ކެއްކުމުގެ ދާއިރާއިން ކުރި އަރައި މޮޅު ޝެފަކަށް ވެއްޖެއެވެ. އަމިއްލަ ނަން ބޭނުންކޮށްގެން ބްރޭންޑެއްވެސް ހެދިއްޖެއެވެ. އަމިއްލަ ނަންތަކާއި އަމިއްލަ ވަންތަ ދިވެހި ރެސިޕީ ފޮތެއްވެސް ތައްޔާރުކޮށްފިއެވެ. އޭގެ އިތުރުން އަމިއްލަ ނަން ހިމަނައިގެން "ޝެފް މޯޑް ބަދިގެ" ނަމުގައި ރެސްޓޯރެންޓެއް ވެސް ހުޅުވައިފިއެވެ. ގއ. ކަނޑުހުޅުދޫއަށް އުފަން މުހައްމަދު އާދަމް (ޝެފް މޯޑް)އަކީ މިހާރު ރާއްޖޭގައި ހުރި ދިވެހި ވަންތައް ކެއުންތަކާއި ރަހަތައް ގެނެސްދޭ އެންމެ މޮޅު ޝެފެވެ.

ޝެފް މޯޑް ބަދިގެއަކީ އޭނާގެ މިހާރުގެ މި ކެރިއާގެ ދަތުރެވެ. އެތަނުގެ ތެރެއިން ފެންނަނީ ދިވެހި ވަންތަ ކަމެވެ. ފެންނަ ފެނުމަށް އެއީ އިހުގެ ދިވެހިންގެ ބަދިގެއެކެވެ. ދިވެހިން ކެއްކުމުގައި ގެންގުޅުނު އެންމެ އިހުގެ ވައްޓަފާޅި ދައްކުވައިދޭ ބަދިގެއެވެ. އެ މަސައްކަތައް އިހުގައި ގެންގުޅޭ ދަރު އުނދުނާއި، ތާސް ފަދަ އެއްޗެހި ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައި ވެއެވެ. ތަނުގެ އެތެރެ ހުރީ ދެލި ބުރާފައި ހުރި ކަހަލަ ގޮތަކަށް ފަރުމާކޮށްފައެވެ. އޭގެ އިތުރުން އެވޭލާ ގެތަކުން ފެންނަ އިތުރު އެއްޗެހިންވެސް ތަން ޒީނަތްތެރިކޮށްފައި ވެއެވެ.

ޝެފް މޯޑްގެ ބަދިގެއިން ފެންނަނީ އެވާލާ ބަދިގެ ހުންނާނެ ގޮތް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރެސްޓޯރެންޓް އެތެރެއިން މިފަދަ މަންޒަރުތައް ފެންނައިރު، އޭނާ ތައްޔާރުކޮށްފައިވާ މެނޫގައިވެސް ހުރީ ދިވެހި ރަހަތަކެވެ. ދިވެހި ކެއުންތަކާއެކު އެހެނިހެން އެކި ކެއުންތައް ލިބޭނެއެވެ. އެއީ މޯޑްގެ އަމިއްލަ ރަހަތެކެވެ. އޭނާ ދިން ޔަގީންކަމަކީ އޭނާގެ ރެސްޓޯރެންޓްގެ ކޮންމެ ކެއުމެއްގައި ވެސް ދިވެހި ރަހަ ހުންނާނެ ކަމެވެ. އޭނާގެ މޮޅު އުކުޅު ބޭނުންކޮށްގެން ކޮންމެ ކެއުމެއްވެސް ހެޔޮވަރުކޮށްފައެވެ. ކައިގެން ޔަގީނުންވެސް ހިތްހަމަޖައްސާލެވޭނެއެވެ. އަދި އިތުރަށް ބަލާނަމަ ކޮންމެ ކެއުމަކާ ބުއިމަކަށްވެސް ދިވެހި ނަމެއް ދީފައި ވެއެވެ. އަދި މިތަނުގައި މަސައްކަތް ކުރާ މީހުންނަށް ދިވެހި ނަންތަކުން ހާއްސަ ކޮށްފައި ވެއެވެ.

