ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދަން ފިލްމުތައް ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރުމުގައި އަވަދިނެތި އުޅޭ ފާތިމަތު ނަހުލާގެ މުޅިން ތަފާތު މަސައްކަތެއް އާންމުންނަށް ފެނިގެންދާން ތައްޔާރު އެބަ ވެއެވެ. މުޅިންހެން ލޯބީގެ ފިލްމު އުފައްދާ އަދި ތަފާތު ބިރުވެރި ފިލްމެއްވެސް ޑައިރެކްޓްކޮށްފައިވާ ނަހޫ މިހާރު މަސައްކަތް ކުރަމުން މި ދަނީ އޭނާގެ އަމިއްލަ ސްކްރިޕްޓެއްގެ މައްޗަށް ވެބް ސީރީޒްއެއް ތައްޔާރު ކުރާށެވެ. މިއީ ރާއްޖޭގައި ވެބް ސީރީޒްއެއް އުފައްދާ ފުރަތަމަ ފަހަރު ކަމަށް ވުމާއިއެކު ނަހޫގެ މި މަސައްކަތް ވެގެންދާނީ ތަފާތު އަދި އެހާމެ ބޮޑު މަސައްކަތަކަށް ކަން ގައިމެވެ.

"ހުވާ"ގެ ނަމުން ނަން ދެވިފައިވާ މި ވެބް ސީރީޒްގައި ޖުމްލަ 70 ވުރެ ގިނަ އެޕިސޯޑް ހިމެނެއެވެ.

ބޮޑުބައި މާލޭގައި ޝޫޓް ކުރި ނަމަވެސް މި ސީރީޒްގެ ބައެއް މަންޒަރުތައް މާލެ އަތޮޅު ގުރައިދޫގައިވެސް ނަގައިފައިވާއިރު، ޝޫޓިންގެ މަސައްކަތް މިހާރުވަނީ މުޅިންހެން ނިމިފައެވެ.

"ޝޫޓިން ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ އެއްކޮށް. ދެން އިންނާނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް. ވަރަށް ބައިވަރު މީހުންނާއިއެކު އުފައްދާ 70 ވުރެވެސް ގިނަ އެޕިސޯޑް މީ." ވެބް ސީރީޒްއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު "ވަގުތު"އާއި ހިއްސާ ކުރަމުން ނަހޫ ބުންޏެވެ.

"ހުރިހާ ތަރިންވެސް ވަރަށް ކޯޕަރޭޓިވް. މިކަހަލަ ދިގު އެއްޗެއް ހެދޭނީވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދޯ. ދެން އެންމެ ބޮޑު ސަޕޯޓެއް ލިބުނީ ޕްރޮޑިއުސަރުންގެ ފަރާތުން. ބޮޑު ގެޔެއް ހަމަ މިކަމަށް ހަދައިގެން މީތި ހަދާފަ މި އިނީ. ޕްރޮޑިއުސަރުންގެ ސަޕޯޓް ނުލިބުނު ނަމަ މިކަހަލަ އެއްޗެއް ރާއްޖޭގެ މިގޮތަކަށް ނުހެދުނީސް" ނަހޫ ހުރީ މިފަދަ ވެބް ސީރީޒްއެއްގެ ޝޫޓިން މިހާ ކާމިޔާބު ކަމާއި އެކީ ކުރިއަށް ގެންދެވޭތީ ނުހަނު އުފަލުންނެވެ.

ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ބަތަލާއިންގެ ތެރެއިން ކުޅަދާނަ އެކްޓްރެސް އައިމިނަތު ރިޝްފާއާއި އެންމެ ޑިމާންޑިން ބަތަލާގެ ގޮތުގައި ބުނެވޭ މަރިޔަމް އައްޒައާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި ރަވީ ފާރޫޤާއި އަލީ އާޒިމް (ދޮންއައްޔަ) އަދި ޝީލާ ނަޖީބް ފަދަ ތަރިންވެސް ފެނިގެންދާ މި ވެބް ސީރީޒްގައި ޖުމްލަ 30 ފަންނާނުން ހަރަކާތްތެރިވެއެވެ. އަދި އޭގެތެރޭގައި މިދާއިރާއަށް މުޅިން އަލަށް ތައާރަފުވާނެ މޫނު ތަކެއްވެސް ހިމެނެއެވެ.

ހަ މަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ "ހުވާ"ގެ ވެބް ސީރީޒްއަކީ އިޖްތިމާއީ އެކިއެކި ކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލައިގެން ތައްޔާރުކުރާ ވަރަށް އިބުރަތްތެރި ސީރީޒްއެކެވެ.