މީހަކު ދެކެ ލޯބިވުމަކީ ނިކަން ފަސޭހައިން ވެދާނެ ކަމެކެވެ. އޭނާ އާއި ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށުމަކީ ވެސް ކުރަން އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އުމުރު ދުވަހު އޭނާ އާއި އެކީގައި އުޅުމަކީ ލައްކަ އުނދަގޫ ކަމެކެވެ. ހިތައް އަރާ ފައިބާ އެތައް އެއްޗަކާއި ކުރެވޭ އެތައް އިހްސާސްއެއް ލޯބިވާ އަނބިހާއަށް ނުވަތަ ފިރިމީހާ އަށް ޓަކައި މާބޮޑު ކަމަކަށް ނުހަދާ ހުރުމަކީ ކުރަން އުނދަގޫ ކަމެކެވެ.

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކެއްގެ ހުރިހާ އިހްސާސްތައް އަނެއްކަކަށް އެނގޭ ކަމަށް ދައުވާ ކުރި ނަމަވެސް އެއީކީ ޙަޤީގަތެއް ނޫނެވެ.

ލޯބިވާ މީހަކާއި ވަކިވުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ލޯބިން އުޅުނު ދެލޯބިވެރިން ވަކިވާ މަންޒަރާއި ކައިވެނިކޮށްގެން އެތައް ދުވަހަކު އުޅުނު ދެމަފިރިން ވަރިވާތަން އަޅުގަނޑުމެންނަށް ވަރަށް އާންމުކޮށް ފެނެއެވެ.

ކިޔައިދޭން މިއުޅެނީ އުމުރު ދުވަހު ލޯބިވެރިޔާ އާއި އެކު އުޅޭނެ ގޮތެވެ. އަޖައިބު ނުވާށެވެ. މިއީ ކުރަން އުނދަގޫ ކަމެއް ނޫނެވެ.

ލޯބިވެރިޔާގައި ހުންނަން ޖެހޭނެ ކަމަށް ތިބާއަށް ފެންނަ ހުރިހާ ޝަރުތެއް އޭނާގެ ގައިގައި ހަމަވެއްޖެ ނަމަ އޭނާ އާއި ކައިވެނި ކުރަން ވީއެވެ.

މިހާރު ތިބާ އެންމެ ލޯބިވާ މީހާ އެހެރީ ތިބާގެ އަނބަކަށް ނުވަތަ ފިރިއަކަށް ވެފައެވެ. މިހާރު ކުރިމަތީގައި މިއޮތް ސުވާލަކީ އޭނާ އާއި އެކު އުމުރު ދުވަހު އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު ހޯދަން ކުރިއަށް ވަޑައިގަންނަވާށެވެ.

ދައްކަން ނުކެރޭ ވާހަކަ

ކައިވެންޏެއް ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދެމަފިރިކަމުގެ ގުޅުމެވެ. މިއީ ދައްކަން ލަދުވެތި ވާހަކައެއް ކަމަށް ހަދާ ބައެއް ދެމަފިރިން ވެސް މިމައުޞޫ އެއްފަރާތް ކޮށްލައެވެ. ނަމަވެސް އޭގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމަށް ބުރޫ އަރާ ދެމަފިރިންގެ ދެމެދުގައި ނުފެންނަ ދުރުކަމެއް އުފެދިގެންދެއެވެ. އެހެން ކަމުން މިކަމަށް ފުރުސަތު ނުދިނުމަކީ އުމުރު ދުވަހު އެއްކޮށް އުޅުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ހަށިގަނޑަށް ސަމާލުކަން ދިނުން

ކައިވެނިކޮށް ދަރިން ލިބުމުން ބައެއް އަންހެނުންނަށް ހަށިގަނޑު ބައްޓަމާއި މެދު މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ނުވަތަ ދަރިއަކު ލިބުމުން ހަށިގަނޑަށް އަންނަ ބަދަލު ކުރިން ހުރި ގޮތައް ބަދަލު ކުރަން މަސައްކަތް ކުރުމުގައި ބައެއް އަންހެނުން ވަރަށް ކަންނެތެވެ.