ޝެފް މޯޑްގެ ބަދިގެއިން ކުރީގެ ބައެއް ތަކެތިވެސް ހުންނާނެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޝެފް މޯޑް މި ކިޔައި ދެނީ އޭނާގެ މި ދާއިރާއަށް ވަދެވުނު ގޮތުގެ ވާހަކައެވެ. އޭނާ ކުޑައިރުން ފެށިގެން ކައްކާ އުޅެއެވެ. މަންމަމެންނާއި ދައްތަމެން އެ މަސައްކަތް ކުރާ ތަން ފެނިގެން ކައްކަން ބޭނުންވެފައި ހުރި ވަރުން ފެށުނީއެވެ. އަނެއްކާ އެކަނި އުޅެން ފެށުމުން، ބޮޑަށް އެކަމަށް ހޭނި މުޅި މީހާގެ ހިތް އެކަމަށް ޖެހުނީއެވެ.

"އެ މީހުން ކައްކާ ކާއެއްޗެހި ކައިގެން، ހާދަ މީރޭ ކޮމެންޓް ކުރީމަ، އެ ކައިންޑް އޮފް ހެޕިނެސް މޯޑްއަށްވެސް ފީލްވޭ، އެހެންވީމަ އެހިސާބުން ވަރަށް ބޮޑަށް ކެއްކުމުގެ ތެރެއަށް ވަދެވުނީ. ދެން މާލެ ކިޔަވަން އައިސް ހުރި ގޭގައި އެކަނި އުޅެން ޖެހުނީމަ، ހަމައެކަނި ކައްކައިގެން ކާން ޖެހުނީ. އެހެންވީމަ އެ ހިސާބުން ކެއްކުމުގެ ބައި ދުލެއް ނުކުރެވުނު. ދެން ހިތް ޖެހިފައި ހުރި، ބުނެވިދާނެ ބޯން ޓެލެންޓެކޭވެސް". މޯޑު ކިޔާދިނެެވެ.

ޝެފް މޯޑް "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މޯޑް ކިޔައި ދިންގޮތުގައި، އޭނާ ފުރަތަމަ ރިސޯޓް މަސައްކަތުގެ ދާއިރާއަށް ނުުކުމެފައި ދެވުނީ ކައްކާކަށް ނޫނެވެ. ނަމަވެސް އޭރު ތަޖުރިބާއެއް ނެތި ކެއްކުމުގެ ތެރެއަށް ނުވެސް ވަދެވެނީއެވެ. އޭރު ރާއްޖޭގެ ހޮޓެލް ސްކޫލް އޮންނަ ގޮތުން ނަމަ، ވަދެވެނީވެސް ވަކި ސަނަދެއް އޮވެގެންނެވެ.

"ސްކޫލް ނިންމާފައި ރިސޯޓަކަށް ޖޮއިން ކުރީ އިންޖީނިއަރިންގ ކޯޑިނޭޓަރަކަށް. އެތަނުގައި ދެ އަހަރު ވަރު އުޅެފައި ދެން އަސްލު ޖަމްޕް މި ޖެހީ ވެއިޓަރަކަށް އުޅެމުން ޝައުގުވެރިކަން ހުރީމަ، ޝެފުން އުޅޭ ގޮތާއި އެއްޗެހި ބަލާ، ދެން އެ ޗާންސް ލިބުނީ"

ޝެފް މޯޑްރިސޯޓެއްގައި

އޭނާއަށް ފުރުސަތު ލިބުނީ ބިޔާދޫ ރިސޯޓްގެ އާދައިގެ ކޮމީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެތަނުގައި މަސައްކަތް ކުރުމަށްފަހު ހުވަފެންފުއްޓަށް ދިޔައެވެ. އޭނާ މިގޮތަށް 10 ވަރަކަށް ރިސޯޓްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދިއެވެ. އެއިރު މަސައްކަތް ކުރަމުން ގޮސްފައި ވަނީ ސުޕަވައިޒަރުންގެ ދަށުންނެވެ. ކުރަމުންދިޔައީ އެ މީހުން ބުނާ މަސައްކަތެވެ. ގެސްޓް ބަދިގޭގައި އާއި ސްޓާފް ބަދިގޭގައިވެސް މަސައްކަތް ކުރިއެވެ. ކައްކަން އެއިރު ވަކި ހާއްސަ އެއްޗެއްވެސް ނޯންނައިރު، ހުރިހާ އެއްޗެއް ކެއްކުމުގައިވެސް އުޅުނީއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ކެއުންތައްވެސް ހިމެނެއެެވެ.

