ފަޅޮލަކީ ހަންގަނޑު ކުރަކިވުން ފަދަ މައްސަލަތަކުންނާއި ޒުވާން ކަންމަތީގައި ތިބުމަށް އަންހެނުން ބޭނުން ކުރާ ހަތިޔާރެކެވެ. ފަޅޮލަކީ އޭގައި ވިޓެމިން ސީ، އީ، އަދި ކެރޮޓެނޮއިޑް އޭގައި އެކުލެވިގެންވާ މޭވާ އެކެވެ. މި މާއްދާތަކުން ހަންގަޑު ކުރަކި ވުމާ ހަންގަނޑު ދޫވުމުން ސަލާމަތް ކޮށްދެއެވެ.

ފަޅޯ ކެއުމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ވިހަތައް ބޭރުކޮށްދީ އަދި ހަންގަނޑު ތާޒާ ކަންމަތީގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުން

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކެއުމުގައި ރަނގަޅު ޑައެޓެއް ގެންގުޅުންވެސް ވަރަށް މުހިންމެވެ. ކެމުގައި ފަޅޯ ހިމެނުމުން އިންސާނާގެ ހިތަށް ވަރަށް ބޮޑު ފާއިދާ ތަކެއް ކުރެއެވެ. އެގޮތުން ފަޅޮލުގައި ހުންނަ އޮށަކީ ހިތަށް ވަރަށް ފާއިދާ ހުރި ރަނގަޅު އެއްޗެކެވެ. އަދި މީގެ އިތުރުން ހަކުރު ބަލި ޖެހުމުގެ ސަބަބުން ދިމާވާ ހިތުގެ ބަލިތަކަށް ވެސް ފަޅޮލަކީ ވަރަށް ރަނގަޅު ފަރުވާ އެކެވެ.

ހަންގަނޑުގެ މައްސަލަތަކަކީ އެކި އުމުރު ތަކުގެ މީހުންނަށް ދިމާވާ މައްސަލައެކެވެ. އުމުރުގެ ކޮންމެވެސް ހިސާބަކުން ހަންގަނޑު ކުރަކިވުން ފަދަ މައްސަލަތަކާއި ކުރިމަތިލާން ނުޖެހޭ މީހުން މަދުވާނެއެވެ. އެހެންކަމުން ހާއްސަކޮށް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ބޭނުންކުރާ ލޯޝަން އަދި ކްރީމްފަދަ ތަކެއްޗަކީ ވީހާވެސް ކެމިކަލް މަދު އަދި ހަންގަނޑު ތެތްކޮށް ބަހައްޓައިދޭ އުފެއްދުންތަކަށް ވުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ހަންގަނޑުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކެއުމުގައި ރަނގަޅު ޑައެޓެއް ގެންގުޅުންވެސް ވަރަށް މުހިންމެވެ.

އިސްތަށިގަނޑަށްވެސް މިއީ ފަރުވާއެއް!

ފަޅޮލަކީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އަދި ބޮލުގައި ހަންފޮޅުމުން ސަލާމަތް ކޮށްދޭ މޭވާ އެކެވެ. އެގޮތުން ފަޅޯ ހިމަނައިގެން ތައްޔާރު ކޮށްފައި ހުންނަ ޝޭންޕޫ އަކީ އިސްތަށިގަނޑަށް ފަރުވާއަކަށް ވެގެންދާނެ ޕްރޮޑަކްޓެކެވެ. ފަޅޯ އިސްތަށިގަނޑުގައި ހޭކުމުގެ ސަބަބުން އިސްތަށިތައް މަޑު ކޮށްލަދީ އިސްތަށިގަނޑަށް ގުދުރަތީ ރީތި ވިދުމެއް ގެނެސްދޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ގައި ފަޅޯ ސުމޫތީ ބޭނުން ކުރެވިދާނެއެވެ. ނޫނީ ފަޅޯ އިން މާސްކެއް ތައްޔާރުކުރުމަށްފަހު އިސްތަށިގަނޑުގައި ބޭނުން ކުރުމުން އިސްތަށިގަނޑު ރީތިވެގެންދާނެއެވެ.

މާސްކް ތައްޔާރުކުރުމަށްޓަކައި ބައި ޖޯޑު ޕްލެއިން ޔޯގަޓް އާއި ފަޅޯ އެއްކޮށްލާށެވެ. އަދި އިސްތަށިގަނޑުގައި ހާކާލުމަށްފަހު 45 މިނެޓް ވަންދެން ބެހެއްޓުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ. މި ގޮތަށް ހަފްތާއަކު އެއްފަހަރު ހަދާށެވެ.