މިހަފްތާގައި ފޭސްބުކްގައި ދައުރުވަމުން ދަނިކޮށް ފެނުނު ސްޓެޓަސް އެކެވެ. އޭގައި އޮތީ ރަނގަޅު ވާހަކައެކެވެ. ދައްކާފައި އޮތީ ބަދަލެއް ގެންނަން އުޅޭ ވާހަކައެވެ. ރަނގަޅު ބަދަލެއްގެ ވާހަކައެވެ. އެސްޓެޓަސްގައި އޮތީ، " ހިނގާ ދޯ މަގުމައްޗަށާއި މޫދަށް ކުނި ނާޅަން.... މިސްޓެޓަސް ތިމާގެ ޕްރަފައިލްގައި ޖަހާ، ބަދަލެއް ގެންނަމާ ހިނގާ". ސުވާލު އުފެދުނީ މިހާހިސާބުންނެވެ. ސްޓެޓަސްއެއް މިގޮތަށް ޖަހައިގެން މިބަދަލު ގެނެވިދާނެ ހެއްޔެވެ.

ރަނގަޅެވެ. ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މިގޮތަށް މެސެޖްއެއް ދައުރުކޮށްލުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. ނަމަވެސް މިފަދަ ބަދަލެއް ގެންނަން ބޭނުންވާނަމަ ފުރަތަމަ އިސްލާޙް ކުރަން ޖެހެނީ ތިމާގެ އުޅުމާއި ބުޅުމެވެ. ސްޓެޓަސް ޖެހުމުގެ ކުރިން ތިމާގެ ނަފްސް "އިވެލުއޭޓް" ކޮށް ލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވެ. މިހެން މިދެންނެވީ ސަބަބެއް އޮވެގެންނެވެ.

އަޅުގަނޑަކީ ތިމާވެށީގެ މާހިރެއް ނޫން ކަމަކު، މަގުމައްޗަށް ކުނި އެޅުމަކީ އެހާ ގަޔާވާ ކަމެއް ނޫނެވެ. އެހެންވެ، އަމިއްލަޔަށް އުފައްދާ ކުނި، ބޯ ފުޅި އާއި ލުއި ކާނާ ޕެކެޓް ފަދަ ތަކެތި އަބަދުވެސް ލަނީ ދަބަސް ތެރެއަށެވެ. މިގޮތަށް ކަންތައް ކުރުމުން ވަރަށް ގިނަ ފަހަރަށް އެކުގައި އުޅޭ ރަޙްމަތެރިންގެ މަލާމާތް ރައްދުވެއެވެ. އެންމެ ފުޅިއެއް މަގުމައްޗަށް އެއްލާލިޔަސް ވާނެ ގެއްލުމަކީ ކޮބާހޭ ބުނެ، މަލާމާތް ކުރެއެވެ. މިލިޔުން މިގޮތަށް ގެންނަން މިޖެހުނު ސަބަބަކީ މިގޮތަށް ޖެއްސުން ކުރި މީހުން "ހިނގާމަ މަގުމައްޗަށާއި މޫދަށް ކުނި ނާޅަން "، މި ސްޓެޓަސް ޖެހީމައެވެ. ފަހަރުގައި މިއީ ކަންދެއްކުމަށް ކުރި ކަމެއް ކަމުގައި ވެދާނެއެވެ. ނޫނީ މީގެ ފަހުން އެގޮތަށް ކުނި ނާޅަން ގަސްދުކޮށްގެން ކުރި ކަމަކަށް ވެދާނެއެވެ. ފަހުން ބުނި ގޮތަށް ކަންތައް ވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ.

މާލޭގެ މަގެއް... ވަގުތު އިމޭޖްސް

ކޮންމެޔަކަސް މަގުމައްޗަށާއި މޫދަށް ކުނި އެޅުމަކީ ބޮޑު ވެފައިވާ މައްސަލައެކެވެ. މާލޭގެ މަގުމައްޗަށާއި މޫދަށް އެކަނި ނަޒަރު ހިންގާލުމުންވެސް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެއްގަން ކުނިން ފުރިފައިވާއިރު، މޫދުވެސް ތަޣައްޔަރުވެފައިވަނީ ޕްލާސްޓިކްއިންނެވެ.

ރޯދަ މަސް ފެށުމާ އެކު މާލޭގެ މަގުތަކުގައި ވަނީ ކުނި އިތުރުވެފައި. ހާއްސަކޮށް މާރުކޭޓު ސަރަހައްދު ފާހަގަކޮށްލެވޭ –
ވަގުތު އިމޭޖްސް

މިއަދު މުޖުތަމައަށް ބޭނުންވެފައިވަނީ ސްޓެޓަސް ލިޔާނެ މީހުނެއް ނޫނެވެ. އަމަލީ ގޮތުން ކަން ކުރަން ކެރޭ މީހުންނެވެ. މި ސްޓެޓަސް ޖެހި އެންމެން އަދި އޭގެ އިތުރުން ހުރިހާ ފަރުދުންވެސް މަގުމައްޗާއި މޫދު ސާފުކޮށް ބޭއްވުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރާނެ ކަމަށް ދެކެމެވެ. ތިމާގެ ރީތި ރާއްޖެ، ސާފު ރާއްޖެއެއްގެ ގޮތުގައި ބޭއްވުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކެމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީމު ޔާ

    ރަނގަޅު ވާހަކައެއް

  2. ރާއްޖެ

    ޢަމަލު ރަނގަޅު ކުރަން އުޅޭ އެކަކުވެސް ނެތް. އެންމެން ވެސް ވީ އަގައިން ހުރިހާ ކަމެއް ކުރަން. އެހެން މީހުންގެ ކުށް ދައްކާއިރު ހުދު ތިމާވެސް ކަންކުރަނީ އެގޮތަށް.

  3. ޭނޭނގޭ މަށަކަށް

    ހިނގާބަ ނިއުސްވެސް ނުލިޔެ އަސްލުވެސް ކުނިނާޅަން؟؟ ޕޯސްޓް ކުރަން ކެރެންޔާ ކުރޭ.. ނުކެރެންޔާ ނަސޭހަތް ބަލައިގަނޭ.. ?

  4. ހ

    ކުނީގެ މަަައްސަލަ އޮތީ ކުރިން ހައްލުވެފަ.މާލޭ އެތަން މިތާންގަ ކޮތަޅުތަކެއް ނުހުރޭ. މި ދައުރުގެ ފަހުކޮޅު އެޅި ފިޔަވަޅުން މާލެ ގޮނޑުކޮއް ބަލިމަޑުކަމަަށް ހުށަހޮޅިފައި.

    • ޚެކެ

      ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރަމުންދާ މަސައްކަތް ފޭލް ވެފައިވާކަން ދެއްކުމަށް ހަޖަމް ނުވާ މީހުން ގަސްދުގަ ކުނި އަޅަނީ