އެމެރިކާގެ ހެރިސް ކައުންޓްގައި ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ 46 އަހަރުގެ ޖޯސް ރޮޑްރިގޭޒް ޕެރޯލްގެ ދަށުން މިނިވަން ކުރިފަހުން އެއީ ސީރިއަލް ކިލާއެއް ކަމަށް ޝައްކު ކުރެވި، ސަލާމަތީ ބާރުތައް ބޮޑު ކަންބޮޑުވުމަކަށް ހިނގައްޖެއެވެ.

ރޮޑްރިގޭޒް އަކީ ސީރިއަލް ކިލާއެއް ކަމަށް ތުހުމަތު ކުރެވުނީ މީހެއްގެ މަރާއި ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަށް ލިބުނު ކުރިއެރުންތަކެއްގެ ސަބަބުންނެވެ. ރޮޑްރިގޭޒް ޕެރޯލްގެ ދަށުން ދޫކޮށްލީ ފައިގައި ޓެގެއް އަޅުވާފައެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި މިހާރު ވަނީ އެޓެގް ނައްޓާލާފައެވެ. އެހެންކަމުން އޭނާ މިހާރު ހުރިތަނެއް ނޭނގެއެވެ.

މިހާރު ތުހުމަތު ކުރެވޭ ގޮތުގައި ރޮޑްރިގޭޒް ވަނީ ފަސް މީހުން މަރާލާފައެވެ. މީގެ ތެރެއިން ތިން މީހުން މަރާލާފައި ވަނީ ފާއިތުވި ހަފްތާގައެވެ.

ހޮސްޓަންގެ ފުލުހުންގެ ވެރިޔާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވަރަށް އަވަހަށް ރޮޑްރިގޭޒް ހައްޔަރު ކުރެވޭނެ ކަމަށެވެ.

"އަހަރެމެން ވަރަށް އަވަހަށް އޭނާ ހައްޔަރުކޮށްފައި ހަމަނޭވައެއް ލާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

ރޮޑްރިގޭޒް އަކީ ނުރައްކާތެރި މީހެއް ކަމަށާއި އޭނާގެ އަތުގައި ހަތިޔާރު ވެސް ހުރެދާނެ ކަމަށް ފުލުހުން ބުނެއެވެ.

"އޭނާ ގެތަކަށް ގޮސް ޓަކި ޖަހަނީ މީހަކު ހޯދަން އަންނަ މީހެއް ކަމަށް ހެދިގެން ހުރެ. ދޮރު ހުޅުވައިފިނަމަ އޭނާގެ ފަރާތުން ހަމަލާއެއް އަމާޒުވެދާނެ. އެހެންކަމުން އޭނާ ފެނިއްޖެނަމަ އަވަހަށް ފުލުހުންނަށް އަންގާތި." ފުލުހުން ބުންޏެވެ.

ރޮޑްރިގޭޒް އަކީ ސީރިއަލް ކިލާއެއް ކަމަށް ފުލުހުން ތުހުމަތު ކުރިނަމަވެސް އޭނާ މަރާލާފައިވާ މީހުންގެ މެދުގައި ހުރި އެއްގޮތް ކަންތައްތަކަކީ ކޮބައިކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އާންމުކޮށް ސީރިއަލް ކިލާއިން މަރަނީ ކޮންމެވެސް އެއް ސިފަތަކެއް ހުންނަ މީހުންނެވެ. ނުވަތަ އެމީހުން ހުރިހާ އެންމެންވެސް މަރާލަނީ ދާދި އެއްގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު