މަޝްހޫރު އިންޖީނު އުފައްދާ ކުންފުނި ރޯލްސް ރޯއިސް އިން ވަނީ ޓެކްސީ ތަކަށް އުދުހުމުގެ ގާބިލުކަން ލިބިދޭނެ ޕްރޮޕަލްޝަން ސިސްޓަމެއް ޑިޒައިން ކޮށްފައިވާ ކަމަށް ބުނެފައެވެ. 4 މީހުންނާ 5 މީހުންގެ އަދަދަށް މީހުން އުފުލޭނޭގޮތަށް މިފަދަ އުޅަނދެއް ޑިޒައިން ކުރަމުން ދާކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ. އަދި މި އުޅަނދަށް ގަޑިއަކު 250 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިދޭނެ ކަމަށްވެސް ރޯލްސް ރޯއިސް އިން ވަނީ ހާމަކޮށްފައެވެ.

އުދުހޭ ޓެކްސީގެ ޕްރޮޕަލްޝަން ސިސްޓަމް ޑިޒައިން ކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެފަދަ އުޅަނދެއްގެ އިންޖީނުތައް ފަރުމާކޮށްފައި ވަނީ ގޭސް ޓާބައިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ގޮތަށެވެ. އަދި މި އުޅަނދު ނުވަތަ ޓެކްސީ ގެ ފިޔަތައް ފަރުމާކޮށްފައިވަނީ ނުވަދިހަ ޑިގްރީއަށް އެނބުރެވޭ ގޮތަށެވެ. މީގެ ސަބަބުން މި އުޅަނދަށް ވާޓިކަލްކޮށް ބިމުގައި ޖެއްސުމުގެ ގާބިލިއްޔަތު ލިބިގެންދާނެއެވެ. އަދި މި އުޅަނދުތަކަށް މިހާރު އަޅާފައި ހުރި ހެލިޕޭޑު ތަކާއި އެއާޕޯޓުތަކުގައި ވެސް ޖެއްސޭނެކަމަށްވެސް އުދުހޭ ޓެކްސީ ޑިޒައިން ކުރި ޓީމުން ވަނީ ބުނެފައެވެ.

އުދުހޭ އުޅަނދުތައް ދަތުރުކުރަންފަށާ ސިނާއަތެއްގައި ބޮޑު ރޯލެއް އެކުންފުނިން އަދާކުރާނެ ކަމަށް ވެސް ރޯލްސް ރޯއިސްގެ އިލެކްޓްރިކަލް ޓީމުގެ ހެޑް ރޮބް ވަޓްސަން ވަނީ މައުލޫމާތުދެއްވާފައެވެ. މިފަދަ ވާހަކަތަށް ރޯލްސް ރޯއިސް އިން ދައްކަން ފަށާފައި ވަނީ ކުރިޔަށް އޮތް ހަފްތާގައި އޮތް ފާންބަރޯ އެއާ ޝޯ ގެ ކުރީގައި ކަން ވެސް ފާހަނގަކޮށްލެވެއެވެ.

އުދުހޭ ކާރާއި ޓެކްސީތަކުގެ ހިޔާލަކީ ފިލްމުތަކާއި ވަރަށް ގިނަ ސައިންސް ފިކްޝަން މަސައްކަތްތަކަކުންވެސް ވަރަށް ބޮޑަށް ދައްކުވައިދީ ތަސްވީރުކޮށްފައިވާ ހިޔާލެކެވެ. މިފަދަ އީޖާދެއް ކުރިމަގުގައި އުފެއްދި އާންމު ބާޒާރުތަކަށް ނެރުމަކީ އަޅުގަނޑުމެން ދިވެހިންވެސް ދެކޭނެ ހުވަފެނެއްކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

އުދުހޭ ޓެކްސީ އެއް އުފައްދައި 10 އަހަރުތެރޭގައި ވައިގެ ތެރޭގައި އުދުހެންފަށާނެކަމަށް ރޯލްސް ރޯއިސް އިން ވަނީ ލަފާކޮށްފައެވެ. މި އުދުހޭ އުޅަނދާ ބެހޭގޮތުން އިތުރު މައުލޫމާތު ކުރިޔަށް އޮތް ފާންބަރޯ އެއާ ޝޯގައި ރޯލްސް ރޯއިސް އިން ހާމަ ކުރާނެކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔާ

    ތީގެއުދުހޭ ކާރު އަދި އުދުހޭ ސައިކަލް ނަމަނަމަ މިރާއްޖެއަށް ނުގެންނާތި.މިހާރުވެސް ސައިކަލުތަކުގަ އުދުހިއުޅޭ ޒުވާނުންގެ ސަބަބުން އެކްސިޑެންޓުތައް އެހާގިނަ.ތިކަހަލަ އެއްޗެއް ގެނެއްސިއްޔާ މިގައުމުގަ އެންމެ އިމާރާތެއްވެސް ސަލާމަތަކުން ނުހުންނާނެ.ގޭގެ އެންމެން ކޮޓަރީގަ ނިދާފަތިއްބާ ކުޑަދޮރުތައް ނުވަތަ ފާރުވައްޓާލާފަވިޔަސް އައިސް ލޭންޑުކޮށްލަފާނެ.އެހާވެސް ހޭވެރިކަން ނުހުންނާނެ.

    • ބުއްދި

      ރަނގަޅަށް ތި ބުނީ.