މިއީ މާބޮޑަށް ބެލެނިވެރިން ވިސްނާނުލާ އޮތް ކަމަކަށް ވެދާނެއެވެ. ނަމަވެސް ފާއިތުވި ހަފްތާގައި އަންހެނަކު ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ދޮންމެޝިންގެ ސަބަބުން ދަރިންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލުކޮށް އެކަމަށް ފިޔަވަޅު އަޅާފައެވެ.

ވައިރަލް ވެފައިވާ ފޭސްބުކް ޕޯސްޓެއްގައި މަންމަ އެއް ކަމަށްވާ ލިންސޭ މެކްވާ ލިޔެފައިވާ ގޮތުގައި އޭނާ އާއި އޭނާގެ ފިރިމީހާ އަށް ނިދިން ހޭލެވުނީ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ރޯ އަޑަށެވެ. އޭރު އެމީހުންގެ ކުޑަ ދަރިފުޅު ކްލޯއީ ވަނީ ދޮންނަމެޝިނުގެ އެތެރޭގައެވެ.

ކްލޯއީ ދޮންނަ މެޝިނަށް އެރުނު ވަގުތު މެޝިނުގެ މަތިގަނޑު ލެއްޕުނީއެވެ. މަތިގަނޑު ހުޅުވާނެ ގޮތެއް ނޭނގިގެން ހަތަރު އަހަރުގެ ދަރިފުޅު ދިޔައީ ރޮމުންނެވެ. ދޮންނަމެޝިންތައް ތައްޔާރު ކުރެވިފައި ހުންނަނީ މެޝިނުގެ އެތެރެއިން މެޝިނުގެ މަތިގަނޑު ފަސޭހައިން ހުޅުވޭނެ ފަދަ ގޮތަކަށް ނޫނެވެ.

ލިންސޭގެ ދެމަފިރިން އަވަހަށް ތެދުވެ ދަރިފުޅު ސަލާމަތް ކުރިއެވެ. ނަސީބު ރަނގަޅު ކަމުން އެމީހުންގެ ދަރިފުޅަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

"އަހަރެން މިވާހަކަ މިލިޔުނީ ދޮންމެޝިންގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކުރިން އަހަރެންނަށް ވެސް ހީކުރެވިފައި ނެތުމުން މިކަން ސަމާލުކަމަށް ގެންނަން." ލިންސޭގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ލިންސޭގެ ޕޯސްޓަށް އަށްޑިހަ ހާހަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވާއިރު ތިންލައްކަ ފަނަރަ ހާހަށްވުރެ ގިނަ މީހުން ވަނީ އެޕޯސްޓް ޝެއާ ކޮށްފައެވެ.

https://www.facebook.com/lindsey.mciver1/posts/10100688578476424

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރަކު 2000 އަށް ވުރެ ގިނަ ކުދިންނަށް ދޮންނަމެޝިންގެ ސަބަބުން ތަފާތު އަނިޔާތައް ލިބެއެވެ. 2006 ވަނަ އަހަރު އެމެރިކާގެ ތިން އަހަރުގެ ކުއްޖަކު ދޮންމެޝިނެއްގައި ތާށިވެގެން މަރުވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު