މޭގަން މާކެލްގެ ބައްޕަ ތޯމަސް މާކެލް މީޑިއާތަކަށް ދެމުން ގެންދާ އިންޓަވިއުތަކުގެ ސަބަބުން މޭގަން އަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ދިމާވެ، ފިކުރު ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ކުރި ފަހުން ތޯމަސް ގެންދަނީ ވަރަށް ގިނަ މީޑިއާތަކަށް ތަފާތު އިންޓަވިއުތައް ދެމުންނެވެ. ބައެއް އިންޓަވިއުތަކުގައި ތޯމަސް ގެންދަނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.

ޝާހީ އާއިލާގެ ކަންކަން ބަލަހައްޓާ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ތޯމަސް އަށް ފައިސާ ދީގެން ޓެބްލޮއިޑް ނޫސްތަކުން ޖަހަމުން ގެންދާ އިންޓަވިއުތަކުގެ ސަބަބުން މޭގަން ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ.

ދާދިފަހުން ތޯމަސް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މޭގަން ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި މިހާރު ހުރި ނަމަވެސް މޭގަން ހުރީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"އަހަރެންނަށް މޭގަން ފެންނަތާ އެތައް އަހަރެއް ވެއްޖެ. މޭގަންގެ މޫނުމަތިން މިހާރު ކުރިން ފެންނަ އުފާވެރިކަމެއް ނުފެނޭ." ތޯމަސް ބުންޏެވެ.

ތޯމަސް ބުނެފައިވާ ގޮތުގައި މޭގަން ކައިވެނި ކުރިފަހުން އަދި އޭނާ އާއި ބައްދަލެއް ނުވެއެވެ. މޭގަން ދީފައިވާ ފޯން ނަމްބަރަށް ވެސް ނުގުޅޭ ކަމަށް ތޯމަސް ބުނެފައި ވެއެވެ. ތޯމަސް ބުނީ އޭނާ ބޭނުން ވަނީ މޭގަން އާއި ގާތުގައި އަބަދުވެސް ހުންނާށެވެ. އަދި ވަރަށް އަވަހަށް ކާފަ ދަރިންތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މޭގަންގެ އުމުރުން ނުވަ އަހަރުގައި މޭގަންގެ މަންމަ އާއި ބައްޕަ ވަނީ ވަރިވެފައެވެ. މޭގަން އުޅެ ބޮޑުވީ މަންމަ ކައިރީ ހުރެއެވެ. ފުރާވަރު އުމުރަށް އެޅިފަހުން އޭނާ ދިރިއުޅުނީ ވަކިން އަމިއްލަ އަށް ލިބޭ އާންމުދަނީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަ

    ތިޔަ އުޅެނީ ދަރިޔަށް ރަނގަޅުގޮތެއްވީމަ ޖޭވެގެން.

  2. ބޭބެ

    މިސޮރަށް މިއުޅެނީ މިހާރު ދަރި ފެނިގެންތާ. ކުޑައިރު އަޅާލީ ހެނެއް ހީނުވޭ

  3. އެޑިޓް

    ބައްޕަގެ އިންޓަވިއުތައް މޭގަން އަށް "ބޮޑު އުނދަގުލަކަށް ވެއްޖެ"

    މޭގަންގެ އުމުރުން ނުވަ އަހަރުގައި މޭގަންގެ މަންމަ އާއި ބައްޕަ ވަނީ ވަރިވެފައެވެ. މޭގަން އުޅެ ބޮޑުވީ މަންމަ ކައިރީ ހުރެއެވެ....

    މިހާވަރުން މިކަން ނުކުރޭ..!

  4. ޔާޔާ

    ތިޔައީ ދަރި ދެކެ ލޯބިވާ ބައްޕައެއްހެން ހިޔެއް ނުވޭ