ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ޓުވިޓާ އެކައުންޓްގެ ޑިސްޕްލޭ ފޮޓޯ ނުވަތަ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި، އިރްފާން އަޕްލޯޑް ކުރި އައު ފޮޓޯގައި އޭނާ ހެވިފައި ހުރިނަމަވެސް، ހަށިގަނޑުގެ ނިކަމެތިކަމާއި ގައިގެ ވަރު ނެތްކަން ފާހަގަވެއެވެ. ރީނދޫ ކުލައެއްގެ ޓީޝާޓެއްގައި އައިނެއް އަޅައިގެން ކުޑަދޮރެއްގެ ކައިރީގައި ހުއްޓި ހުރި އިރްފާންގެ މި ފޮޓޯ ފެނި ގިނަބަޔައެއްގެ ސަމާލުކަން އެޔަށް ލިބިފައިވާއިރު، އެފަދަ ބަލިކަށިކަމެއް އަދިވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރުމުން އޭނާގެ ފޭނުން ތިބީ މާޔޫސްވެފައެވެ.

ސިކުނޑީގެ ކެންސަރުގެ ވޭން ތަހައްމަލު ކުރަންޖެހިފައިވާ އެކްޓަރު އިރްފާން މިހާރު ވެސް ދަނީ ލަންޑަނުގައި ފަރުވާ ހޯދަމުންނެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި އިރުފާން ޚާންގެ ހަށިގަނޑުގައި ނުރައްކާތެރި ޓިއުމަރެއްގެ ވައްތަރެއް ކަމުގައިވާ ނިއުރޯއެންޑޮކްޓް ޓިއުމަރެއް އުފެދިފައިވާ ޚަބަރު އާންމުވުމާއިއެކު ގިނަ ބަޔަކަށް ސިހުން ގެނުވައިފައިވާއިރު، އޭރު އިރްފާން ކުޅުމަށް ހަމަޖެހިފައިވާ ފިލްމު "ކަރްވާން" ގެ މަސައްކަތްތަކަށްވެސް އެހާ ހިސާބުން ހުއްޓުމެއް އައެވެ.

ނަމަވެސް އިރްފާންގެ ބައްޔަށް ކުޑަ ލުޔެއް ލިބުމާއިއެކު މީގެކުރިން އޭނާ އެނބުރި ގައުމަށް އައިސް، އޭރު ގާތްގަނޑަކަށް ދެމަހާއި ގާތްކުރާ ވަރަށް ބޭނުން ކުރުން ހުއްޓާލައިފައި އޮތް އޭނާގެ ޓުވިޓާ އެކައުންޓްވެސް އަލުން ބޭނުން ކުރަން ފެށިއެވެ.

"މިދުވަސް އަންނާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން. އަހަރެންގެ ހާލަތު މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން. އަހަރެން އަބަދުވެސް ދުއާ ކުރަން އަހަރެން އަވަހަށް ރަނގަޅުވޭތޯ. އަހަންނަށް މިއަދު އިހްސާސްވޭ އިންސާނުންގެ ބަލިކަށިކަން" އިރްފާން ހާން އޭނާގެ ބަލިދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ބުނެފައިވެއެވެ.