ސްޕޭންގެ ސިވިލް ސާވަންޓަކު ދިހަ އަހަރު ވަންދެން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެ ސޮއި ކުރުމަށް ފަހު އެއްވެސް މަސައްކަތެއް ނުކޮށް ގެއަށް ދިޔަ ނަމަވެސް ގަވައިދުން އޭނާ އަށް މުސާރަ ދީފައިވާކަން ފަޅައިއަރައިފިއެވެ.

މަސައްކަތެއް ނުކޮށް ދިހަ އަހަރު ވަންދެން މުސާރަ ނަގާފައި ވަނީ ވެލެންސިއާގެ ޕްރޮވިންސިއަލް ސަރުކާރުގެ އާކައިވް ޑިރެކްޓަރެއްގެ މަގާމު ފުރި ޗާލްސް ރެކިއޯ އެވެ. ކޮންމެ ދުވަހަކު ހެނދުނު 07:30 ގައި އޭނާ އޮފީހަށް ހާޒިރު ވެއެވެ. އަދި ހަވީރު 16:00 ގައި އޮފީހަށް ހާޒިރުވެ ކޮންމެ ދުވަހަކު ސައިން އައުޑް ވެއެވެ.

ޗާލްސް ވަޒީފާ އަށް މަކަރު ހަދާކަން ފަޅައި އެރީ އޭނާ އާއި އެކު މަސައްކަތް ކުރާ އެހެން މުވައްޒަފަކަށް އެކަން ފާހަގަ ކުރެވިގެން އިސްވެރިންގެ ސަމާލުކަމަށް ޗާލްސްގެ ވާހަކަ ގެނައުމުންނެވެ.

ޗާލްސް ވަޒީފާ އަށް މަކަރު ހަދައިގެން މުސާރަ ނަގާފައި ވާތީ ވަނީ ވަޒީފާ އިން ވަކިކޮށް ދުވަހަކު ވެސް ސިވިލް ސާވިސްގެ ވަޒީފާ އެއް އަދާނުކުރެވޭ ގޮތައް ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ އަށް ލިބުނު މުސާރަ އަނބުރާ ހޯދަން ވެލެންސިއާ ސަރުކާރުން ވަނީ ދައުވާ ވެސް ކޮށްފައެވެ.

ނަމަވެސް މައްސަލަ ބެލުމަށް ފަހު ފަނޑިޔާރު ނިންމާފައި ވަނީ ޗާލްސް މަސައްކަތެއް ނުކޮށް މުސާރަ ނެގީ ވެލެންސިއާ ސަރުކާރުގެ އިހުމާލުން ކަމަށް ވާތީ ޗާލްސް އަށް ލިބިފައިވާ ފައިސާ އަނބުރާ ސަރުކާރަށް ދައްކަން އަމުރު ކުރެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    ނ.އަތޮޅުކައުންސިލްގަވެސް ތިހެންއުޅޭ ފިރިހެން މަސައްކަތު މީހަކު އުޅެ

  2. ދިވެހި ގައުމް

    ކައުންސިލަރުން އުނެނީ ތިހެން މިހަަރުވެސް

  3. ބޮޑުހަސަންބެ

    ތިގޮތަށް އުޅޭ ތަންތަނުގެ ޖެނެރަލް މެނޭޖަރުންވެސް ... އޮފީހުގަ އުޅެ ގިއްގެޅެންދެން މަސައްކަތް ކުރާ މީހުންނެއް ނުފެނޭ އެމީހުންގެ މުސާރައެއްވެސް ބޮޑެނުވޭ . ޖެނެރަލް މެނޭޖަރ އަޔަސް ނަޔަސް ބަލާނެ މީހަކުވެސް ނެތް އެއްޗެއް ބުނާނެ ވެރިޔެއްވެސް ނެތް މުސާރަ ބަރާބަރަށް ލިބޭ .. އޭގެން ކަޑަނެ އެއްޗެއްވެސް ނެތް ... މީ ކަންތައް ހުންނަގޮތް