ހަނގާކުރުމަކީ މިއަދު ވަރަށް އާއްމުވެފައިވާ ކަމެކެވެ. ހަނގާކުރުމުގެ ސަބަބުން ގިނަ ކުދިންތަކެއް ދަނީ ނަފުސާނީގޮތުން އެތައް ކަމަކާއި ކުރިމަތިލަމުންނެވެ.

އެހެންކަމުން މިފަދަ މުޖުތަމައަކަށް ދަރިފުޅު ތަރުބިއްޔަތު ކުރާއިރު ކުޑައިރުއްސުރެ ފެށިގެން އެފަދަ ކަންތައްތަކާއި ކުރިމަތިލުމަށާއި އެފަދަ ކަންތައްތަކުން ރައްކާތެރިވާނެ ގޮތްތައް ދަރިފުޅަށް ބުނެދީ ދަސްކޮށްދޭން ޖެހޭނެއެވެ.

މިގޮތުން ދަރިފުޅުގެ ރަހުމަތްތެރިންނާއި އެނޫން ވެސް މީހުންގެ ހަނގާކުރުންތަކުން ދަރިފުޅު ރައްކާތެރި ކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

ޖަވާބުދާރީވާން ދަސްކޮށްދިނުން

އެހެން ކުދިންގެ ފަރާތުން ހަނގާކުރުމުގެ ގޮތުން ބުނެވޭ ބަސްތަކަށް ޖަވާބުދާރީވާން ދަސްކޮށްދޭށެވެ. ޖަވާބުދާރީ ވާއިރު ކުއްޖާގެ ބަސްތައް ހަރުކަށިވެ، ހުތުރު ބަސް ބޭނުން ނުކުރުމަށް ވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. އެހެންކުދިން ދައްކާ އެފަދަ ވާހަކަތައް ހުއްޓާލަން ބުނުމަށް ކުއްޖާއަށް ދަސްކޮށްދޭން ވާނެއެވެ.

މައިންބަފައިންނާއި އޮންނަ ގުޅުން ހަރުދަނާކުރުން

ދަރިފުޅު ސުކޫލުގައި އުޅޭއިރު ނުވަތަ އެހެން ވެސް ކުދިންނާއި އެކު ހޭދަކުރާ ވަގުތުގައި ކަންތައްތައްވީ ގޮތް މައިންބަފައިންނާއި ހިއްސާ ކުރެވެހޭ ދަރިފުޅާ ގާތް ގުޅުމެއް އުފައްދަން ވާނެއެވެ. ކުއްޖެއްގެ ފަރާތުން ނޭދެވޭ ގޮތަކަށް ވާހަކަ ދެކެވޭ ނަމަ ދަރިފުޅު އެ ވާހަކަތައް މަންމަ ގާތު ބުނަން ނުކެރި ސިއްރު ކުރުމުން ކުއްޖާއަށް ނަފުސާނީ ގޮތުން ގެއްލުންވާނެއެވެ.

ރޯލްޕްލޭ ކުޅުން

ކުއްޖާއަށް ޖަވާބުދާރީވާން ދަސްކޮށްދިން ނަމަވެސް އެފަދަ ކަމެއް ދިމާވުމުން އެއްޗެކޭ ބުނަން ނުކެރިދާނެއެވެ. އެހެންކަމުން އެފަދަ ބައެއް ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތް ދަސްކޮށްދީ ކުއްޖާއަށް ހިތްވަރު ދިނުމަށް ގޭގައި މައިންބަފައިންނާއި އެކު ރޯލް ޕްލޭ ކުޅެވިދާނެއެވެ.

ހަނގާ ކުރުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ ކުއްޖެއްގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާލައި އުމުރު ދުވަހު އެކަމުގެ ތެރޭގައި އުޅެން ޖެހިދާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަމެއް ކުރިމަތިވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާމް

    މިގައުމުގައި ކުޜާ ހުރިހާ ހަނގުރާމައެއް ކުރަނީ ދެމަފިރިން ދޭތެރޭ. ހުރިހާ ދެރައެއް އަދި ނިކަމެތިކަމެއް ލިބެނީ ދަރިންނަށް.
    ވީމާ ރާއްޖޭގައި މިހިންގާ ހަނގުރާމަތަކުގެ ވާހަކަ ލިއުން މާބޮޑަށްވެސް މުހިއްމު.