ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލު ގެނެސް ދިން އެކަކަށް އަހްމަދު އަލީ ވާނެއެވެ. ރާއްޖޭގައި މީގެ ކުރިން ވަކި ޖިންސަކަށް ހާއްސަވެފައި އޮތް ނަރުސް ކަމުގެ ދާއިރާއަށް ފިރިހެނުން ނެރެދިނީ އަހުމަދެވެ. އެއީ ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުހެވެ.

ނަރުސް ކަމުގެ ދާއިރާއިން އޭނާ މިހާރު ގެންދަނީ މެލޭޝިއާ ޔުނިވާސިޓީއެއްގައި ޕީއެޗްޑީ ފުރިހަމަ ކުރަމުންނެވެ. މިއީ ޒަމާނުއްސުރެ، ރާއްޖޭގައި ނަރުސް ކަން ކުރެވޭނީ ހަމައެކަނި އަންހެނުންނަށް ކަމަށް ގަބޫލު ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނައި ޒުވާނާއެވެ.

ފ.ނިލަންދު އަށް އުފަން އަހްމަދު ބުނި ގޮތުގައި، ސްކޫލް ދައުރުން ފެށިގެންވެސް އޭނާ ބޭނުންވީ ނަރުހަކަށް ވާށެވެ. ސްކޫލް ނިންމާފައި އެއީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަން އޭނާ އަށް އޮތީ ވިސްނިފައެވެ.

"އަޅުގަނޑަކީ ވަރަށް ކުޑައިރު މަންމަ ނިޔާވެފައި ހުރި މީހެއް، އޭރު ވެދާނެ ސިއްހީ ހިދުމަތް އެހާ ނުހުންނަ ކަމަށްވެސް، ދެން ހިތަށް އަރަނީ އާއިލާގެ އެކަހަލަ މީހަކު ހުރެއްޖެ ނަމަ، ވަރަށް ރަނގަޅު ވާނެއޭ، އެގޮތުން ވެސް ވަރަށް ޝައުގުވެރިކަން އުފެދުނު". އަހްމަދު ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުސް އަހްމަދު

ނަރުހަކަށް ވާން ކުރި ދަތުރު ހަނދާން ނުނެތޭނެ

ގްރޭޑް 10 އެއް ނިންމި ގޮތަށް އަހްމަދު އެރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ވަޒީފާއަށް ވަނެވެ. އޭނާ އުޅުނީ އެ މަރުކަޒުގެ އޮގްޒިލަރީ ނަރުހަކަށެވެ. އެއީ ކޯސް ފުރިހަމަ ނުކޮށް މަސައްކަތުގައި އުޅޭ ނަރުހުންނަށް ކިޔާ ނަމެކެވެ. އެތަނުގައި އަހަރެއްހާ ދުވަހު އޭނާ މަސައްކަތް ކުރިއެވެ. އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ އެޑްވާންސް ސެޓްފިކެޓް އިން ނާސިން ހަދަން އެޕްލައި ކުރިއެވެ. ފުރަތަމަ ހެދީ ލެވެލް ވަންގެ ކޯހެކެވެ. އޭގެން ވަރަށް ރަނގަޅަށް ފާސްވުމުން ސީދާ ޑިޕްލޮމާ ހެދުމުގެ ފުރުސަތު ލިބުނެވެ.

އެކަމަކު އޭނާ ފެށީ އެހެން ކޯހެކެވެ. އެއީ ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއާއެވެ. އޭނާ އެ ކޯސް ފުރިހަމަ ކުރިއެވެ. އެކަމަކު ހިތް ބުނަމުން ދިޔައީ ނަރުސް ކަން ކިޔެވުމަށެވެ.

އަހްމަދު ދަރިވަރަކާއެކު

"އެ ކޯސް ހަދާފައިވެސް ވަޒީފާއަކަށް ދާން ބޭނުންނުވި، ނުގޮސް ޖެހިގެން އައި ސެމިސްޓާގައި އަނެއްކާ ޑިޕްލޮމާއިން ނާސިންއަށް އެޕްލައިކޮށްގެން ފެށީ".

އޭނާއަކީ އެ ކޮލެޖުގައި ނަރުހަކަށް ވުމަށް ދަތުރު ފެށި ހަމައެކަނި ފިރިހެން މީހާއެވެ. އެހެންވެ ކްލާހުގައިވެސް ތިބީ ހުސް އަންހެނުންނެވެ. ނަމަވެސް އޭނާއަށް އުނދަގުލެއް ނުވިއެވެ. ކްލާސް ދަރިވަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އަހްމަދަށް ލިބިގެން ދިޔައެވެ.