ފާހަގަކޮށްލަން ޖެހޭކަމަކީ މޯޑު އަބޫދާބީ އާއި ދުބާއީގައިވެސް މަސައްކަތްކޮށް ތަޖުރިބާ ހޯދިކަމެވެ. އެހެންކަމުން އޭނާއަށް ވަރަށް ގިނަ ގައުމުތަކުގެ ކެއުންތައްވެސް ތައްޔާރު ކުރަން އެނގެއެވެ. އޭގެ ތެރޭގައި ތައި ފުޑް، އިންޑިއަން ފުޑް، އަރަބިކް ފުޑް، އިޓަލިއަން ފުޑް ހިމެނެއެވެ.

ދިވެހި ކެއުންތަކަށް ހާއްސަ ދިވެހި ޝެފް، މޯޑް

މޯޑު ކިޔައި ދިންގޮތުގައި، އޭނާ ދާއިރާއަށް ނުކުތްއިރު، މާބޮޑަށް ވަކި ގައުމެއްގެ ކެއުމަށް މީހާ ހާއްސަ ނުވެއެވެ. އެއިރު ހުރިހާ އެއްޗެއްވެސް ކައްކަނީއެވެ. އެކަމަކު އާ ޖެނެރޭޝަަންއާއެކު ޝެފުން ވަކި ވަކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަވީއެވެ. އެކަމަކު މޯޑްއަށް ފާހަގަކުރެވުނީ ދިވެހި ކެއުންތަކަށް ޝެފުން ހާއްސަ ނުވާ ކަމެެވެ.

ޝެފް މޯޑް ބަދިގޭގެ މަސައްކަތުގައި

"އެހެންވީމަ މޯޑް ހިތަށް އެރީ މޯޑް ހުންނާނީ ލޯކަލް ފުޑްގެ މީހެއްގެ ގޮތުގައިއޭ". މޯޑު އެގޮތަށް ބޭނުންވީވެސް ރާއްޖެއަށް ފްރެންޗައިޒް ބްރޭންޑްތައް އައިސް ދިވެހި ވަންތަ ކެއުންތައް ރިސޯޓްތަކުުން ނެތިދާނެ ކަމުގެ ބިރު ހީވާން ފެށުމުންނެވެ.

"ރިސޯޓް ތަކުގެ މޯލްޑިވިއަން ނައިޓްގައިވެސް ހުންނާނީ ކޯނާއެއްގެ ހެދިކާ ކޮޅެއް ބަހައްޓާފައި، ނުހުންނާނެ ފުލް ބުފޭއެއް، އޮތޮންޓިކެއް ނޭނގޭނެ، އަސްލު ވަރަށް ބޮޑު ޗީޓް ކުރުމެއް މި އޮންނަނީ، ހަގީގަތަށް ބުނާ ނަމަ ފުޑަށް ޗީޓް ކުރަނީ". ބައެއް ރިސޯޓްތަކުގެ ހާލަތު ކިޔައި ދެމުން މޯޑް ބުންޏެެވެ.

ޝެފް މޯޑު ރިސޯޓެެއްގެ މަސައްކަތުގައި އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް

އެހެންވެ އޭނާ ބޭނުންވީ ދިވެހި ކެއުންތައް ދިރުވާ އާލާކުރާށެވެ. އެ މަސައްކަތް ފެށިއެވެ. އެކްސްޕެރިމެންޓްތައް ހަދަން ފެށިއެވެ. ހަމަ ހުރެފައި އެއްޗެއް ތައްޔާރު ކުރަނީ ނޫންކަމުގެ ޔަގީންކަން ދިނެވެ. މުހައްމަދު އަމީންގެ ރެސިޕީތައްވެސް ބެލިއެވެ. އޭގެ އިތުރުން ޖުވޭރިއްޔާ ވަޖްދީގެ ފޮތްތައްވެސް ބެލިއެވެ.

"އެ ބޭބޭފުޅުންގެ ރެސިޕީތަކާއި އެއްޗެހި ބަލައިގެން، އެ އެއްޗެހި ޓްރައިކޮށް އަމިއްލަ ވަަންތައް ގޮތް ގެނެވޭނީ ކިހިނެއްތޯ". މިހާރު އަމިއްލަ ރެސިޕީތަކެއްގެ މަސައްކަތް ކުރަމުންދާ މޯޑް ބުންޏެވެ.

