ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް ހުރެއެވެ. މިގޮތުން ވިޓަމިންސްއާއި މިނަރަލްސް ފަދަ މާއްދާތައް ހިމެނެއެވެ.

މީގެތެރެއިން ވެސް ވިޓަމިން ޑީ އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. މިއީ ކަށިތަކާއި ހުޅުތައް ވަރުގަދަ ކޮށްދީ ކެލްޝިއަމް ލިއްބައިދިނުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރާ މާއްދާއެކެވެ. ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގައި ވެސް މުހިއްމު މާއްދާއެކެވެ.

ހަމައެގޮތަށް ތަފާތު ބަލިތަކުންނާއި އިންފެކްޝަންތަކުން ދުރުވުމަށް ވެސް މިއީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ނުލިބޭކަން ދެނެގަންނާނީ:

ބޮލަށް އެނބުރުން އެރުން

ވިޓަމިން ޑީ މަދުވުމުން ބޮލަށް އެނބުރުން އަރައެވެ. އެމެރިކާއިން ކޮށްފައިވާ ދިރާސާއެއްގައި ދައްކާ ގޮތުގައި ބޮލަށް އެނބުރުން އަރައިގެން ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ ތެރެއިން 77 އިންސައްތަ މީހުންނަކީ ވިޓަމިން ޑީ މަދުވެފައިވާ މީހުންނެވެ.

ހުޅުތަކުގައި ރިއްސުން

ކެލްޝިއަމްއާއި ވިޓަމިން ޑީ މަދުވުމުން ހުޅުތަކާއި މަސްތަކުގައި ރިއްސާނެއެވެ.

ދިފާޢީ ނިޒާމު ދަށްކޮށްދޭ

ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިފާޢީ ނިޒާމަށް އެކަމުގެ އަސަރު ކުރެއެވެ. އަދި މީގެ ސަބަބުން ހަކުރު ބަލި ފަދަ ބަލިތައް ޖެހުމަށް ވެސް މަގުފަހިވެއެވެ.

ޑިޕްރެޝަން

ވިޓަމިން ޑީ މަދުވުމުގެ ސަބަބުން މޫޑް ބަދަލުވެއެވެ. އަދި އެކަމުގެ ސަބަބުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް މަގުފަހިވެގެންދާ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. ވިޓަމިން ޑީއަކީ ސިކުނޑިއަށް ވެސް މުހިންމު މާއްދާއެކެވެ.

ވިޓަމިން ޑީއަކީ ހަށިގަނޑަށް މިހާ މުހިއްމު މާއްދާއަކަށް ވާތީ ގަވާއިދުން ޓެސްޓްތައް ހަދައި މި މާއްދާ ފުރިހަމައަށް ލިއްބައިދޭތޯ ބަލަން ވާނެއެވެ.