މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ ލޯބިވެރިޔާ ހައިލޭ ބަލްޑްވިންގެ ލޯބީގެ ސަފްހާތައް މި އަހަރުގެ މެއި މަހުގެ ތެރޭގައި ލިޔެވެން ފެށިފަހުން ދެ މަހެއްގެ ތެރޭގައި އެންގޭޖްވެ، މިހާރު މި ދެ ލޯބިވެރިން މިވަނީ ކައިވެންޏާއި ދިމާއަށްވެސް މިސްރާބު ޖަހާފައެވެ. ކައިވެނީގެ ކަންތައްތަކަށް މިހާރުންފެށިގެން ތައްޔާރުވާން ފަށައިފައިވާއިރު، އަލަށް ކައިވެނި ކުރާ ކޮންމެ ދެ ލޯބިވެރިއެއް ވެސް ކުރާ ޕްލޭންތައް ޖަސްޓިން އާއި ހައިލޭވެސް ދަނީ ކުރަމުންނެވެ. އެއީ ކައިވެންޏަށްފަހު ވީހާވެސް އަވަހަކަށް ދަރިއަކު ހޯދާ، އާއިލާއެއް ފެށުމުގެ ހުވަފެނެވެ.

"ޖަސްޓިން އާއި ހައިލޭވެސް ވަރަށް ބޭނުންވޭ ކައިވެންޏަށްފަހު ވީހާވެސް އަވަހަކަށް ދަރިއެއް ހޯދަން. އަދި އާއިލާއެއް ފަށާ އެހެން ދެމަފިރިން އުޅޭހެން އުޅެންވެސް. ދަރިފުޅުގެ ނަމާއި ފޮޓޯތައްވެސް އާންމު ކުރަން ނިންމާފަ އޮތީ. އެކަމަކު މީޑިއާ ތަކާއި ހެދި ކިތަންމެ ބޮޑު ކަމެއްވެސް ސިއްރު ނުކުރެވޭނެކަން އެނގޭ. ވިހެއުމުގެ ކުރިންވެސް ފޮލޯކުރަމުން ދާނީ އެމީހުން" ޖަސްޓިން އާއި ހައިލޭގެ ގާތް އެކުވެރިޔަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެކުރިން ޖަސްޓިން ދިން އިންޓަވިއުއެއްގަިއ ވެސް އޭނާ ވަނީ "ޔަންގް ޑެޑް" އަކަށް ވާން ބޭނުންވާ ކަމަށާއި އުމުރުން 25 ނުވަތަ 26 އަހަރުގައި މި ހުވަފެނުގައި ކުލަ ޖެހުމަށް އެދޭ ކަމަށެވެ. އަދި އެއީ އާއިލާއެއް ބެލެހެއްޓޭނެ ރަނގަޅު އުމުރެއް ކަމަށާއި ބައްޕައަކަށް ވުމުން އެ ލިބޭ އުފާ އޭނާ ވެސް ހާސިލް ކުރަން ބޭނުންވާ ކަމަށްވެސް ޖަސްޓިން ވަނީ ބުނެފައެވެ.

ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރާ ދުވަހެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް ކައިވެނީގެ ހަފްލާ ވަރަށް ކުޑަވާނެ ކަމަށާއި ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާއާއި ރައްޓެހިންނަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.