މަޝްހޫރް ލަަވަކިޔުންތެެރިޔާ ޖަސްޓިން ބީބާރ އާއި އޭނާގެ ލޯބިވެރިޔާ ހައިލޭ ބާލްޑްވިން މިހާރު އެންގޭޖްވެފައިވާއިރު، އެދެމީހުން ދަނީ ކައިވެނީގެ ކަންތައްތަކަށްވެސް ތައްޔާރުވަމުންނެވެ. މި އަހަރުގެ މޭ މަހުގެ ތެރޭގައި ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔަ މި ދެ ލޯބިވެރިންގެ އެންގޭޖްމެންޓް ޚަބަރު ލިބުމުން އަސަރުކުރާނެ ފަރާތްތަކުގެ ތެރެއިން އެކަކަށް ހަމަގައިމުވެސް ހައިލޭގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރް ލަވަކިޔުންތެރިޔާ ޝޯން މެންޑްސް ވާނެއެވެ.

ހައިލޭއާއި ޖަސްޓިންއާއި ދިމާވުމުގެ ކުރިން، ހައިލޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޝޯން އާއެވެ. އަދި "މެޓް ގާލާ 2018" ގައިވެސް މި ދެ ލޯބިވެރިން ވަނީ އަތުގުޅައިލައިގެން ރަތް ދޫލައިގައި ހިނގާލުމުގެ ޝަރަފުވެސް ލިބިގަނެފައެވެ. އެދުވަހުގެ ބައެއް "ރޮމޭންޓިކް" ފޮޓޯތައް އިންސްޓަގްރާމްގައި ވައިރަލްވެސް ވެފައިވެއެވެ.

އޭރު ޖަސްޓިންވެސް ރައްޓެހިވެގެން އުޅުނީ ލަވަކިޔުންތެރިޔާ ސެލީނާ ގޯމާޒްއާއެވެ. އަދި މި ދެމީހުންގެ "ރޮމޭންޓިކް" ބައެއް ފޮޓޯތައްވެސް ވަނީ ވަރަށް ދުވަސްވަންދެން މީސްމީޑިއާގައި ދައުރުވެފައެވެ.

ކޮންމެއަކަސް، ޖަސްޓިންއާއި ހައިލޭގެ އެންގޭޖްމެންޓަށްފަހު ޝޯންވަނީ ހައިލޭއަށް މަރުހަބާގެ މެސެޖެއް ވެސް ފޮނުވާފައެވެ.

"އަހަރެންނަށް އެ ޚަބަރު ލިބުމުން މެސެޖްކުރީ މަރުހަބާއޭ ކިޔާފަ. އެއީ ކަންތައްވީ ގޮތަކީ. އިތުރަށް ދެން އަހަރެމެންގެ ލަވް ލައިފް ކުރިއަކަށް ނުދާނެ ސަޕޯޓަރުން ކިތަންމެ ބޭނުންވެފައި ތިއްބަސް" އެންގޭޖްމެންޓްގެ ޚަބަރު ލިބުމުން ޝޯން ކަންތައް ކުރިގޮތް ކިޔައިދެމުން އޭނާ ބުނެފައިވެއެވެ.

2011 ވަނަ އަހަރު ޖަސްޓިންއާއި ސެލީނާ ވަނީ، ދެ އަހަރު ދުވަހު އެކުގައި އުޅުމަށްފަހު މީގެކުރިންވެސް ބްރޭކްއަޕްވެފައެވެ. ނަމަވެސް އަނެއްކާވެސް މަހެއް ނުވަނީސް އަލުން ގުޅި އެއްކޮށް އުޅުމަށްފަހު 2013 ވަނަ އަހަރު ދެމީހުން ވަނީ ވަކިވެފައެވެ. އަދި މިދިޔަ އަހަރު އަނެއްކާވެސް މި ލޯބީގެ ގުޅުން ކުރިއަށް ގެންދަން ފެށުމާއިއެކު، ޖަސްޓިންއާއި ސެލީނާއަކީ ހަޤީޤީ ލޯބިވެރިން ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ނަމަވެސް، ޖަސްޓިންއާއި ސެލީނާ މިފަހަރު ބްރޭކަޕަށްފަހު، ދެމީހުންވެސް އެހެން ލޯބިވެރިން އިޚްތިޔާރު ކުރުމުން އެދެމީހުންގެ ފޭނުން ތިބީ ފުން ހިތާމައެއްގައެވެ.

ކޮންމެއަކަސް، ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރާ ދުވަހެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް ކައިވެނީގެ ހަފްލާ ވަރަށް ކުޑަވާނެ ކަމަށާއި ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާއާއި ރައްޓެހިންނަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު