ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިންމާލުމަށް ފަހު އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރި ގްރީސްގެ ހޮޓަލެއްގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި 23222 އެމެރިކާ ޑޮލަރު (ތިންލައްކަ ފަންސާސް ހާސް ރުފިޔާ) ދީފިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ކުއްލި ގޮތަކަށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލު ވުމުގެ ކުރިން ޗުއްޓީ ހޭދަކުރި ހޮޓަލްގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު އޭނާ ބުނީ އެއީ އޭނާ އަށް ލިބުނު ރަނގަޅު ޚިދުމަތްތަކުގެ ސަބަބުން ދިން ހަދިޔާއެއް ކަމަށެވެ.

ރޮނާލްޑޯ ވަނީ ޗުއްޓީ ނިންމާލުމުގެ ކުރިން ލޯބިވެރިޔާ ޖިއޯޖިނާ ރޮޑްރިގޭޒް އާއި ހޮޓެލްގެ މުވައްޒަފުންނާއި އެކު ފޮޓޯއެއް ނަގާފައެވެ. ރޮނާލްޑޯ ހޮޓަލުގައި ޗުއްޓީ ހޭދަކުރިއިރު ބައެއް ރަހުމަތްތެރިން ވެސް އޭނާ އާއި އެކު ބައިވެރިވި ކަމަށް ވެއެވެ.

ރޮނާލްޑޯ އަށް އަހަރު ލިބޭ އާމްދަނީ 64 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ވެއެވެ.

ރޮނާލްޑޯގެ ބޮޑު ހަދިޔާގެ ސަބަބުން ހޮޓަލުގެ މުވައްޒަފުންނަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފައެވެ. ގްރީސް އަކީ ދަރަނި ބޮޑުވެ ބަނގުރޫޓް ވެފައިވާ ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ އަގުހެޔޮ ޗުއްޓީއެއް ހޭދަކުރެވޭ އެއް ގައުމަކީ މިހާރު ގްރީސް އެވެ.