2016 ވަނަ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްފައިވާ މަޝްހޫރް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" އަދި މިދިޔަ އަހަރު އާންމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދި ލޯބީގެ ފިލްމް "ބޮސް" ގެ އިތުރު ޝޯތަކެއް އަޅުވަން ހަމަޖެހިއްޖެއެވެ.

ކޮންމެ ޝޯއެއްގެ ވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ނަހޫ ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި ދެ ފިލްމުގެ ޝޯއަށް ޓިކެޓް ވިއްކަން ފަށާނެ ކަމަށާއި ޓިކެޓް ގަންނަން ލިބެން ހުންނާނީ އޮލިންޕަހުން ކަމުގައެވެ. އަދި އޮންލައިންކޮށް ޓިކެޓް ބުކިން ހަދަން ބޭނުންވެލައްވާ ފަރާތްތަކަށް، މިހާރު "4426" އަދި "ބޮސް" ގެ އޮފިޝަލް ޕޭޖުން އޮންލައިން ބުކިން ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާނޭ ކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ.

މި ފެށޭ އޯގަސްޓް މަހުގެ ދެވަނަ ދުވަހު އޮލިންޕަހުގައި "4426" ގެ ޝޯއެއް އެޅުވުމަށް ހަމަޖެހިފަިއވާއިރު، ޖެހިގެން އަންނަ އޮގަސްޓް ތިންވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވަނީ "ބޮސް" ގެ ޝޯ އެކެވެ.

"މި ދެ ފިލްމު އަލުން އަޅުވަން ބޭނުންވަނީ މީހުން ޕޭޖަށް އިންބޮކްސް ކޮށް އަލުން އަޅުވަދޭން ކިޔާތީ. ދެން އޭރު މި ދެ ފިލްމު ނުބެލުނު ފާރާތްތަކުންވެސް ދޭތެރެއަކުން އިންބޮކްސް ކުރޭ ކޮން އިރަކުންހޭ ދެން އަޅުވާނީ ކިޔާފަ. އޭރު ބުނިން އެންމެ އަވަހަށް ޑޭޓެއް ލިބުނީމަ އަޅުވާނަމޭ. ދެން ރަނގަޅު ޑޭޓެއް ލިބުނީމަ އަވަހަށް އަޅުވަން ނިންމީ" ދުވަސްތަކަކަށްފަހު މި ދެ ފިލްމު އަލުން އޮލިންޕަހަށް ގެންނަން ނިންމި ސަބަބު "ވަގުތު"އަށް ހިއްސާ ކުރަމުން ނަހޫ ބުންޏެވެ.

އޮގަސްޓް މަހުގެ ދެވަނަ ދުވަހު ދިވެހި ބިރުވެރި ފިލްމެއް ބަލާލުމަށްފަހު، ހިތްތަކުގައިވާ ބިރުވެރިކަން ފިލުވާލުމަށް ޖެހިގެން އަންނަ ދުވަހު ލޯބީގެ އަސަރުގަދަ ފިލްމެއް ބަލާލުން ކިޔެއްތޯއެވެ! ލަސްނުކޮށް ޓިކެޓް ބުކިން ހައްދަވާށެވެ!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިދުޤީ

    ތިޔަގޮތަށް ބޮސްދީދީ ތިއްބާ މަރުވެދާނެ. އޭރުން ތިޔަ ދިން ހުރިހާ ބޮހެއް އަޛާބުގެ ގޮތުގައި ފެންނާނީ. ދެންވެސް ވަގުތު ފާއިތު ނުވަނީސް އިސްލާހުވެބަލަ.

  2. ފުއާދު

    ހިނިއާދޭ ދެން ދޮގުހަދާތިވެ. އަޑުއެހިން ހުރިހާ ފަންނާނުންނަށް (ހުވާގެ ) ދޭން ޖެހޭ ރުފިޔާކޮޅަށް ތާށި އެރިއްޔޭ، އެހެންވެ ރުފިޔާ ކޮޅެއް ހޯދާލަނީ އޭ. ތިވެސް ޓްރިކެއް ސަޅި