއް ނޫން ކަމަށް ބަލައިގެން ކުރިއަށް ދިޔައީ، މަސައްކަތްތައް ދަސް ކުރުމުގެ ބޭނުމުގައެވެ.

ހަސަންގެ މަސައްކަތް ފެންނަ އޭނާގެ ގޭގެ ކޮފީ މޭޒު

އެގޮތުން މިކަން ކުރަން ދަންނަ މީހުންގެ ފަހަތުން މަސައްކަތްތައް ކުރައްވަމުން ދިޔައީ އަތްދަށު ވަޑިއެއްގެ ގޮތުގައެވެ.

ވަޑާމުގެ މަސައްކަތުގައި މާރަންދޫ ހަސަން އާއި އޭނާގެ ރައްޓެހިން

އެ ކާޕެންޓްރީގައި 14 ވަރަކަށް އަހަރު ހަސަން މަސައްކަތް ކުރެއްވިއެވެ. އިމާރާތް ކުރުމުގެ މަސައްކަތާއި އެކި މަސައްކަތެއް ކުރެއްވުމުގައި. އެ މަސައްކަތްތަކުގައި އެތައް އަހަރު އުޅުއްވުމަށް ފަހު އޭނާ ބޭނުންވީ އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. ރަށުގައި އެފަަދަ ކަންކަން ފުޅާކުރާށެވެ. ރަށުގެ މީހުންނަށް މިކަންކަން އެނގުމަށެވެ. ކާބަފައިންގެ ވަޑާމުގެ މަސައްކަތްތައް ޒުވާނުންނަށް ދަސްކޮށްދިނުމަށެވެ.

މާރަންދޫ ހަސަންގެ ވަޑާމުގެ މަސައްކަތް ފެނިގެންދާ އޭނާގެ ގޭގެ ކޮޓަރިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ހަސަން އެކަން އާ ޖޯޝަކާއި ފޯރީގައި ފެއްޓެވިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މޮޑެލްތަކާއި، އަމިއްލަ ގޮތްތައް ތައާރަފް ކުރިއެވެ. އަމިއްލަ ވިސްނުމުގައި މިކަން ކުރިއަރުވަން ފެށިއެވެ.

"މިއީ އެއްވެސް ހާލެއްގައި މީހެއް ކައިރިން ދަސްކުރި މަސައްކަތެއް ނޫން މިއީ، އަޅުގަނޑުގެ އިންޓަލިޖެންސް ބޭނުންކޮށްގެން އާ މޮޑެލްތައް ތައާރަފްކޮށް، އިންޓަނެޓްގެ ޒަރިއްޔާއިން އެއްޗެހިތައް ބަލާ، އެ މޮޑެލް އެންމެ ފަސޭހައިން ކުރެވޭނެ ގޮތްތައް ބަލާ ހެދީ". ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވިގޮތުގައި، ބޮޑަށް މި މަސައްކަތުގައި އޭނާ އެކަނި އުުޅުއްވި ނަމަވެސް އަތް ގާތްކޮށްލަދޭން ބައެއް މީހުން އައިސް އުޅެއެވެ. އެކަމަކު ލިބޭ ޕްރޮޖެކްޓްތަކަށް މީހުން ނަގާ ހަދައެވެ.

ޒިންމާ ބޮޑު މަގާމެއް އަދާ ކުރަމުންދިޔަ އޭނާ މި މަސައްކަތުގައި އުޅެނީ ލިބޭ ހުސް ވަގުތުތަކުގައެވެ.

ހަސަންގެ މަސައްކަތްތައް ފެންނާނީ އޭނާގެ އަމިއްލަ ގެއިން އެކަންޏެއް ނޫނެވެ. ރަށުގެ ގިނަ ގެތަކުން އޭނާގެ މަސައްކަތްތައް ފެނިގެން ދާނެއެވެ. އެގޮތުން ބައެެއް ގެތަކުގައި އެނދާއި ކަބަޑާއި، އަލަމާރި ފަދަ އެއްޗެހި ޖަހާފައި ހުންނާނީ އޭނާގެ އަތުންނެވެ. ސީލިންގް އެޅުމާއި، މުށި ޖެހުމަކީވެސް އޭނާ ކުރައްވާ މަސައްކަތެވެ.

ހަސަން ފާހަގަކުރެއްވި ގޮތުގައި، އޭނާގެ މަސައްކަތްތަކަށް ގިނަބައެއްގެ ތައުރީފް އޮހެއެވެ. އޭގެ ތެރޭގައި ރަށުގެ ކަމުވޮށިގެންވާ މީހުންވެސް ހިމެނެއެވެ. އަދި ރަށުގެ ބޭރުގެ މީހުންވެސް ހިމެނެއެވެ.

މާރަންދޫ ހަސަންގެ ވަޑާމުގެ މަސައްކަތް ފެނިގެންދާ އޭނާގެ ގޭގެ ކޮޓަރިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މާ އަވަސް އަރުވާފައި އޭނާ މަސައްކަތްކޮށް ނުކުރައްވައެވެ. އެހެންކަމުން އޭނާއާ މަސައްކަތްތައް މީހުން ހަވާލު ކުރަނީ އެކަން ދަނެގެންނެވެ.

ނަމަވެސް ހަސަންގެގެ މަސައްކަތްތައް ފުރިހަމަވެފައި ސާފްތާހިރު ވުމަކީ ގިނަބަޔަކު އޭނާއާ މަސައްކަތްތައް ހަވާލުކުރާ މުހިންމު އެއް ސަބަބެވެ. މި ސަބަބާ އެކީގައި ވެސް އޯޑަރުތައް ހަސަން ލިބިވަޑައިގަންނަވައެވެ.

ހަސަންގެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފް ލިބޭއިރު، އޭނާއަށް އެ ދާއިރާގައި ކުރަން ނޭނގޭ ކަމެއް ނެތެވެ. އަމިއްލަ ހިޔާލުގައި ވިސްނުމުގައި ދާއިރާގެ އެންމެ އުހުގައި އޭނާ އެ ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ޑަސްޕިން ކަންތަށް ކޮއްފަ ހުރީ

  2. އުފާ

    ހަސަނަށް ކުރިއެރުން އެދެން. އޭނާއަކީ މަސައްކަތަށްއިހްލާސްތެރި ތެދުވެރި ބޭފުޅެއް. ހަސަނަށް މިހާރު ތަކަންދޫ އިންވެސް ބައިވަރު މަސައްކަތްވަނީ ލިބިފަ.