އަހްމަދު ނަރުސް ކަން ކިޔަވަމުންދިޔަ އިރުގެ ފޮޓޯއެއް

ޑިޕްލޮމާގެ ތެރެއިން އަހްމަދު ތަމްރީން ހެދުމަށް މާލޭގެ އައިޖީއެމްއެޗްއަށް ދިޔައެވެ. އެކަމަކު ބަލި މީހުންގެ ފަރާތުންނާއި ހޮސްޕިޓަލްގެ އޭރުގެ މުވައްޒަފުންގެ ފަރާތުންވެސް ތަފާތު ކަމެއް ފެނިގެން ނުދެއެވެ.

"ފާހަގައެއް ނުކުރެވޭ އެ ތަފާތެއް، އެއީ ހުރިހާ އެންމެންވެސް އޭރުގައި ތިބީ ފިރިހެން އެންމެ ކުއްޖެއް ނަމަވެސް މުޖުތަމައުއަށް ނެރެން ބޭނުންވެފައި ކަން ނޭނގެ، އެހެންވެ ހުރިހާ ތަނަކުންވެސް ވަރަށް ކޯޕަރޭޓިވް، ޓީޗަރުންވެސް، އައިޖީއެމްއެޗްގެ ނަރުހުންވެސް ވަރަށް ރަނގަޅު ވަރަށް ހިތްވަރު ދޭނެ، ތިކަން އަހްމަދު ކުރައްޗޭ، ކޮންމެ ކުއްޖަކުވެސް ފަށާފައި ވަކި ހިސާބަކުން ހުއްޓާލަނީއޭ. ވަރަށް ހިތްވަރު ދޭނެ، ވަރަށް ކިޔައި ދޭނެ، ވަރަށް ރަނގަޅު". ނަރުސް ކަމުގެ ދާއިރާއިން ކިޔެވި އިރު އެއްވެސް ކަހަލަ ގޮންޖެހުމަކާ ކުރިމަތިލާން ނުޖެހޭކަން ފާހަގަ ކުރަމުން އަހްމަދު ބުންޏެވެ.

އަަހްމަދު މަންމަގެ ނަމުން މުހާތަބު ކުރާ، އޭނާގެ ބޮޑުދައިތައާކު

ޑިޕްލޮމާ ނިންމާފައި ރަށަށް!

އަހްމަދަށް ކުރިއަށް ދިއުމުގައި މާބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެއް ނުވެއެވެ. ކަމިޔާބު ކަމާއެކު ދެ އަހަރާއި ބައިގެ ތެރޭގައި ޑިޕްލޮމާ ކޯސް ކުރިހަމަ ކުރިއެވެ. 2007 ވަނަ އަހަރު އެ ކޯސް ފުރިހަމަ ކުރުމަށްފަހު ނަރުސް ކަމުގެ ވަޒީފާއަށް ވަނީވެސް، ރަށުގައި އުޅެމުންނެވެ. ކުރިން ރަށުގައި ހުރި ސިއްހީ މަރުކަޒު އެއިރު ހުރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އެތަނުގައި ހަތަރު އަހަރާއި 11 މަސް ވަންދެން މަސައްކަތް ކުރިއެވެ. ނަރުހުންގެ އިންޗާޖެއްގެ ގޮތުގައި އޭނާ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރިއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރު ނިލަންދޫ ހޮސްޕިޓަލަކީ މުޅިން ހެން ދިވެހި ނަރުހުންނާއެކު ހިންގަމުންދާ ހޮސްޕިޓަލެކެވެ. އެއީ އަހްމަދުގެވެސް ވަރަށް ބޮޑު ބައިވެރިވުމާއެކު، ގެނައި ހެޔޮ ބަދަލެކެވެ.

"އަޅުގަނޑުގެ ވަރަށް މަސައްކަތް އޭގައި ހުންނާނެއޭ ބުނެވިދާނެ، އެކަމަކު ބައެއް މީހުން ބުނެފާނެ ކްރެޑިޓް ނަގަންށޭ އެއުޅެނީ. އެކަމަކު ހަމަ ގިނަ ކުދިން ސްކޫލް ނިންމާފައި ކެރިއާއެއް ނެތީމަ، އެ ކުދިންނަށް މެސެޖް ކުރަން މިއީ ރަނގަޅު ޕްރޮފެޝަންއެކޭ ސެލެރީއަށް ބަލާއިރުވެސް، ރަނގަޅޭ، އަނެއްކާ ރަށުގައި ވަޒީފާވެސް އެބައޮތޭ، އަނެއްކާ ވަރަށް ގިނަ ކުދިންނަށް އަޅުގަނޑު ހުންނާނެ މަގު ދައްކަދީފައި. ބަޔަކު ގަބޫލުނުކުރިޔަސް އެ ކުދިން ގަބޫލު ކުރާނެ މިކަން". އަހުމަދު ކިޔައި ދިނެވެ.

ކްރިޓިކަލް ކެއާއަށް ޝައުގުވެރިކަން!

އަހުމަދު ކިޔެވުމަށް ފަހު މާލެ އައީ ނަރުސް ކަމުގެ ދާއިރާގެ ކްރިޓިކަލް ކެއާއަށް ހާއްސަ ވުމަށެވެ. އެއީ އެމާޖެންސީ ހާލަތްތަކުގައި މަސައްކަތް ކުރާ ނަރުހުންނެވެ. އޭނާ އެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ފިރިހެނަކަށް ވެފައި، އައިސީޔޫ އާއި އީއާރް ފަދަ ތަންތަނުގައި މަސައްކަތް ކުރާ ހިތްވާތީއެވެ.

އޭނާ ކްރިޓިކަލް ކެއާ ނިންމާފައި ވަނީ އައިޖީއެމްއެޗްއަށެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2019 އާ ޖެހެންދެން އޭނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރިއެވެ. އައިޖީއެމްއެޗްގެ ވަޒީފާގައި އުޅެމުން ޑިގްރީ އާއި މާސްޓާސްވެސް ނިންމިއެވެ.

އަހުމަދު އައިޖީއެމްއެޗްގައި މަސައްކަތް ކުރީ ޑަޔަލިސިސް ޑިޕާޓްމެންޓްގައެވެ. އެއީ އާ ދާއިރާއެއް ނަމަވެސް، އެ ދަތުރާ މެދު އޭނާ ވަރަށް ހިތްހަމަ ޖެހެއެވެ.

އަހްމަދު ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރިއިރު

"ފުރަތަމަ ކުޑަކޮށް ޖެހިލުންވި އެކްސްޕޯސްވެފައި ނެތް އޭރިއާއަކަށް ދާން ޖެހުނީމަ ޑަޔަލިސިސް، އެހެންވީމަ އޭރުގައި ހިތަށް އެރި ވަރަށް އުނދަގޫވެދާނެއޭ، އެކަމަކު ނަސީބު ކަން ނޭނގެ އޭރު ވަރަށް ރަނގަޅު، ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ދިޔައީ". އެތަނުގައި މަސައްކަތް ކުރިއިރު ބަލި މީހުންނާއި ވަރަށް ގާތް ގުޅުމެއްވެސް އުފެދުނުކަން ފާހަގަކޮށް އަހްމަދު ބުންޏެވެ.

ފިރިހެނުންވެސް ނަރުސްކަމުގެ ދާއިރާއަށް!

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިރިހެން ނަރުހުން މަސައްކަތް ކުރަމުން ދެއެވެ. ކުރިން ފިރިހެނުން ވަންނަން ނުކެރިފައި ހުރި ދާއިރާއިން މިހާރު ވެސް ފިރިހެނުން ތައުލީމް ހާސިލް ކުރަމުން ދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޒުވާން ދިވެހި ފިރިހެން ނަރުހުން އެ މަސައްކަތް ކުރަނީ އުފަލާ އެކުގައެވެ. މިއީ އެ މީހުންނަށްވެސް ކުރިމަގު އޮތް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ދާއިރާއެއް ކަމަށްވާތީއެވެ.

"އަޅުގަނޑު ފެށީ، ދެން ޖެހިގެން އައި ބެޗްގައި ވެސް އައިސްފި ފިރިހެން ނަރުހެއް. އޭގެ ފަހުން އެއްވެސް ބެޗެއް ވަރަށް ނުދޭ ފިރިހެން ކުއްޖަކު ނެތް". މިހާރު އެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ 20 އަށްވުރެ ގިނަ ޒުވާނުން އުޅޭނެކަން ފާހަގަ ކުރަމުން އަހްމަދު ބުންޏެވެ.

އަދި ދާއިރާއިން ކިޔަވަމުންދާ ފިރިހެން ދަރިވަރުންގެ އަދަދުތައްވެސް ވަރަށް ގިނަ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް ދިވެހި ނަރުހުން ނެރެދިނުމުގައި އަހްމަދު!

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަހްމަދަކީ މިހާރު ނަރުސް ކަމުގެ ދާއިރާއަށް ގިނަ ދަރިވަރުންތަކެއް ނެރެ ދިނުމަށް ތަމްރީން ދެމުންދާ އެކަކެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ނާސިން ފީލްޑްގައި މި އުޅެވެނީ. ނަރުސް ކަމުގެ އެންމެ ފަހުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގައި މި އުޅެނީ". ކިޔަވާ ދިނުމުގެ ދާއިރާގައި ފަސް ވަރަކަށް އަހަރު ހޭދަކޮށް، މިހާރުވެސް އެ ދާއިރާގައި އުޅޭ އަހްމަދު ބުންޏެވެ.

އަހުމަދު އާއިލާއެކު

މެޑިކަލް ސާޖިކަލް ނާސިން ބޮޑަށް ކިޔަވާ ދެމުންގެންދާ އަހްމަދުގެވެސް މަސައްކަތުން މިހާރު ރާއްޖެއަށް 500 އަށްވުރެ ގިނަ ނަރުހުން ނެރެވިއްޖެއެވެ.

ނަރުސް ކަމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށް އަހްމަދު ބުންޏެވެ. އަދި އެއީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.

"އެއީ މުޖުތަމައުއަށް އަންނަ ތަރައްގީއާ ދުނިޔެއަށް އަންނަ ބަދަލުތަކާއެއްކޮށް އަނެއްހެން ދީނީ ގޮތުން ބަލާއިރުވެސް ގިނަ މީހުން ޕްރިފާ މި ކުރަނީ އަންހެނުންނަށް، އަންހެން ނަރުހުން، ފިރިހެނުންނަށް ފިރިހެން ނަރުހުން، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކޮންމެހެންވެސް ފިރިހެން ނަރުހުން ރާއްޖޭގައި ތިބެން ޖެހޭ". އަހްމަދު ބުންޏެވެ.

އަހްމަދު އަންހެނުންނާއި ދަރިފުޅާއެކު

އަހްމަދު ފާހަގަކުރި ގޮތުގައި، ނަރުސް ކަމުގެ އިތުރުން، ޔުނިވާސިޓީގެ ފެކަލްޓީތަކުގައި މެދުގައި އޮންނަ މުބާރާތްތަކަށް ސްކޫލް އޮފް ނާސިންގެ ދަރިވަރުން ތަމްރީން ކުރަމުން ދަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. އެގޮތުން އޭނާގެ ބެލުމުގެ ދަށުން، ހާއްސަކޮށް ވޮލީން ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފިއެވެ. އޭނާ ފާހަގަކުރީ ޗެމްޕިއަންކަން ހޯދައިދިނުމުގައި މަސައްކަތް ކުރި ކޯޗް ޝުއައިބް އަހްމަދުގެ ވާހަކައެވެ. އޭނައަށް ހާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވާކަން ވެސް ފާހަގަ ކުރިއެވެ.

އަހްމަދު ކޯޗް ޝުއައިބާއެކު

ނަރުސް ކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ފިރިހެން ކުދިންނަށް އޭނާ ވަނީ ހާއްސަ މެސެޖެއް ދީފައެވެ. މިއީ ހަމައެކަނި އަންހެނުންނަށް އޮންނަ ވަޒީފާއެއް ނޫން ކަމަށް އަހްމަދު ބުންޏެވެ.

"މިއީ ޖެންޑާ ބަޔަސް ވާންވީ ޒަމާނެއް ނޫން، ކޮންމެ ކުއްޖަކުވެސް އަންނަން ބޭނުންވެއްޖެ ނަމަ ފުރުސަތު މި އޮތީ ހުޅުވިފައި، ކުރިމަތިލާށޭ، އެކަމަށް ޝައުގު އުފައްދައިގެން ކުރިއަށްދާށޭ. ނަރުސް ކަމަކީ މުޖުތަމައު ބަލައިގަންނަ މުސާރައިގެ ގޮތުން ރާއްޖޭގެ އެންމެ ރަނގަޅު އެއް ވަޒީފާ،"

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    ކާމިޔާބަށް އެދެން

    12
  2. ސުޖާ

    ތީ ވ.ބެސްްޓު ބުރަދާއެއް

    11
  3. ޟިޒަ

    ވަރަށް ފްރެންޑްލީ ހިތްހެޔޮ ބޭފުޅެއްތީ