އޮފީސް ޓެލެ ޑްރާމާ މުބާރާތް 1439 ގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިވްއެސްސީ)ގެ "ދަތުރު" ޑްރާމާ ހޮވިއްޖެއެވެ.

މިރޭ އޮލިމްޕަސްގައި ކުރިއަށްދިޔަަ އެވޯޑް ހަފްލާގައި މި އެވޯޑް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

ހަފްލާގެ ތެރެއިން. ވަގުުތު އިމޭޖްސް: ޖިމީ މުޙައްމަދު

އޮފީސް ޓެލެ ޑްރާމާ މުބާރާތުގައި ސަރުކާރުގެ ވުޒާރާތަކާއި ގިނަ ކުންފުނިތަކުންވަނީ ބައިވެރިވެފައެވެ. މި ޑްރާމާތަކަށް ޖަޖުކަން ކޮށްދީފައި ވަނީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްދެއްވި އަށް ފަރާތެކެވެ.

މުބާރާތުގެ އެހެން އެވޯޑްތަކަށް ބަލާއިރު:

ބެސްޓް އެކްޓަރ އަންހެން: މި އެވޯޑް ލިބިފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ "ބަދަލު" ޑްރާމާ އިން ފެނިގެންދިޔަ އާމިނަތު ޖުވިޝާއަށެވެ. އޭނާއަށް އެވޯޑް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެންސީއޭ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ފާރިސް ތޯހާއެވެ.

ބެސްޓް އެކްޓާރ ފިރިހެން: މި އެވޯޑް ލިބިފައި ވަނީ އެމްޑަބްލިވްއެސްސީގެ "ދަތުރު" ޑްރާމާއިން ފެނިގެން ދިޔަ މުހައްމަދު ޔުނާންއަށެވެ. އޭނާއަށް އެވޯޑް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ބަތަލާ ނިއުމާ މުހައްމަދުއެވެ.

ވިވާސް ޗޮއިސް ބެސްޓް ޑްރާމާ: މި އެވޯޑް ލިބިފައި ވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑްރާމާ "ކަނި" އަށެވެ. އެ ޑްރާމާގެ ޑައިރެކްޓްކޮށްދީފައި ވަނީ އެކްޓަރ މުހައްމަދު ސައީދުއެވެ. ސައީދުއާ ޓްރޮފީ ހަވާލުކޮށްދެއްވީ ރޯނު ހަސަން މަނިކުއެވެ.

ވިވާސް ޗޮއިސް ޗޮއިސް (އެކްޓްރެސް) މި އެވޯޑް ލިބިފައި ވަނީ އެމްއޭސީއެލްގެ "އިހާނާތް" ޑްރާމާ އިން ފެނިގެން ދިޔަ ފާތުމަތު ނާޒްލީ އަށެވެ. ދާދި ފަހުން ނާޒް ވަނީ ނިޔާވެފައެވެ.

ވިވާސް ޗޮއިސް ޗޮއިސް (އެކްޓަރ) މި އެވޯޑް ލިބިފައި ވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑްރާމާ "ކަނި" އިން ފެނިގެން ދިޔަ ނަސްރުﷲ އަހުމަދު އަށެވެ. އޭނާއާ މި އެވޯޑް ހަވާލުކޮށްފައި ވަނީ ޔޫސުފް ޝަފީއެވެ.

ބެސްޓް ޑައިރެކްޓަރ ސިނޮމޮޓޯގްރާފަރ، ބެސްޓް އެޑިޓަރ އަދި ބެސްޓް ސްކްރީން ޕްލޭ: މި ހަތަރު އެވޯޑްވެސް ލިބުނީ މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިވްއެސްސީ) ގެ "ދަތުރު"ގެ ފިލްމްގައި މި ހުރިހާ މަސައްކަތްކޮށްދިން ޝާމިން ނިޒާމް އަށެވެ.

ބެސްޓް ސަޕޯޓިންގ އެކްޓަރ (އަންހެން): މި އެވޯޑް ލިބިފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ "ބަދަލު" ޑްރާމާ އިން ފެނިގެން ދިޔަ އާމިނަތު ރައުލާއަށެވެ. އޭނާއަށް އެވޯޑް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މިއުޒިކް ދާއިރާއިން ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދިން ހުސައިން ސޮބާހްއެެވެ.

ބެސްޓް ސަޕޯޓިންގ އެކްޓަރ: މި އެވޯޑް ލިބިފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "އިހާނަތް" ޑްރާމާ އިން ފެނިގެން ދިޔަ އަބްދުﷲ މާހިރުއަށެވެ.

ބެސްޓް ނިއު ކަމަރ އެކްޓްރެސް: މި އެވޯޑް ލިބިފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑްރާމާއިން ފެނިގެން ދިޔަ "ތައުހީލް" ޑްރާމާ އިން ފެނިގެންދިޔަ ފާތުމަތު އިހްސާނާ އަހުމަދު ސޯލިހް "ތައުހީލު"އަށެވެ. އޭނާއަށް އެވޯޑް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާއަށް ގިނަ ބަޔަކު ނެރެދިން ބޮޑު ފެންވަޅުގޭ މުހައްމަދު މުސްތަފާއެވެ./"

ބެސްޓް ނިއު ކަމަރ އެކްޓަރ:މި އެވޯޑް ލިބިފައި ވަނީ މޯލްޑްވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "އިހާނާތް" ޑްރާމާއިން ފެނިގެން ދިޔަ ސިމާހް އަހުމަދުއަށެވެ.