ދާދިފަހުން ނިކުތް ބޮލީވުޑް ފިލްމު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ ކުޅަދާނަ އެކްޓަރު ސަންޖޭ ދަޓް ގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "ސަންޖޫ' ކަން ގައިމެވެ. މިހާރު ބޮކްސް އޮފީހުގައި "ސަންޖޫ" ވެފައި މިވަނީ ފަސްވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމަށެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި "ސަންޖޫ' ނިކުތްތާ ފުރަތަމަ ހަފްތާ ތެރޭގައި އެ ފިލްމަށް ވަނީ 202 ކުރޯޑް ރުޕީސް ލިބިފައެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒްކޮށްފައިވާ "ސަންޖޫ" އެޅުވި ފުރަތަމަ ހަފްތާ ބަންދުގައި އެ ފިލްމަށް ވަނީ 120 ކުރޯޑް ރުޕީސް ލިބިފައެވެ.

މި ތަފާތު ފިލްމަށް ތަރުޙީބު ލިބިފައިވަނީ ހަމައެކަނި އިންޑިޔާގެ ސިނަމާތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައިވެސް މި ފިލްމު އަޅުވާފައިވާއިރު، އެތަންތަނުން ވެސް ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

އެގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި "ސަންޖޫ" ފިލްމަށް އޮތް ތަރުޙީބެއްގެ ބޮޑުކަމުން ނުވަތަ ފިލްމަށް އޮތް ޑިމާންޑް ބޮޑުވެފައިވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ސިނަމާ ތިއޭޓަރުތަކެއް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބަހައްޓަން ޖެހުމުންނެވެ. އިންޑިޔާގެ، ބޮލީވުޑުގެ ބައެއް ޚަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުންވެސް ބުނެފައިވަނީ މިއީ ވަރަށް ތަފާތު ކަމެއް ކަމުގައެވެ.

މަޝްހޫރް ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަންޖޭ ދަޓްގެ ރޯލު ކުޅެދެނީ ކުޅަދާނަ އެކްޓަރު ރަންބީރް ކަޕޫރެވެ. އަދި އޭގެ އިތުރުން މަނީޝާ ކޮއިރަލާއާއި ޕަރެޝް ރަވަލް އާއި ސޯނަމް ކަޕޫރާއި ވިކީ ކައުޝަލް އަދި އަނުޝްކާ ޝަރްމާ ފަދަ އެތައް ކުޅަދާނަ ތަރިންތަކެއް މި ފިލްމުން ވަނީ ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު