ބޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި އެކްޓަރު ސަލްމާން ޚާން އަހަރު ތަކަކަށްފަހު ދެމީހުން އެއްކޮށް އެއް ފިލްމަކުން ފެންނަން އުޅޭ ޚަބަރަކީ ހަމަ ގައިމުވެސް އެ ދެ ފަންނާނުންގެ ފޭނުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް ނޫނީ ނުވާނެއެވެ. އަލީ އައްބާސް ޒަފަރްގެ ފިލްމު "ބަރަޓް" އިން މި ދެ ފަންނާނުން ފެނިގެންދާން ތައްޔާރުވާއިރު، ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

"ބަރަޓް"ގެ ޝޫޓިން އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޮގަސްޓު މަހުގެ ނިޔަލަށް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގައެވެ. އަދި އޭގެފަހުން މަލްތާއާއި އަބޫދާބީގައި ވެސް ޝޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މުމްބާއީގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ 60ހުގެ އަހަރުތަކުގެ ކުރީގެ ބައެއް މަންޒަރުތައް ކަމަށެވެ. އޭރު އިންޑިއަން-ރަޝިއަން ސާރކަސްގެ ކަންތައްތައް އޮތްގޮތް ވަރަށް ރަނގަޅަށް ފިލްމުން ފެނިގެންދާނެއެވެ. އަދި ސަލްމާން ފެނިގެންދާނީ ސްޓަންޓް ޖައްސާ ސައިކަލް ދުއްވާ މީހެއްގެ ރޯލުން ކަމަށާއި ފިލްމުގައި ދެން ހަރަކާތްތެރިވާ ތަރި އެކްޓްރެސް ޑިޝާ ޕަތާނީ ފެނިގެންދާނީ ޓްރެޕީޒް އާރޓިސްޓެއްގެ ގޮތުގައި ކަމަށްވެސް އަލީ އާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ޕްރިޔަންކާ މިވަގުތު އޭނާގެ ތިންވަނަ ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިންގައި އުޅެމުންދާއިރު، "ބަރަޓް"ގެ ޝޫޓިންއާއި އޭނާ ބައިވެރިވާން ހަމަޖެހިފައިވަނީ އެ ފިލްމުގެ ކަންތައްތައް ނިމުމުން އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރުން ސަލްމާން އާއި ޕްރިޔަންކާގެ ޝޫޓިންގެ ބައި ކުރިއަށްދާނެ ކަމަށާއި އެއީ 1960 ހުން ފެށިގެން މިއަދާ ހަމައަށް ކަންތައްތައް ވަމުން އައިގޮތް ދައްކައިދޭނެ ހިސާބެއް ކަމަށްވެސް އަލީ ބުނެއެވެ.

ކޮރެއަން ފިލްމެއްގެ އަސްލަކަށް ބަަލައިގެން އުފައްދާ "ބަރަޓް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ.