ބޮލީވުޑް އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ގުޅުމުގެ ވާހަކަ ގެނެސްދިނުމަށް މީޑީއާތައް މަސައްކަތް ކުރި ނަމަވެސް، ވަރުން ދަނީ ވީހާވެސް ބޮޑަށް އެފަދަ ކަންތައްތައް ސިއްރު ކުރެވޭތޯ ބަލަމުންނެވެ. އަމިއްލަ ޕާސަނަލް ކަންތައްތައް އާންމު ކުރުމަށް ގަޔާ ނުވާ ވަރުން ބުނާގޮތުގައި، އޭނާއާއި ނަތާޝާގެ ގުޅުމުގެ ވާހަކަ ނުދައްކަނީ ޕަބްލިކް ވުމަށް ނަތާޝާ އެހާ ހިތްހަމަ ނުޖެހޭތީ އާއި އޭނާއަށް އެފަދަ ކަމަކުން ކުރިމަތި ވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށެވެ.

ނަމަވެސް މިހާރަކަށްއައިސް އާންމުންގެ ތެރެއަށްވެސް ނުކުމެ އުޅޭ މި ދެ ލޯބިވެރިން އަނެއްކާވެސް އެކުގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ހިތްފަސޭހަ މަންޒިލަކަށް ދާން އުޅޭ ކަމުގެ ޚަބަރުތައް މިވަނީ ފެށިފައެވެ.

"ކުރިންވެސް އެމީހުން މިގޮތަށް ކޮންމެވެސް މަންޒިލަކަށް ދާން ރާވާފައި އޮތީ ވަގުތުކޮޅެއް ހޭދަ ކޮށްލަން. އެކަމަކު ވަރުންގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެކަން ނުވެފަ އޮތީ. ވަރުންގެ ފިލްމެއް އޭޕްރީލް ގަވެސް ރިލީޒްކޮށްފަ އަނެއްކާ އެންމެ ފަހުން އެ ކުޅުނު ފިލްމު "ސުއިދާގާ" ގެ ކަންތައްތަކުގައި ބިޒީވީ. އެކަމަކު މިހާރު އެ ފިލްމު ނިމުމުން ދެން އެހެން ފިލްމެއްގެ މަސައްކަތާއި ހަވާލު ވުމުގެ ކުރިން ކުޑަ ބްރޭކެއް ނަގަނީ." މީޑިއާއަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ވަރުން އާއި ނަތާޝާ މިފަހަރުގެ މި ޗުއްޓީ ހޭދަކޮށްލުމަށް ބޭރު ޤައުމަކަށް ދާން ހަމަޖެހިފައިވާއިރު، ދާ މަންޒިލެއް އަދި ހަމަނުޖެހޭ ކަމަށް ވަރުން ވަނީ ބުނެފައެވެ. އަދި ބާލީއަށް ނުވަތަ ލަންޑަނަށް ދާން ވިސްނާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ތަނެއް ކަނޑައަޅާފައި ނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.