މޯޑް އެންމެ ފަހުން ރިސޯޓެއްގައި މަސައްކަތް ކޮށްފައި ވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގައެވެ. އެތަނުގައި މަސައްކަތް ކުރިއިރު، މޯޑްގެ ހާއްސަ ދިވެހި ކެއުންތައް ފެނިގެން ދިޔައެވެ. ގެސްޓުންގެ ފަރާތުން ލިބުނު ކޮމެންޓްތައްވެސް އަދިވެސް އޭނާގެ ހިތުން ނުދެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މޯޑް މިހާރު ޝެފް މޯޑްގެ ބަދިގެ ހިންގުމުގައި ހުރި ނަމަވެސް، ރާއްޖޭގެ އެކި ރިސޯޓްތަކުން އޭނާއަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައެވެ. އެގޮތުން ޕުލްމަން ރިސޯޓުން ލިބުނު ފުރުސަތެއްގައި އިންޓަނޭޝަނަލް ފުޑް ވީކްގައި އޭނާ ބައިވެރިވިއެވެ. އޭގެ އިތުރުން މާސްޓާ ޝެފްގެ ޕްރޮގްރާމް ރާއްޖޭގައި ނެގިއިރު އިސްކޮށް ތިބީ މޯޑް އާއި ދިވެހި ޝެފުންނެވެ.

މޯޑްގެ މަސައްކަތްތައް މިހާރު ބޮޑަށް ރެސްޓޯރެންޓްގައި ފުޅާކުރަމުންދާއިރު، އޭނާ އަމިއްލަ ދިވެހި ރެސިޕީ ފޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އޭގައި ހުންނާނީ ދިވެހި ރެސިޕީތަކެވެ. އަދި އެ ރެސިޕީތަކަށް ނަންތައް ދެވިފައި ހުރީ އެވޭލާ ޒަމާނުގެ ވާހަކަތަކާއި ބައެއް އެއްޗެއްސަށް ދިވެހިން ދީފައި ހުރި ނަންތަކާއިވެސް ގުޅުވާފައެވެ. މިއީ ފަތުރުވެރިންވެސް ދިވެހި ރެސިޕީތައް ހޯދާއިރު، އަތު ލިޔުމުން ލިޔެފައި ދިނުމުގެ ބަދަލުގައި ސީދާ ރެސިޕީ ފޮތެއްގެ ސިފައިގައި އެ މީހުންނަށް ލިބޭނެ ގޮތް ހެދުމަށް މޯޑު ކުރި މަސައްކަތެކެވެ.

މޯޑުގެ އެ ރެސިޕީ ފޮތަކީ ޝެފް މޯޑްގެ "ޓޭސްޓް އޮފް ހޯމް" އެވެ. އެ ފޮތް ކުޑަކޮށް ދިރާސާ ކުރިއިރު، ބައެއް ކެއުންތަކަށް ދީފައި ހުރި ނަންތައް ދިވެހިންގެ ސަގާފަތާއި ތާރީހާއިވެސް ގުޅުވާފައި ހުރިކަން ފާހަގަކުރެވުނެވެ. މޯޑު ބުނީ ފޮތް ނެރުމުގައި ބަލާފާއި ހުރީ ދިވެހި ނަންތަކާއި ދިވެހިންގެ ތާރީހު އެ ފޮތް ކިޔާ މީހަކަށް ބަލާލެވޭނެ ހެންނެވެ.

ޝެފް މޯޑް އޭނާގެ ދިވެހި ރެސިޕީ ފޮތް ދައްކާލަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ފޮތަށް ބަލާލާއިރު ފެންނާނެ ވަރަށް ރީތި ނަންތަކެއް، މިސާލަކަށް ދަންޑަހެލަ އޭޒް ދަ އޮކްޓޯޕަސް. އެއީ މާނަކޮށްފައި މި ހުރީ ދަންޑަހެލައަކީ އެއްފަހަރާ ދެކަން ކުރަމުންދިޔަ މީހެއްގެ ގޮތުގައި އަހަރުމެންގެ ތާރީހުން ފެންނަ ގޮތަށް. ދެން އިންނާނެ ކަނޑު ރަސްގެފާނު ކިޔާފައިވެސް، އަހަރުމެންގެ މުހައްމަދު ތަކުރުފާނަކީ ހީރޯއެއްވީމަ އަހަރުމެން ވަަރަށް ބޮޑަށް އެއަށް ބަލައިގަންނާނެ. ދެން އަތޮޅޭ ގޮޅަ އެއީ އަހަރުމެން އަތޮޅު އެއްޗެއްގެ ގޮތުގައި". މޯޑު ކިޔައި ދިނެވެ.

