ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިއެއް ހޯދުމަށްޓަކައި ދެ ލޯބިވެރިން ނުވަތަ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ދެމީހުން ކެޔުމަކަށް ދިއުމަކީ އާއްމު ކަމެކެވެ. މިގޮތަށް ދާ ދިއުމަށް ޑޭޓްއަށް ދިއުމޭވެސް ކިޔައެވެ. ގިނަ ފަހަރަށް ޑޭޓްތަކަކީ ވަރަށް ލޯބީގެ މާޙައުލެއް އޮންނަ ކަމެކެވެ. ނަމަވެސް މިފަހަރު ކަން ދިމާކުރީ މުޅިން ތަފާތު ގޮތަކަށެވެ.

އެމެރިކާގެ މެންފިސްގައި ޑޭޓްއަކަށް ދިޔަ ފިރިހެނަކު އޭނާއާއެކު ދިޔަ އަންހެން މީހާގެ ކާރު ހިފައިގެން ފިލައިފިއެވެ. 21 އަހަރުގެ ކެލްޓިން ޖެފްރިން ނަމަކަށް ކިޔާ މިމީހާ ފިލާފައިވަނީ ޑޭޓިން ސައިޓްއަކުން އޭނާއަށް ދިމާވި އަންހެނެއްގެ ކާރު ހިފައިގެންނެވެ.

މިއަންހެން މީހާ ބޭރުގެ މީޑީޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޖެފްރިން އަތުގައި ކާރެއް ނޯންނަ ކަމަށާއި އަދި އޭނާގެ ކާރު ޖެފްރިން ދުއްވަން ދިނީ އޭނާ ދުރު ހިސާބަކަށް ޑޭޓަށް ދާން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ. އަދި ޕެޓްރޯލް އަޅަން ކާރު މަޑު ކުރުމުން ޖެފްރިން މިއަންހެން މީހާ ގާތު އޭނާއަށް ސިނގެރޭޓެއް ގަނެދިނުމަށް އެދުނު ކަމަށާއި، އެތާ ކައިރި ފިހާރަޔަކުން ސިނގެރޭޓެއް ގަނެގެން އައިއިރު ކާރު ހިފައިގެން ޖެފްރިން ފިލައިފި ކަމަށެވެ.

ޖެފްރިންގެ ފޯންއަށް ގުޅުމުން ފޯން ނިއްވާލި ކަމަށްވެސް މިއަންހެން މީހާ ބުނެފައިވެއެވެ. އަދި އޭނާގެ ކާރު ވަގަށް ނެގި މައްސަލަ ފުލުހުންނަށް މިއަންހެން މީހާ ވަނީ ޖައްސާފައެވެ.

ފުލުހުން މިމީހާ ހޯދާފައިވަނީ އެހެން އަންހެނަކާއެކީ ޑޭޓެއްގައި އިންދައެވެ. ޖެފްރިންގެ މައްޗަށް ވައްކަށް ކުރުމުގެ ކުށުގެ ދަޢުވާވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ތި ވާހަކައިގެ އަނެއްބައިގައި އަންހެން މީހާ އަނެއްކާ ފިރިހެން މީހާއަތުން ކާރު ވަގަށް ނަގަނީތަ؟