އެމެރިކާގެ ކެންޓަކީގައި އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށް ވިހައެއް ދީގެން އޭނާ މަރާލަން އުޅުނު މައްސަލައިގައި 12 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ފުލުހުން ބުނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖާ އަކީ އަންހެން ކުއްޖާގެ މަންމަ އެހެން މީހަކާއި އިނދެގެން ލިބިފައިވާ ކުއްޖެއް ކަމަށެވެ. ފިރިހެން ކުއްޖާ ދެކެ މަންމަ މާބޮޑަށް ލޯބިވާ ކަމަށް ބުނެ އަންހެން ކުއްޖާ ވަނީ ތަކުރާރުކޮށް އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަންހެން ކުއްޖާ ރާވާފައި އޮތީ ގޭތެރޭގައި އެކި އެއްޗެހި ދޮންނަން ބޭނުން ކުރާ ކެމިކަލެއް ކުޑަ ކުއްޖާ އަށް ދީގެން އެކުއްޖާ މަރާލާށެވެ. އެކަން ބޭޒާރުވީ އެކުއްޖާ ސްކައިޕް މެދުވެރިކޮށް ރަހުމަތްތެރިއެއްގެ ކައިރީގައި އެވާހަކަ ބުނެފައިވާ މެސެޖެއް މަންމަ އަށް ފެނުމުންނެވެ.

އެއްޗެހި ދޮންނަން ބޭނުންވާ ކެމިކަލެއް ކުޑަ ކުއްޖާ ބުއިމަށް ބޭނުންކުރާ ފެނަށް އަޅާފައި ވާނެ ކަމަށް އަންހެން ކުއްޖާ މިހާރު ވަނީ އެއްބަސް ވެފައެވެ. އަދި ކޮއްކޮ މަރުވެފައި ނުވާތީ އިތުރަށް އެކަން ތަކުރާރު ކުރަން ވެސް އޭނާ ހުރީ ވިސްނައިގެންނެވެ.

މަންމަ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ އަންހެން ކުއްޖާ ހައްޔަރު ކޮށްފައެވެ. އަންހެން ކުއްޖާގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވާއިރު ފުލުހުން ބުނީ ދައުވާ އިތުރަށް ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމާނީ ކުއްޖާގެ ނަފްސާނީ ހާލަތު ބެލުމަށް ފަހު ޕްރޮސެކިއުޓަރުންނާއި މަޝްވަރާ ކޮށްފައި ކަމަށެވެ.

އަންހެން ކުއްޖާގެ ނަފްސާނީ ހާލަތު ބެލުމަށް މިހާރު ވަނީ ޓެސްޓްތަކެއް ހަދާފައެވެ. ނަމަވެސް އެޓެސްޓްތަކުގެ ނަތީޖާ ލިބޭނީ އަދި ދެތިން ދުވަސް ފަހުންނެވެ.

އެމެރިކާގައި އުމުރުން 10 އަހަރު ވުމަށް ފަހު ކުރާ ޖިނާޢީ ކުށްތަކުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނު

    ރައްޖޭގަ މިކަހަލަކަމެއް ހިންގާ މިވަރުކުއްޖަކު ހައްޔަރު ކޮއްފިޔާ އެހެންގައުމުތަކުން ވަގުތުން ދަތިކުރުމުގެ ފިޔަވަލު އަޅާނެ، އެކަމު އެއީ ވަކިމީހަކު ވެރިކަމުގަ ހުރިއްޔާ. އެމީހުން ބުނާވެރިޔަކު ހުރެގެން ކަމެއްކުރިޔަސް އެމީހުންނައް ނުވެސްއިވޭނެ ނުވެސްފެންނާނެ

  2. ބާނިޔޫސޭ

    އެމެރިކާ ވިއްޔާ އޯކޭ. މިރާއްޖޭގައި ހިނގި ކަމެއްނަމަ އީޔޫ، އިންޑިއާ، އިނގިރޭސި ވިލާތް އަދި ތިޔަ އެމެރިކާ އިންވެސް މިކަމާ ކަންބޮޑުވެ ބޮންއަޅާބޯޓު ތަކަށް ދަންދެން މިހާރު ފޮނުވައިފީސް. އެކަމަކު އެމެރިކާ ވީމަ ހަމަ ރަނގަޅެއްނު. އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމަށް މުސްލިމުންނަށް ހުރަސް އަޅާފަ އެ ޝަރީޢަތުގެ ފުރިހަމަކަން އެނގޭތީ މައްކާރު ޔަހޫދީންނާއި ނަޞާރާއިން މި ޢަމަލު ކުރަނީ މިފަދަ ކަންކަމުގައި ހަމަ އެ ޝަރީޢަތުގައިވާ ގޮތަށް.