އޮސްޓްރޭލިއާ އަންހެނަކު ލޮލުގައި އެޅި އަނދުނެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލި އަނދިރި ވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.
ޝިރްލޭ ޕޮޓާ ނަމަކަށް ކިޔާ އަންހެން މީހާގެ އުމުރެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައި ވަނީ އެއީ މާމަ ދަރިން ވެސް ލިބިފައިވާ މެދު އުމުރުގެ އަންހެނެއް ކަމަށެވެ.
ޕޮޓާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ލޯ އަނދިރިވީ އޭނާގެ ކަބަޑުގައި އޮތް ވިއްސަކަށް އަހަރުވީ އަނދުނެއް އެޅުމުގެ ސަބަބުން ކަމަށެވެ. އަނދުނަކީ މުއްދަތު ހަމަވާ އެއްޗެއް ކަން ނޭނގޭ ކަމަށް ވެސް ޕޮޓާ ބުންޏެވެ.
ގިނަ ދުވަސްވެފައިވާ އަނދުން އެޅުމުގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ލޮލުގެ ފެނުން ގެއްލުނީ ކަމަށް ޕޮޓާ ބުނެއެވެ.
ޕޮޓާ ދައްކާ ވާހަކަަކީ ކިހައި ވަރެއްގެ ހަޤީޤަތެއް އެކުލެވިގެންވާ ވާހަކަތަކެއް ކަމެއް ނޭނގެއެވެ.
ނަމަވެސް އޮސްޓްރޭލިއާގެ ޑޮކްޓަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އާންމު ގޮތެއްގައި އަނދުން ފަދަ ތަކެތި އުފައްދާފައި ހުންނަނީ ހަމަސް ދުވަސް ތެރޭގައި ބޭނުން ކުރަން ކަމަށާއި އެއަށް ވުރެ ގިނަ ދުވަސް ފަހުން ބޭނުންކޮށްފިނަމަ ނުރައްކާތެރި ކަމެއް ދިމާވެދާނެ ކަމަށެވެ.
އޮސްޓްރޭލިއާ އިން އަހަރަކު 22 ބިލިއަން އެމެރިކާ ޑޮލަރު ހަމައެކަނި ރީތިވާ ސާމާނަށް ހޭދަކުރެއެވެ. ނަމަވެސް ރީތިވުމަށް ބޭނުންކުރާ އުފެއްދުންތައް އެކަށީގެންވާ ރެގިއުލޭޓް ނުކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ފޭކް އުފެއްދުންތައް ގިނަވެ، ބައެއް ފަހަރު ނުރައްކާތެރި ކަންކަމާއި ބައެއް މީހުންނަށް ދިމާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުރީ ޒަމާނުގަ ގެންގުޅުނު ކަހަލަ ގާނާ ވައްތަރު އަނދުން މާރަނގަޅުވާނެ.ލޮލުގެ ބަލިތަކުން ސަލާމަތް ކޮށްދޭ.އަހަރެމެން ކުޑައިރު މަންމަމެން އަހަރެމެންގެ ލޮލުގަ އަޅުވައިދެނީ އެކަހަލަ އަނދުން.އެކަމަކު މިހާރު އެއްގޮތަކަށްވެސް އަނދުން ނާޅާތާ ވަރަށް ޒަމާންވެއްޖެ.އެއީ ގާނާ ވައްތަރުގެ އަނދުން ނުލިބޭތީ އާއި މިޒަމާނުގަ މިގެންގުޅޭ ތެޔޮ ދެލިގަނޑެއް ކަހަލަ އަނދުން ނާޅަން ވެގެން.ގާނާ ވައްތަރުގެ އަނދުން ލިބެން ހުރިތަނެއް އެނގޭ ކުއްޖަކު ބުނެދީބަލަ..