ޕްރިންސް ހެރީ އާއި ކައިވެނި ކުރުމަށް ފަހު އެމެރިކާގެ އެކްޓްރެސް މޭގަން މާކެލް އޭނާގެ ބައްޕަ އާއި ވާހަކައެއް ނުދައްކައެވެ. ކައިވެންޏަށް ދެމަސް ދުވަސް ވީއިރުވެސް މޭގަން އޭނާގެ ބައްޕަ ތޯމަސް އާއި އެންމެ ފަހަރަކު ވެސް ވާހަކަ ދައްކާފައި ނުވާތީ މޭގަން އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ތޯމަސް އަކީ ހިތުގެ ބަލި މީހެކެވެ. ތޯމަސް ބުނާ ގޮތުން ދަރިފުޅު ދީފައިވާ އެންމެ ފޯނު ނަމްބަރަކަށް ވެސް ނުގުޅެއެވެ. ތޯމަސް މީޑިއާގައި މޭގަން އާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް މޭގަން ވެސް އަދި ޝާހީ އާއިލާ އިން ވެސް ޖަވާބެއް ނުދެއެވެ.

ނަމަވެސް "ޔޫއެސް ވީކްލީ" އަށް މައުލޫމާތު ދިން މޭގަންގެ ގާތް މީހަކު ބުނެފައި ވަނީ ކުރިން ކަންތައްތައް ހިނގާފައިވާ ގޮތާއި އަދި ކައިވެންޏަށް ފަހު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން މޭގަން އޭނާގެ ބައްޕަ އަށް އިތުބާރެއް ނުކުރެއެވެ.

މައުލޫމާތު ދިން މީހާ ބުނީ މޭގަން، އޭނާގެ ބައްޕަ އާއި ދައްކާ ވާހަކަ ބައްޕަ ރެކޯޑްކޮށް ލީކް ކޮށްލަފާނެ ކަމަށް ވެސް މޭގަން މިހާރު ލަފާކުރެއެވެ.

"ތޯމަސްގެ ކަންތައްތަކުގެ ސަބަބުން މޭގަން ހުރީ ވަރަށް ކަންބޮޑުވެފައި. މޭގަން އަކަށް ނޭނގޭ އޭނާ ބޭޒާރު ނުވާނެ ގޮތަކަށް މިހާރު ބައްޕަ އާއި ވާހަކަ ދައްކާނީ ކިހިނެއް ކަމެއް ވެސް" މައުލުމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ މޭގަން އާއި ގުޅޭ ގޮތުން މިހާރު ވެސް ތޯމަސް އެތައް ވާހަކައެއް ދައްކަނީ މީޑިއާތަކުން ފައިސާ ހޯދަން ކަމަށާއި އެހެންކަމުން އިތުރު ފައިސާ ހޯދަން ދެބަފައިންގެ ވާހަކަތައް ލީކް ނުކޮށްލާނެއޭ ބުނަން ނޭނގޭ ކަމަށެވެ.

"މޭގަން ބޭނުންވޭ ބައްޕަ އާއި ވާހަކަދައްކަން. ނަމަވެސް މޭގަން އަށް މިހާރު ނެތް ބައްޕަ އަށް އިތުބާރު ކުރެވޭކަށް." އޭނާ ބުންޏެވެ.

މޭގަންގެ ބައްޕަ އާއި މަންމަ މޭގަން ވަރަށް ކުޑައިރު ވަރިވެއްޖެއެވެ. އޭގެ ފަހުން މޭގަން އުޅުނީ މަންމަ ކައިރީގައެވެ. ފުރާވަރަށް އެރިފަހުން މޭގަން ދިރިއުޅުނީ އަމިއްލަ އަށް މަސައްކަތް ކޮށްގެން ލިބޭ އާމްދަނީއަކުންނެވެ. އޭނާ އަށް އެއްވެސް ދުވަސްވަރެއްގައި ބައްޕަގެ އަޅާލުމެއް ލިބިފައެއް ނުވެއެވެ.