މަޝްހޫރު ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖް ޕުޓް ދެވަނަ ދަރިޔަކަށް ތައްޔާރުވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ފުރަތަމަ ދަރިފުޅަށް މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދެ އަހަރު ފުރިގެންދާއިރު، މީގެ ކުރިން މި ދެމަފިރިން ވަނީ މީރާ ބަނޑުބޮޑު ޚަބަރު އިންސްޓަގްރާމް މެދުވެރިކޮށް އާންމު ކޮށްފައެވެ. އެއާއެކު، ބޭރުގެ މީޑިއާ ތަކުގެ ކަޅި މީރާއަށް އަމާޒުވެފައިވާތީ، މީރާ ކިރިޔާ ތަނަކަށް ދިޔަޔަސް އެ ޚަބަރެއް ނޫސްތަކަށް އަރައެވެ. މިގޮތުން، މިފަހަރު މީރާ ފެނިގެން މިއުޅެނީ ކެފޭއެއްގެ ބޭރުންނެވެ.

މަންޒަރު ދުށް ފަރާތްތަކުން ސިފަކުރާ ގޮތުގައި، މީރާގެ މޫނުމަތިން ބަނޑުބޮޑު އެހެން އަންހެނުން ފަދައިން ވަރުބަލިކަމުގެ އިހްސާސް ފެންނަން ހުރިއިރު، މީރާ މިހާރު ކަނޑައްތު ކުރަމުން އެ ގެންދަނީ "މަދާރ ހޫޑް" ގެ ދުވަސްތަކެވެ.

ރައްޓެހިވެގެން އުޅުނުދުވަސްތައް ފަދައިން އަދިވެސް މީރާއާއި ޝާހިދުގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. މީގެކުރިން މިދެމަފިރިން "ޑިނާރ ޑޭޓަކަށް" ވެސް ގޮސްފައިވާއިރު، މިފަހަރު ކެފޭއެއްގެ ބޭރުން މީރާ ފެނުމުންވެސް ގިނަބަޔަކު ބުނަމުންދަނީ ޝާހިދާއިއެކު އަނެއްކާވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލީ ކަމަށް ބެލެވޭ ކަމުގައެވެ.

 

ކުރިއާ ޚިލާފަށް ބަނޑުބޮޑުވި ހިސާބުން، މީރާ އިންސްޓަގްރާމްގައި އެކްޓިވްކަން އެއީ މީރާއާއި ޝާހިދުގެ ފޭނުން ފާހަގަ ކުރާ ކަމެކެވެ. ފަހަކަށް އައިސް އަބަދުވެސް "ޕްރެގްނެންސީ ކުއޯޓްސް" ޝެއާކޮށްހަދާއިރު، ޝާހިދާއި މީރާ އަދި އެދެމީހުންގެ ދަރިފުޅު މިޝާގެ ފޮޓޯތައްވެސް އޭނާ އިންސްޓަގްރާމް ކުރެއެވެ.

ދާދިފަހުން އިންސްޓަގްރާމް މެދުވެރިކޮށް މީރާއަށް ކުރިމަތިވި ބައެއް ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ކޮންމެހެން ވަކި ޖިންސެއްގެ ކުއްޖެއް ބޭނުންނުވާ ކަމުގައާއި ކޮންމެ ޖިންސެއްގެ ކުއްޖެއް ލިބުނު ކަމުގައިވިޔަސް މައްސަލައެއް ނެތް ކަމުގައެވެ.

މިއަހަރު ތެރޭގައި މީރާއާއި ޝާހިދުގެ ކައިވެންޏަށް ތިންއަހަރު ފުރިފައިވާއިރު، ޝާހިދު މިހާރު ތައްޔާރު ވަމުންދަނީ ފިލްމީ ދާއިރާއިން ބްރޭކެއް ނަގާ، އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލުމަށް ދިޔުމަށެވެ. އެއީ އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު މިޝާ ލިބެން އުޅުނުއިރުވެސް ޝާހިދު ކަންތައް ކުރިގޮތް ކަމަށާއި އެހެންވެ ދެވަނަ ދަރިފުޅަށްޓަކައިވެސް "ޕެޓާނިޓީ ބްރޭކް"އެއް ނަގަނީ ކަމުގައި ޝާހިދު ވަނީ ބުނެފައެވެ.