ދެމީހަކު މަރާލުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު އެމެރިކާގެ ޤާނޫނު ހަދާ އެންމެ ބާރުގަދަ މަޖިލިސް ކަމަށްވާ ސެނެޓަށް ކުރިމަތިލައިފިއެވެ.

ސެނެޓަށް ކުރިމަތިލާފައި ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ 75 އަހަރުގެ ލިއޮނާޑޯ ރިޗަޑް އެވެ. ރިޗަޑް ވަނީ އޭނާގެ އެއްބަނޑު އަންހެން ކޮއްކޮއަށް 1982 ވަނަ އަހަރު ހަމަލާދީ ކޮއްކޮ މަރާލާފައެވެ. އަދި 1987 ވަނަ އަހަރު ރިޗަޑް ވަނީ އޭނާގެ ޤާނޫނީ ވަކީލަށް ހަމަލާދީ ވަކީލު ވެސް މަރާލާފައެވެ.

ރިޗަޑް މިހާރު ވެސް މިނެސޯޑާގެ ޖަލެއްގައި ހުރިއިރު އޭނާ އަށް ޙުކުމް އިއްވާފައި ވަނީ ޕެރޯލްގެ ފުރުސަތު ވެސް ނުލިބޭ ގޮތަށެވެ.

ރިޗަޑް ސެނެޓަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެފައި އޮންނާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ ރިޗަޑްގެ ކޮއްކޮ ސްޓްރަން އެވެ. ސްޓްރަން ބުނެފައި ވަނީ ޤާނޫނުގައި ހުރި ފޫނުބެދޭ ކަންތައްތަކުގެ ބޭނުން ހިފައިގެން ރިޗަޑް އިންތިޚާބަށް ކުރިމަތިލުމަކީ ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެފަދަ ފުރުސަތެއް ބޮޑު ގާތިލަކަށް ލިބިގެން ނުވާނެ ކަމަށް ސްޓްރަން ބުނެއެވެ.

އެމެރިކާގެ ޤާނޫނުތައް ބުނާ ގޮތުން ސެނެޓަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ހަމައެކަނި ޝަރުތަކީ އިންތިޚާބަށް ކުރިމަތިލެވޭ އުމުރު ހަމަވުމާއި ކުރިމަތިލާ ސްޓޭޓްގައި ދިރިއުޅޭ މީހަކަށް ވުމެވެ.

ރިޗަޑް ވަނީ 1992 ވަނަ އަހަރު ސެނެޓްގެ މެންބަރުކަމަށް ވާދަކުރުމަށް ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ވާދަކޮށްފައެވެ. އެފަހަރު އޭނާ ޖަލުގައި އޮވެ 14500 އަށް ވުރެ ގިނަ ވޯޓް ހޯދިއެވެ. އަދި 1994 ވަނަ އަހަރު ކޮންގްރެސް އަށް ކުރިމަތިލައިގެން އޭނާ 4000 ވޯޓް ހޯދިއެވެ.

މީގެ ކުރިން ވެސް ޖިނާޢީ ކުށްވެރިން އެމެރިކާގެ ސެނެޓްގެ އިންތިޚާބުގައި ވާދަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަގުޑި

    މީ ކުދިންނޭ ޖޯކެއްނޫން ހަމަޔެއް ލަމަޔެއް ނެތްތަންތަން މަދެއްނޫން މި ވެސް އުފަލަކަށް ވާނީ ރަންރީންދޫ ބައިގަނޑަށް