އިނގިރޭސިވިލާތުގެ ސްކޫލެއްގެ ފިރިހެން ދަރިވަރުންނަށް ސޯޓު ލައިގެން ސްކޫލަށް ދިއުން މަނާކުރުމުން، ސްކޫލަށް ސްކާޓް ލައިގެން ގޮސްފިއެވެ. ސްކޫލުން ނިންމި ނިންމުމަށް ދެކޮޅަށް ހެދުމުގެ ގޮތުން، މިކަން ކޮށްފައިވަނީ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންތަކެކެވެ.

މިކަމާ ގުޅިގެން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސްކާޓް ލައިގެން ފިރިހެން ދަރިވަރުން ސްކޫލަށް ގޮސްފައިވަނީ އެކުދިންގެ މައިންބަފައިންވެސް އެއްބާރުލުމާއެކުގައެވެ. އަދި، ބައެއް ބެލެނިވެރިން ބުނެފައިވަނީ އަންހެން ކުދިންނަށް ސްކާޓް ލައިގެން ދެވޭއިރު، ފިރިހެން ކުދިންނަށް ސޯޓު ލައިގެން ނުދެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.

ޕޮނީޓަން ހައި ސްކޫލުގައި މިގޮތަށް ކަންތައް ކުރަމުންދާއިރު، ސްކޫލު ހުންނަ ސަރަޙައްދަށް، މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. އަދި، ގިނަ ދަރިވަރުން ރުޅި އައިސްފައިވަނީ މި ދުވަސްވަރު ހޫނުވުމުން، ސްކޫލުން މިފަދަ ކަމެއް ކޮށްފައިވާތީއެވެ.

"ޑެއިލީ މެއިލް" ނޫހުން ބުނެފައިވާ ގޮތުގައި ފިރިހެން ކުދިން ސްކާޓް ލައިގެން ދިއުމުގެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެޑީ ޑަންކަން ނަމަކަށް ކިޔާ ދަރިވަރެކެވެ. އަދި، އޭނާ ދަނީ ސްކޫލުގެ ޔުނީފޯމް ޕޮލިސް ބަދަލުކުރަން ޖެހޭނެކަމަށް ގޮވާލަމުންނެވެ.

އޭނާގެ މަންމަ، ކެޓް ޑަންކަން ބުނެފައިވަނީ އޭނާގެ ދަރިފުޅު ނިންމި ނިންމުމަށް އަދި ކުރަމުންދާ މަސައްކަތަށް ތާއީދުކުރާކަމުގައެވެ. އަދި، ސްކޫލުގެ ޔުނީފޯމް ކޯޑުގައި، ސްކާޓަކީ ހަމައެކަނި އަންހެން ދަރިވަރުންނަށް ލެވޭނެ އެއްޗެއްކަމުގައި ބުނެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ފިރިހެން ދަރިވަރުން ކޮށްފައިވަނީ މަނާކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

މިކަން ކުރުމުގައި އަންހެން ދަރިވަރުންގެ ފަރާތުން އެއްބާރުލުން ދީފައިވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    ވެސްޓަރން ޑިމޮކްރެސީ!