ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުޓަށް ދެވަނަ ދަރިޔަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު އެ ދެމަފިރިން މީގެ ކުރިން މީސްމީޑިއާގައި ވަރަށް ތަފާތު ގޮތަކަށް އާންމުކޮށްފައިވާއިރު، މިދިޔައަހަރުގެ ތެރޭގައި މީރާއާއި ފުރަތަމަ ދަރިފުޅު މިޝާއާ ކޮމާޝަލް އިސްތިހާރެއް ކުޅެން އުޅޭ ކަމުގެ އަޑުވަނީ ފެތުރިފައެވެ. ނަމަވެސް ދާދިފަހުން ކުޑަކުދިންނަށް ޙާއްސަ ބޭބީ ކޮމާޝަލް އިސްތިހާރެއް މީރާ ކުޅެފައިވާއިރު، މި އިސްތިހާރުގައި މިޝާ ބައިވެރިކޮށްފައި ނުވާ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.

ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ޔަޝް ރާޖް ސްޓޫޑިއޯގައި ކަމަށާއި މިއީ ބޭރުގެ ކުޑަކުދިންގެ ޕްރޮޑަކްޓް ބްރޭންޑަކަށް ކުޅޭ އިސްތިހާރެއް ކަމަށާއި މީރާ މިކަމަށް މޮޅު ވެފައި ވަރަށް ޕްރޮފެޝަނަލް ކަމަށް ޔަޝް ރާޖް ސްޓޫޑިއޯއިން ބުނެއެވެ.

"މީރާ އަކީ ޕްރޮފެޝަނަލް އެކޭ ބުނެވޭ ވަރުވޭ. އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ ކަންނޭނގެ އެއް ޝޮޓުން ބޭނުންވާ އެކްޝަން ގެނެވުނޭ ބުނެވުނީމަ. އަމުދުން މިއީ މީރާ މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު. އެކަމަކުވެސް ކެމެރާ ކުރިމައްޗަށް އޭނާ ވަރަށް ފަރިތަ. އަދި ޝޫޓް ކުރަމުންދިޔަ އިރު އޭނާގެ އެ ހުރި ކޮންޕިޑެންސް އަކީ ޕްރޮފެޝަނަލް އާރޓިސް އަކަށް ވެވޭނެ އެއް ކަންތައް" ޔަޝް ރާޖް ސްޓޫޑިއޯގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މީރާގެ މި އިސްތިހާރު ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އާންމުކުރެވޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށްވެސް ޔަޝް ރާޖް ޕްރޮޑަކްްޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭސް

    މިރާ ނުކުރަނީ ކޮންކަމެއް. ޓެކްސް ފައިސާ ވެސް ބަލައިގަނޭ