ދުނިޔޭގެ ބާޒާރުގައި އެންމެ ވާދަވެރިއީ އައިއޯއެސް އާއި އެންޑްރޮއިޑްއެވެ. އެންޑްރޮއިޑްގެ ތަފާތު ބްރޭޑްތަކުގެ ފޯންތައް އުފައްދަމުން ދިޔަ ނަމަވެސް އައިފޯން އާ ޖަހާލެވޭ ވަރުގެ ފޯނެއް އަދި އުފެއްދިފައި ނުވާކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މީހާ ގެންގުޅޭ ފޯނަކީވެސް ލޯބީގެ ގޮތުން މީހާ ކާމިޔާބު ވުމަށް އޮތް ހުރަހެއް ކަމަށް މިވަނީ ދިރާސާއަކުން ދައްކާފައެވެ. އިލެކްޓްރޯނިކްސް އާލާތް ވިއްކަމުން އަންނަ ޑެކްލަރ އިން ކޮށްފައިވާ ދިރާސާއެއްގައި ދައްކާފައިވާ ގޮތުން 70 އިންސައްތަ މީހުން ލޯބީގެ ގޮތުން ގުޅެން ބޭނުންވަނީ އައިފޯނެއް ގެންގުޅޭ މީހަކާއެެވެ.

އަދި މިދިރާސާގައި ބައިވެރިވި ގިނަ ބައިވެރިން ބުނެފައިވަނީ އަނެކާއާ މެދު ދެކޭގޮތް އަތުގައި އޮންނަ ފޯންގެ ސަބަބުން ބަދަލު ކަމަށާއި އައިފޯން އެއް ގެންގުޅޭނަމަ ދޭހަވަނީ އެއީ މޮޅު މީހެއް ކަމަށެވެ.

މީގެ އިތުރުން މިދިރާގައި ބައިވެރިވި މީހުން ބުނެފައިވަނީ ފޯންގެ ބްރޭޑްގެ އިތުރުންވެސް ފޯންގެ ހާލަތަށްވެސް ލޯބީގެ ގޮތުން ގުޅޭ އިރު ބަލާ ކަމަށާއި މިގޮތުން ފޯންގެ ސުކްރީން ތެޅިފައިވާނަމަ އެމީހަކާއެކީ ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ފޯންގެ ސްކްރީން ތެޅިފައިވުމުން ދައްކުވައިދެނީ އެމީހާއަކީ ފަރުވާތެރި މީހެއް ނޫން ކަމަށާއި އަދި މާލީ ގޮތުން ފުދޭ މީހެއް ނޫން ކަމަށެވެ.

އަދި މިދިރާސާގެ ބައިވެރިން ބުނެފައިވަނީ ކުރީގެ ފޯން އެއް ގެންގުޅޭނަމަވެސް އެމީހާއަކީ ދަށް ފެންވަރުގެ މީހެއް ކަމަށް ދައްކުވައިދޭ ކަމަށެވެ.