ލޮޓަރީ ޓިކެޓަކުން ނުވަތަ ނަސީބު ނަމްބަރަކުން ކުއްލިއަކަށް ވެސް މީހަކު މިލިއަނަރަކަށް ވެދާނެއެވެ. ނަމަވެސް އެމެރިކާގެ ބޮސްޓަންގެ 26 އަހަރުގެ އަންހެނެއް ކަމަށްވާ އެލެން ފްލެމިން ކުއްލިއަކަށް މިލިއަނަރަކަށްވީ މިފަދަ ނަސީބެއްގެ ސަބަބުންނެއް ނޫނެވެ.

އޭނާ ކުއްލިއަކަށް މިލިއަނަރަކަށްވީ ބޭންކަށް ހެދުނު ގޯހެއްގެ ސަބަބުން އޭނާގެ އެކައުންޓަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޖަމާކުރެވިގެންނެވެ.

އެލެން އަށް ބުދަ ދުވަހު ލިބުނު ވޮއިސްމެއިލެއްގައި ބުނީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެލެން ވަގުތުން ފޯނުގައި އިން ބޭންކްގެ އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓްގައި ހުރި ފައިސާގެ އަދަދު ބަލާލިއެވެ.

އޭނާ އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އޭނާގެ އެކައުންޓަށް މިވަނީ މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޖަމާވެފައެވެ.

އެއީ ނަސީބެއް ކަމަށް ބަލައި އެފައިސާ ބޭނުން ކުރާކަށް އެލެން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ވަގުތުން ބޭންކަށް ގުޅާފައި އޭނާގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ ކަމުގެ މައުލޫމާތު ދިނެވެ. އެމައުލޫމާތު ހިއްސާ ކުރުމާއި އެކު ދިހަވަރަކަށް މިނެޓް ތެރޭގައި ބޭންކުން ވަނީ އެލެންގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާ އަނބުރާ ނަގާފައެވެ.

ބޭންކުން އެލެން އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާ އަކީ އެލެން ނަމަކަށް ކިޔާ އެހެން އަންހެނެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނު ފައިސާ އެވެ.

އެލެން ބުނީ އެކައުންޓަށް ޖަމާވި ފައިސާ ބޭނުން ކުރަން އޭނާގެ ހިތައް ވެސް އެރިކަމަށާއި ނަމަވެސް ވަގުތީ އުފަލެއް ނުހޯދީ ފަހުން ޖަލުގައި އޮވެ ބޮޑު ހިތާމައެއް އުފުލަން ޖެހޭނެކަން އެނގޭތީ ކަމަށެވެ.

އެކައުންޓްތަކަށް އޮޅުމަކުން ޖަމާކުރެވޭ ފައިސާ ބޭނުންކުރާ މީހުންނަށް މީގެ ކުރިން އެމެރިކާ އާއި އެހެން ގައުމުތަކުގައި ވެސް ބޮޑެތި އަދަބުތައް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    މީގެފަހުން އެގޮތައް ޖަމާކުރެވިއްޖެނަމަ އޭގެތެރޭން 25% އެކައުންޓްގެ ވެރިފަރާތައް ލިބޭގޮތައް ހަމަޖައްސަންވީ.

  2. ހަސަންބެ

    އޭ ސީރިއަސް ކޮން ތަ؟