ވަޒީފާގެ ބުރަކަމާއި އެކު ބައެއް ފިރިހެނުންނަށް ވެސް ހަށިގަނޑު މަތިން ހަނދާން ނައްތާލެވެ. ބޮޑު ބަނޑެއްލާ މީހާގެ ބައްޓަން ގެއްލިގެންދާއިރު އެކަމުގެ ސަބަބުން ދިރިއުޅުމަށް އައިސްދާނެ ލޮޅުމެއް ގިނަ މީހުންނަކަށް ވިސްނައެއް ނުލެވެއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ސިފަ ގެއްލި އޭނާގެ ހަށިގަނޑުގައި ހުރި ސްމާޓްކަން ގެއްލި މުސްކުޅި ސިފައެއް ޖަހަން ފަށައިފި ނަމަ އެއަށް ވުރެ ރީތި މީހަކާއި ދިމާއަށް ތިމާގެ ލޯ އަމާޒު ވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެއީކީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބި ނުވާތީ ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ފަހަރުގައި ވެދާނެއެވެ. އެއީ އިންސާނީ ޠަބީއަތެވެ. ދުނިޔެ ދައްކާ ޙަޤީޤަތެވެ. އެހެން ކަމުން ހަށިގަނޑަށް ސަމާލުކަންދީ އަބަދުވެސް ސްމާޓްކޮށް ހުންނަން މަސައްކަތް ކުރުން އެއީ އުފާވެރި އަދި އުމުރު ދުވަހަށް ދެމިގެން ދާނެ ޒަވާޖީ ހަޔާތަކަށް ޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.

ރީތި ހެދުންލުން

އޮފީހުގެ ބުރަ މަސައްކަތައް ފަހު އެނބުރި ގެއަށް އަންނައިރު އަނބިމީހާ ރީތި ހެދުމެއް ލައިގެން ފިރިމީހާ އަށް މަރުޙަބާ ކިޔަން ކޮންމެ ދުވަހަކު ހުންނަ ނަމަ އެފިރިއަކަށް ކުރެވޭނީ ވަރަށް އުފާވެރި އިހްސާސް އެކެވެ. ހަމަ އެގޮތައް ފިރިމީހާ ލާ އަންނައުނަކީ ވެސް އޭނާގެ ފިރިހެންވަންތަ ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއްޗަކަށް ވާނަމަ ތިބާގެ އަނބިމީހާ އެހެން މަގަކުން ހިނގުން އެއީ ވުން އެހާ ކައިރި ކަމެއް ނޫނެވެ.

ރީތި ހެދުމެއްގައި ހުރުން އެއީ ހިތައް ހަމަޖެހުން ގެނުވާ ކަމެކެވެ. އެހެން ކަމުން އެހަމަޖެހުން ހިތައް ހޯދައި ދިނުމަކީ ކޮންމެ މީހަކު ވެސް ކުރަން ވާނެ ކަމެކެވެ. އެއީ އުމުރު ދުވަހު ތިލޯބީގައި ދެމި ހުރުމަށް ކުރަން ޖެހޭނެ ކަމެކެވެ.

ބައިވެރިޔާ އަށް ޖަގާ ދޭންވާނެ

އަނބިމީހާ އާއި އެކު ފިރިމީހާ ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ހޭދަކުރާނަމަ ގައިމުވެސް އެދެމަފިރިންނަކީ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ދެމަފިރިން ކަމަށް ފާހަގަކުރެވޭނެ އެވެ. ނަމަވެސް މިއީ ދިރިއުޅުމަށް އެންމެ ފައިދާ ހުރި ގޮތެކޭ އަހަރެން ނުބުނާނަމެވެ.

ބައިވެރިޔާ ކުރަން ބޭނުންވާ ކަންތައްތައް ކުރުމުގެ ފުރުސަތު އޭނާ އަށް ވެސް ދޭށެވެ. އޭނާ ގަޔާވާ ކަންތައްތައް ކުރަން ބޭނުންވާ ކޮންމެ ވަގުތަކު ތިބާ އޭނާގެ ކައިރީގައި ހުރުން އެއީ އެކަންކަމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެއެވެ.

މިދައްކަނީކީ ދެތިން ދުވަހު އެކުގައި އުޅޭ ވާހަކައެއް ނޫނެވެ. މިއީ 40 ހަކަށް 50 ހަކަށް ނުވަތަ އެއަށް ވުރެވެސް ގިނަ އަހަރު ލޯބިވާ މީހަކާއި އެކު ހުރިހާ އުފަލަކާއި ހުރިހާ ހިތާމައެއް ހިއްސާ ކުރަމުން އުޅޭ ވާހަކައެވެ.

ރަހުމަތްތެރިންނަށް ވަގުތު ދިނުން

ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި އިތުރުވާ ވަރަކަށް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ގިނަ ކަންތައްތައް ހިއްސާ ކުރެވި ގިނަ ވާހަކަތައް ދެމީހުންގެ ދެމެދުގައި ދެކެވެއެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ ތިއީ ދެމީހެއް ކަމެވެ. ކޮންމެ މީހެއްގެ ވެސް ރަހުމަތްތެރިން ތިބޭނެއެވެ. އެރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު އަނބިމީހާ އަށް ވެސް އަދި ފިރިމީހާ އަށް ވެސް އޮންނަން ވާނެއެވެ.

ކޮންމެ ދުވަހަކީ އެއް ކަންތައްތަކެއް ތަޖުރިބާ ކުރާ ދިރިއުޅުމުގައި އެއް ކަންތައްތަކެއް ހިނގަމުންދާ ދުވަހެއް ކަމަށް ވާނަމަ ތިދެބައިވެރިންގެ ދެމެދުގައި ދެކެވޭނެ އާވަހަކައެއް ނޯންނާނެއެވެ. ނަމަވެސް ރަހުމަތްތެރިންނާއި ބައްދަލުކޮށްލާ އެމީހުންނާއި އެކު ދެއްކި މަޖާ ވާހަކަތައް ގެއަށް އައިސް އަނބިމީހާ އާއި ނުވަތަ ފިރިމީހާ އާއި ހިއްސާ ކުރެވޭނަމަ އުފޭވެރިކަމާއި ހިނިތުންވުން ތިދެމަފިރިންގެ މޫނު މަތިން ފެންނަމުން ދާނެއެވެ.

އެކުގައި ވަގުތު ހޭދަކުރުން

ލޯބިވާ މީހަކާއި އެކު އުމުރު ދުވަހު އުޅެވޭނީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ކަންކަން ކުރުމުގެ މިނިވަންކަން ލިބިގެންނެވެ. ހަމަމިއާއި އެކު އަމިއްލަ ކަންތައްތަކާއި ހުރެ ލޯބިވާ މީހާއަށް ވަގުތެއް ހުސްކޮށް ނުލެވޭނަމަ ތިދެމަފިރިންގެ ދެމެދުގައި ކުނިޖެހެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަން ހަނދާން ކުރަން ވާނެއެވެ.

"އަހަރެން ބޭނުން ވަނީ ކަލާ އާއި އެކު ކޮންމެ މިނެޓެއް ވެސް ހޭދަކުން. އެންމެ ވަގުތަކު ވެސް ދުރުގައި ހުންނާކަށް ބޭނުމެއް ނޫން." މިއީ ހިތުގެ ގޮވާލުން ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ އުމުރު ދުވަހު އެކުގައި ދިރިއުޅުމަށް ނިއަތް ގަނެގެން ތިބި ދެމަފިރިންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ވާނެއެވެ. އަދި އެވަގުތަކީ މާދިގު ވަގުތުތަކަކަށް ނުވި ނަމަވެސް އެވަގުތަކީ ކޮލެޓީ ވަގުތު ތަކަކަށް ހަދަން ވާނެއެވެ. ދެމަފިރިން އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ވެސް ހަނދާނުގެ ބޮޅަށް މެހިގެންދާ ހަނދާނުން ފޮހެލަން ދަތި ހަނދާނަކަށް ވާން ވާނެއެވެ. އެވަގުތު ކޮޅުގެ އުފާވެރި ކަމާއި އެވަގުތު ކޮޅުން ލިބުނު ހިތްހަމަޖެހުމަކީ އެކަނިވާ ކޮންމެ ވަގުތަކު ހަނދާނަށް އަންނަ ވަގުތު ކޮޅެއް ކަމުގައި ވާންވާނެއެވެ.

ނިންމާލުން

ދިރިއުޅުމަކީ އުނދަގޫ ދަތުރެކެވެ. އެއްވެސް ދެއިންސާނެއްގެ ހުރިހާ އިހްސާސްއެއް އެއްގޮތް ނުވާއިރު އެކުގައި އުމުރު ދުވަހު އުޅެވޭނީ ލައްކަ ގިނަ ގޮންޖެހުންތައް ގިރާ ކޮށްގެންނެވެ. ނަމަވެސް އިސްވެ އަހަރެން މިބުނެދިން ކަންތައްތައް ކުރާ ނަމަ ތިބާގެ ބައިވެރިޔާ ސްޕެއާ ފުރޮޅެއް ގެންގުޅުން ވަރަށް ދުރެވެ. އަދި ތިބާ ލޯބިވާ ބައިވެރިޔާ އާއި އެކު އުމުރު ދުވަހު އުޅެވުން ވަރަށް ގާތެވެ.