ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރަކު އެއްކޮށް، ރަނގަޅަށް ފިލްމެއްގައި މަސައްކަތް ކޮށްފިނަމަ، އެ ފިލްމެއް ވަރަށް ފުރިހަމަވެފައި ގިނަބަޔެއްގެ ޝައުގުވެރިކަން ލިބޭނެކަން ގައިމެވެ. މިފަދަ ދެ ހުނަރުވެރިން އަލަށް އެއްކޮށް ފިލްމެއްގެ ލީޑް ރޯލުން ފެނިގެންދިޔުމަކީ ހަމަ ގައިމުވެސް އެ ފިލްމަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މިގޮތުން ކުޅަދާނަ އެކްޓަރު ވަރުން ދަވަން އާއި އެކްޓްރެސް އަނުޝްކާ ޝަރުމާ ވެސް ބޮލީވުޑް ފިލްމު "ސުއި ދާގާ" އާއިއެކު ބެލުންތެރިންނާއި ހަމައަށް ދެ ފަންނާނުން އެއްކޮށް ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ފިލްމުގެ ޓީމުން މި ދެ ފަންނާނުންގެ ސަބަބުން ފިލްމާއި މެދު ދެކެމުން އަންނަނީ ފޮނިފޮނި އުންމީދު ތަކެކެވެ.

"ވަރުން އާއި އަނުޝްކާ މި ފިލްމުގައި ދައްކައިދިފައި އެ ވަނީ ހަމަ އެންމެ ބެސްޓް. އެންމެ ފުރަތަމަ ފިލްމުގެ ސްޓޯރީ ކިޔައިދިން ހިސާބުންވެސް ދެމީހުން މި ފިލްމުން ދޭން ބޭނުންވާ މެސެޖް ވީ އެންމެ ރަނގަޅަކަށް މީހުންނަށް ފޯރުކޮށްދެވޭތޯ ބެލި. އަދި އެ ދުވަހު މިކަން ވަރަށް ރަނގަޅަށް ކޮށްދޭނެ ކަމަށްވެސް ދެ ތަރިންވެސް ވަނީ ބުނެފަ. މިހާ ކޮންޕިޓެންޓް ފިލްމެއްވީމަ އަވަހަށް ޕްރޮމޯޝަންގެ ކަންތައްތައްވެސް ފަށާ ހިތުން މި ތިބެނީ. ފިލްމު ވަރަށް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރެވޭ." ފިލްމުގެ ޕްރޮޑިއުސަރު މަނީޝާ ޝަރްމާ ބުނެފައިވެއެވެ.

މި ފިލްމުގައި ވަރުން ޓެއިލަރެއްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދަނީ ޑެކެރޭޓަރެއްގެ ރޯލުންނެވެ. އަދި މި ދެމީހުން އެކުގަިއ ފިލްމުގައި ފެނިގެންދަނީ ރަށްފުށު ހިސާބެއްގެ ކުޑަ ކަޕްލްއެއް ހެންނެވެ.

"ގިނަ އެކްޓަރުން 20 ވަރަކަށް ދުވަސް ޕްރޮމޯޝަންގެ ކަންތައްތަކުގައި އުޅޭނީ. އެކަމަކު ވަރުން އާއި އަނުޝްކާ މި ފިލްމުގެ ޕްރޮމޯޝަނަލްގެ ކަންތައްތަކުގައި 40 ދުވަސް ހޭދަކުރާ ގޮތަށް އަދި ހަމަޖެހިފައި އިނީ. އެއީވެސް ފިލްމާއި މެދު އެމީހުން ކޮންފިޑެންޓް ވަރާއި ފިލްމަށް ދޭ އިސްކަން ހާމަވާ ކަމެއް" މަނީޝާ އިތުރަށް ބުނެފައިވެއެވެ.

ވަރުން އާއި އަނުޝްކާގެ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 28 ގައެވެ. ނަމަވެސް އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފިލްމުގެ ޓްރެއިލާ އާންމު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު