ތައިލޭންޑްގެ ހޮހޮޅައެއްގައި ތާށިވެފައި ތިބި ކުދިންތަކުގެ ތެރެއިން އެންެމެ ފުރަތަމަ ނެރުނީ އެންމެ ހާލު ދެރަ ކުއްޖާ ނޫން ކަމަށާއި ނަމަވެސް އެއީ އެތާތިބި ކުދިންތަކުގެ ތެރެއިން އެންމެ ހިތްވަރުގަދަ ކުއްޖާ ކަމަށް އެކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޑައިވަރަކު ބުނެފިއެވެ.

ކުދިން ހޮހޮޅައިން ސަލާމަތް ކުރުމުގައި އިސް ރޯލެއް އަދާކޮށްފައިވާ އޮސްޓްރޭލިޔާގެ ޑައިވަރެއް ކަމުގައިވާ ކްރައިގް ޗ އޮސްޓްރޭލިޔާގެ ޓީވީ ޕޮރޮގްރާމެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ކުދިން ހޮހޮޅައިން ނެރުމުގައި ހާލު ދެރަ ކުއްޖަކަށް އިސްކަމެއް ދީފައި ނުވާ ކަމަށާއި ހޮހޮޅައިން ފުރަތަމަ ނެރޭނީ ކޮން ކުއްޖެއްކަން ކަނޑައަޅާފައިވަނީ ހޮހޮޅައިގައި ތިބި ކުދިން ކަމަށެވެ.

" އެކުދިން ސަލާމަތް ކުރަން ދިޔަ ޑައިވަރުންނެއް ނޫން އެކުދިން ހޮހޮޅައިން ނެރޭނެ ތަރުތީބު ކަނޑައެޅީ. ހޮޮހޮޅައިން ނިކުންނަން ޖެހޭނީ މިހެން މިހެނޭ ކިޔާދިނީމި، އެކުދިން ތެރެއިން އެންމެ ފުރަތަމަ އެކަމަށް އާ ބަސް ދިން ކުއްޖާ ހޮހޮޅައިން ފުރަތަމަ ނެރުނީ." ޗަލެން ބުންޏެވެ.

ނަމަވެސް ޗަލެން އާއެކު މިއޮޕަރޭޝަންގައި ބައިވެރިވެފައިވާ ޑައިވަރެއް ކަމުގައިވާ ރިޗާޑް ހެރިސް ބުނެފައިވަނީ އެކުދިންގެ ތެރެއިން އެންެމ ފުރަތަމަ ހޮހޮޅައިން ނެރުނީ އެންމެ ހާލު ދެރަ ކުއްޖާ ކަމަށެވެ. ޗަލެން މިކަމަށް ރައްދުދީ ބުނެފައިވަނީ އެކުދިން ނެރުމުގެ ތަރުތީބު ކަނޑައެޅީ ތާށިވެފައި ތިބި ކުދިންނާއި އެކުދިންގެ ކޯޗް ކަމަށެވެ.

ތައިލޭންޑްގެ ހޮހޮޅައެއްގައި ދެ ހަފްތާ ވަންދެން ތާށިވެފައިތިބި 12 ކުދިންނާއި އެކުދިންގެ ކޯޗްވަނީ ތިން ދުވަހުގެ ބޮޑު އޮޕަރޭޝަންއަކުން ސަލާމަތްކޮށްފައެވެ.