ލޭގެ ޓެސްޓުތައް ބޭނުންކޮށްގެން ހަމުގެ ކެންސަރު ދެނެގަނެވޭނެ ގޮތް އޮސްޓްރޭލިއާގެ ސައިންޓިސްޓުންތަކެއް ހޯދައިފިއެވެ. އެގޮތުން އަލަށް ހޯދި މި ލޭގެ ޓެސްޓުތައް ބޭނުންކޮށްގެން ހަމުގައި ނަގާ މެލަނޯމާތައް އޭގެ އެންމެ ފުރަތަމަ ސްޓޭޖުގައި ދެނެގަނެވޭނެއެވެ.

ހަމުގައި ނަގާ ކެންސަރަށް ވާރުތަކުރާ މެލަނޯމާތައް ދެނެގަތުމަށް މިވަގުތު ޑޮކްޓަރުން ބޭނުންކުރަނީ ބަޔޮޕްސީ އެވެ. ނަމަވެސް ބަޔޮޕްސީ ހަދަން އާންމުކޮށް ޑޮކްޓަރުން ލަފާ ދެއްވަނީ އެ ޑޮކްޓަރަކަށް ބަލި މީހާގެ ހަމުގައި ނަގާފައިވަނީ މެލަނޯމާއެއްކަން ލޮލުން ބަލައިގެން ޔަގީންކުރެވޭނަމައެވެ. މީގެ ސަބަބުން ބައެއްފަހަރު ނުރައްކާތެރި މެލަނޯމާތަށް ދެނެނުގަނެވި ދާ ފަހަރުވެސް އާދެއެވެ. ނަމަވެސް އަލަށް މި ހޯދުނު ލޭގެ ޓެސްޓުތަކުގެ ޒަރިއްޔާއިން މިފަދަ މެލަނޯމާތަށް ފަސޭހައިން އަވަހަށް ދެނެގަނެވޭނެއެވެ.

ލޭގެ މި ޓެސްޓު ހޯދި އޮސްޓްރޭލިޔާގެ އެޑިތް ކޮވެން ޔުނިވާސިޓީގެ ސައިންޓިސުވެރިން ބުނިގޮތުގައި ހަމުގެ ކެންސަރުގެ ފުރަތަމަ ސްޓޭޖުގައި މެލަނޯމާ ގްރޯތް ތަކާ ދެކޮޅަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީތައް މި ލޭގެ ޓެސްޓުތަކުން ހޯދޭނެއެވެ. އެގޮތުން މި ޓެސްޓުގެ އަޖުމަ ބަލާލުމަށް 200 މީހުންގެ މެދުގައި ހިންގި ޓްރައިއަލްގައި %81.5 މީހުންގެ ކެންސަރު ވަނީ ޓެސްޓު މެދުވެރިކޮށް ހޯދާފައެވެ.

މެލިގްނަންޓް މެލަނޯމާއަކީ ހަމުގެ ކެންސަރުގެ އެންމެ ބާރަށް ފެތުރޭ އަދި އެންމެ ނުރައްކާތެރި ބާވަތެވެ. އެހެންކަމުން އަލަށް މި ހޯދުނު ލޭގެ ޓެސްޓުތައް ބޭނުންކޮށްގެން މިފަދަ ނުރައްކާތެރި ބާވަތްތަކުގެ ހަމުގެ ކެންސަރު އޭގެ ފުރަތަމަ ސްޓޭޖުތަކުގައި ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.

އަލަށް ހޯދުނު ލޭގެ ޓެސްޓު އަދިވެސް ވަނީ އޭގެ ކާމިޔާބު ރޭޓު %90 އަށް އެރުވުމަށްޓަކައި ޓްރައިއަލް މަރުހަލާގައެވެ. މި ޓްރައިއަލް ތަކަށް ތިން އަހަރު ނަގާނެ ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ލޭ ޓެސްްޓު އާންމުންނަށް ހުޅުވިގެންދާނެ ކަމަށް ރީސާޗަރުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ކާފަރުން ހޯދާ މޮޅު ހޯދުމުގެ ވާހަކަ މިތާ ލިޔަނީ އިސްލާމުންނަށް ފުރައްސާރަކުރަންތަ؟

    • ނުރަބޯ

      ކާފަރުންނެއްކަމަކު އެމީހުންހޯދާ ބައެއް މޮޅުތަކުން މުސްލިމުން ނަށް ވެސް ފައިދާކުރެއެވެ.