ޕެރޫގެ ތިން މީހުން ވެގެން އެމީހުންގެ 75 އަހަރުގެ މަންމަ ވަރަށް އަނިޔާވެރިކޮށް މަރާލާ މަންމަގެ ބައެއް ގުނަވަންތައް ވެސް ނެގުމަށް ފަހު އެކަން ފަޅައި އެރުމުން އެއީ ޖިންނި މޮޔަވެ، ޖިންނި ބުނެގެން ކުރެވުނު ކަމެއް ކަމަށް ފުލުހުންގެ ތަޙްޤީޤުގައި ބުނެފިއެވެ.

ތިން މީހުންގެ މަންމަ ފެނުނީ އެމީހުން ދިރިއުޅޭ އަވަށުގައި މަންމަގެ ގޭގައި އޮއްވައެވެ. އެއާއިލާ ދިރިއުޅުނީ ޕެރޫގެ އުތުރުގައި އޮންނަ ފަރުބަދަ މަތީ އަވަށެއް ކަމަށްވާ އަންޑަބާމާގައެވެ.

މަންމަ މަރާލާފައި ވަނީ އުމުރުން 38 އަހަރުގެ އައުރެލާ އާއި 41 އަހަރުގެ ޕާސީ އާއި 46 އަހަރުގެ ސުއާނީ ވެގެންނެވެ. ތިން މީހުން ވެސް ވަނީ މަންމަ މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަޙްޤީޤުގައި އިއުތިރާފު ވެފައެވެ. ނަމަވެސް ބުނީ އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ޖިންނި މޮޔަވުމުން ކުރެވުނު ކަމެއް ކަމަށެވެ.

ތިން މީހުން ވެގެން އެމީހުންގެ މަންމަ މަރާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެމީހުން ފުލުހުންގެ ތަޙްޤީޤުގައި ބުނީ ޖިންނި އެމީހުންނަށް ބާރުތައް ދޭން ހުށަހެޅި ޝަރުތަކީ ލޯބިވާ ކޮންމެވެސް މީހަކު މަރާލުމެވެ. މަންމަ މަރާލަން ޖެހުނީ އެހެންވެ ކަމަށް ތިން ދަރިން ބުނެއެވެ.

މަންމަ މަރާލީ ވަޅިން ހަމަލާ ދީގެންނެވެ. މަންމަގެ ގުނަވަންތައް ނެގީ ވެސް ވަޅިއަކުން މަންމަގެ ހަށިގަނޑު ކަފާލައިގެންނެވެ. މަންމަ މަރާލުމަށް ފަހު ތިން ދަރިން ވަނީ މަންމަގެ ލެއިން "ފެން ވަރާފައެވެ."

ތިން މީހުން ހައްޔަރު ކުރުމުން އެމީހުން ބުނީ އެމީހުން އަދި ސަލާމަތް ވާނެ ކަމަށާއި ދުވަހަކަށް ވުރެ ދުވަހަކު އެމީހުންގެ ބާރުގަދަ ވަމުން އަންނަ ކަމަށެވެ.

މިހާދިސާ ހިނގި ސަރަހައްދަކީ އެކި ކަންކަމުގެ ބޭނުމުގައި މީހުން ސިހުރު ހަދާ ސަރަހައްދެކެވެ. މިސަރަހައްދުގެ ގިނަ މީހުން ސިހުރު ހަދަނީ މުއްސަނދިކަމާއި ފައިސާ ހޯދުމުގެ ބޭނުމުގަޔާއި ސަރަހައްދުގައި ނުފޫޒު ގަދަ ބަޔަކަށް ވުމުގެ ބޭނުމުގައެވެ. މިއީ ވަރަށް ފަގީރު އެކަހެރި އަވަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    استغفر الله