ބީޓީއެސްގެ މެމްބަރު ކިމް ސިއޯކް ޖިން ނުވަތަ ސްޓޭޖު މަތީ ނަމުންނަމަ ޖިންއާއި ކައިވެނި ކޮށްގެން އުޅޭކަމަށް އަންހެނަކު ބުނެފިއެވެ.

މި އަންހެން މީހާ މިހެން ބުނެފައިވަނީ ޖިންގެ މިދިޔަ އަހަރުގެ އުފަންދުވަހު ބޭއްވި ވީލައިވްއެއްގައެވެ.

ޖިން މި ވީލައިވް ބާއްވާފައިވަނީ އޭނާގެ އުފަންދުވަހު ބީޓީއެސްގެ ސަޕޯޓަރުން ކަމުގައިވާ އާރމީއާއި ގުޅުން ބަދަހިކޮށްލުމަށާއި އޭނާގެ ސޯލޯ އަލްބަމް ''ސުޕަރ ޓޫނާ'' ގެ ކާމިޔާބު ފާހަގަ ކުރުމަށެވެ.

މި ވީލައިވްގެ މެދުތެރެއިން އެންމެންގެ ސަމާލުކަން ލިބިގެން ދިޔައީ އަންހެނަކު ކުރި ކޮމެންޓަކުންނެވެ. ''އަހަރެން އުޅެނީ ޖިން އާއި ކައިވެނި ކޮށްގެން'' މި ކޮމެންޓާއި އެކު އާރމީގެ އެހެން މެމްބަރުންގެ ސަމާލުކަން އެމީހާއަށް ހުއްޓުނެވެ.

ވީލައިވްގައި އެ ޖިން ދައްކަމުން ދިޔަ ވާހަކައަށް ވުރެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މި އަންހެން މީހާއަށެވެ. އެތައް ބަޔަކު ކުރަމުން ދިޔަ ކޮމެންޓްތަކުގެ ތެރެއިން ޖިންއަށް ވެސް މި ކޮމެންޓް ފާހަގަ ކުރެވުނެވެ.

އަދި އެއީ ތެދެއް ނޫން ކަމަށާއި އޭނާ އަދި އެއްވެސް ކައިވެންޏެއް ނުކުރާ ކަމަށާއި އޭނާ ހުރީ ހުސްކޮށް ކަމަށް ބުނެފައިވެއެވެ.

ފަހުން އެނގުނު ގޮތުގައި އެއީ އާރމީއެއް މަޖާކޮށްލުމަށް ކުރި ކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ބީޓީއެސްގެ މެމްބަރުން ސިއްރުން ކައިވެނި ކޮށްގެން އުޅޭނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ.

ބީޓީއެސްއަކީ ދެކުނު ކޮރެޔާގެ މަޝްހޫރު ލަވަ ބޭންޑެކެވެ. މިއީ ދުނިޔޭގެ އެތައް ރެކޯޑުތަކެއް ހޯދާފައިވާ އެންމެ ބޮޑު ''ފޭން ފޮލޮވިން'' އެއް އޮންނަ އެއް ގުރޫޕެވެ.