އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސް ކޮންސްޓަބަލަކު މަގުމަތީގައި މީހަކު ބާއްވާފައި އޮތް ބިސްކޯދު ޕެކެޓެއް ނެގުމުން އޭނާ ކުށްވެރިވާ ކަމަށް ފުލުހުންގެ ތަޙްޤީޤުގައި ނިންމައިފިއެވެ.

ކޮންސްޓަބަލް ތޯމަސް ހޫޕާ ކިޔާ ފުލުސް އޮފިސަރު ބިސްކޯދު ޕެކެޓް ނެގީ މިދިޔަ އަހަރުގެ މޭ މަހުއެވެ. އެމައްސަލައިގެ ތަޙްޤީޤު ފުލުހުން ނިންމީ މިދިޔަ ހަފްތާގައެވެ.

ފުލުހުންގެ ތަޙްޤީޤުގައި ނިންމީ ބިސްކޯދު ޕެކެޓަކީ އެހެން މީހެއްގެ އެއްޗެއްކަން އެނގި ހުރެ ފުލުސް އޮފިސަރު އެނެގުމަކީ އޭނާގެ އަޙްލާޤާއި މެދު މީހުންނަށް ސުވާލު އުފެދިދާނެ ސަބަބެއް ކަމަށެވެ.

މީގެ އިތުރުން ކޮންސްޓަބަލް ތޯމަސް ހުއްދަ ކޮށްފައިވާ މިންވަރަށް ވުރެ ބާރަށް ކާރު ދުއްވިކަން ސާބިތުވާ ކަމަށް ވެސް ފުލުހުންގެ ތަޙްޤީޤުގައި ވަނީ ނިންމާފައެވެ.

އަދި ދެމައްސަލަައިގެ ތަޙްޤީޤުގައި ކޮންސްޓަބަލް ތޯމަސް ފުރަތަމަ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ތަޙްޤީޤު ޓީމުން ވަނީ ނިންމާފައެވެ.

ކޮންސްޓަބަލް ތޯމަސް މިހާރު ހުރީ ހުއްދަ ކޮށްފައިވާ މިންވަރަށް ވުރެ ބާރަށް ކާރު ދުއްވި މައްސަލައިގައި، މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

މިމައްސަލައިގެ ތަޙްޤީޤު ނިންމި ނަމަވެސް ކޮންސްޓަބަލް ތޯމަސް އާއި މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ އަންނަ އަންގާރަ ދުވަހުއެވެ.

އޭނާގެ މައްޗަށް ސާބިތުވެފައިވާ ދެމައްސަލައިގެ އަދަބެއްގެ ގޮތުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކުރުން ނުވަތަ ނަސޭހަތް ދިނުމަށް ފަހު އިތުރު ފުރުސަަތެއް ދިނުމަށް ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިރާއްޖޭގައި ފުލުހުން އެހެންމީހުނަށް އަނިޔާކޮށް ގިއްގަޅުވާލަފަވެސް މިބުނަނީ ވާޖިބަށް ހުރަސް އެޅިއްޔޭ ! ކިހާތާހިރު !