މީހަކު ނަސޭހަތެއް ދިނުމުން އެކަން ބަލައިގަތުމަކީ އެންމެ ރިވެތި އަހުލާގުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ކަންތައް ކުރާނެ ގޮތްކަން ޔަގީނެވެ. އެހެންނަމަވެސް، އެތައް ރިވެތި އާދައެއް، ޒަމާނަށް އަންނަމުންދާ ބަދަލާއެކު ބަދަލުވަމުންދާ ބީދައިން، މިއީވެސް ބަދަލުވަމުން އުވެމުންދާ ކަމެކެވެ.

މިކަން، ދާދިފަހުން ހިނގާފައިވާ ހާދިސާއަކުންވެސް ވަރަށް ރަނގަޅަށް ހާމަވެއެވެ.

އެގޮތުން، އެމެރިކާގެ އެންމެ މަޝްހޫރު ނިއު ޔޯކް ސިޓީގެ ސަބްވޭ އެއްގެ ތެރޭގައި ދަތުރުކުރަމުންދިޔަ، މީހަކު، އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާކުރަމުން ދަނިކޮށް، އެކަން ނުކުރުމަށް ނަސޭހަތްތެރިވި މީހުންނާ ދިމާއަށް، ނުރުހުމުގެ ގޮތުންވަނީ ވަޅިއެއް ދިއްކޮށްފައެވެ. އަދި، އެމީހުންނަށްވަނީ އިންޒާރު ދީފައެވެ.

މި މަންޒަރު ފެންނަ ވީޑިޔޯއެއް، ނިއު ޔޯކުގެ ފުލުހުންގެ ޑިޕާޓްމަންޓުންވެސް އާއްމުކޮށްފައިވެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިޔޯ އިން ފެންނަ ގޮތުގައި ޒުވާން ބައްޕައަކީ ވަނީ ރޮމުން ދިޔަ އޭނާގެ ކުޑަ ފިރިހެން ދަރިފުޅުގެ އަތުގައި ޖަހާފައެވެ. އަތުގައި ޖެހުމުން، އެކުއްޖާ އިތުރަށް ރޮމުންދެއެވެ. އަދި، އެގޮތަށް ކަންތައް ނުކުރުމަށް، އެތަނުގައި ހުރި އެހެން ފިރިހެނަކުވެސް ނަސޭހަތްތެރިވެއެވެ.

ވަޅި ދިމާކުރި ޒުވާން ބައްޕަ

ޒުވާން ބައްޕައަށް ނަސޭހަތް ދިން މީހަކީ 45 އަހަރުގެ މީހެއްކަމަށްވާއިރު، އޭނާއާއިއެކު އެ ސަބްވޭގައި އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅުވެސް ހުއްޓެވެ.

އެގޮތުން، އެ ހަތަރު އަހަރުގެ ކުޑަ ކުއްޖާވެސް، ޒުވާން ބައްޕަގެ ގާތުގައި، އޭނާގެ ދަރިފުޅަށް އަނިޔާ ނުކުރުމަށް އެދެއެވެ. އަދި، ދެންވެސް، 45 އަހަރުގެ މީހާވެސް އެހެން ކަންތައް ނުކުރުމަށް ނަސޭހަތް ދެއެވެ.

އެހެންނަމަވެސް، ވީޑިޔޯ އިން ފެންނަ ޒުވާން މީހާ އެކަމަކަށް އެއްބަހެއް ނުވެއެވެ. އަދި، ޖީބުން ވަޅިއެއް ނެގުމަށްފަހު، 45 އަހަރުގެ މީހާއާ ދިމާކޮށްގެން ހުރެ، ހުތުރު ބަހުން ވާހަކަ ދައްކާ އިންޒާރު ދީފައިވެއެވެ. އަދި، އެއީ އޭނާގެ ދަރިއެއްކަމަށާއި އެހެންކަމުން، އޭނާއަށް ބޭނުން ކަމެއް ކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މި ވީޑިޔޯ އާއްމުކޮށްފައިވަނީ މިއީ ކާކުކަމެއް ހޯދުމަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި، މައިންބަފައިން ދަރިންނަށް އަނިޔާކުރުމަކީ އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމެކެވެ. އަދި، މިކަމުން ކުއްޖާއަށް އެހެން ނޭދެވޭ އަސަރުތައްވެސް ކުރާނެއެވެ.