މޯޑުގެ ކޮންމެ ވާހަކައެއްވެސް ނޫނީ ދައްކަން ބޭނުންވެފައި ހުރި ކެއްކުމާއި ގުޅުން ހުރި ވާހަކައަކީވެސް ދިވެހި ކެއުންތަކުގެ ވާހަކައެެވެ. އޭނާ ދިވެހި ކެއުންތައް ކުރިއަރުވަން ބޭނުންވާ ވާހަކައެވެ. އިންޓަނޭޝަނަލް ފެންވަރުގައި ދިވެހި ކެއްކުންތައް ބަލައިގަނެ، ދިވެހި ކެއުންތަކަށް ހާއްސަ ޝެފުންނާއެކު ރިސޯޓްތަކުގައި ދިވެހި ކެއުންތައް ދިރުވަން ބޭނުން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ އެކި ރަހަތައް ދަސްވެފައި ހުއްޓަސް ދިވެހިވަންތަކަމުން ރެކި މިންޖުވެގެނަ ނުގޮސް، ދިވެހިވަންތަކަަމަށް ލޯވ

  2. Anonymous

    ބޭރުގެ އެކި އެކި ރަހަތަކާއި ކުލަތައް ދަސްވެފައި ވިޔަސް، ދިވެހިވަންތަކަމުން ރެކި މިންޖު ނުވެ، ދިވެހި ގޮތް ދަމަހައްޓާތީ އުފާކުރަން. މިއިން ދައްކައިދެނީ ޤައުމިއްޔަ ލޯބި. ކުރިޔަށް ބާރަށް.

    18
  3. ގައްދޫ ރާޣިބް

    މިފެންނަނީ ރައީސް ޔާމީންގެ ޒަމާއަތުގައި ދިވެހި ޒުވާނުން ބިނާކުރުމަށް ދެއްވި އަހަމިއްޔަތުގެ ފޮނި ނަތީޖާ.

    13
    14
    • Anonymous

      ޔާމީން ޒުވާނުން ތައުޙީދުގެ ބިންގަލުގެ މަތީގައި ބިނާކުރީމާ ދެއްތޮ ދިވެހި ޒުވާނުންގެ އަޚްލާޤު ހުޅަނގަށް ދީލައިލައިގެން، ފާޙިޝްކަންތަކާއި، ރަލާއި މަސްތުވާތަކެއްޗާއި، ޒިނޭއާއި، ލަވަޔާއި މިޔުޒިކާއި، ކަޓަރ

      13
      4
    • Anonymous

      ޔާމީން ޒުވާނުން ބިނާކުރީމާ ތަ
      ބައެއް ޒުވާނުންގެ ކިބައިން ތައުޙީދު ނަފީވެގެން ގޮސް ހުޅަނގަށް ދީލައިލާ، ފާހިޝްކަންތަކާއި މުންކަރާތްތައް ޢާންމުވެ، މަސްތުވާތަކެއްޗާއި، މާރާމާރީއާއި، ފޭރުވާއި ވައްކަމާއި، ރިޝްވަތާއި ޚިޔާނަތާއި، ޢާންމުވެގެން ދިޔައީ.
      ދަނޑިގަނޑުގެ ދެއަތަށް ވާހަކަދައްކަން ޖެހޭނީ.

      8
      8
  4. ޙޙ

    ރެސިޕީ ފޮތް ގަންނަން ނުލިބޭބާ

  5. Anonymous

    މީހާ އަކީ 45 އހަރުން މަތީ މީހެއް! ޒުވާނެއްގެ ގޮތުގަ ބަލަންޏާ ބަލަންވީ!

    7
    3
  6. ފާތިރާ

    ވަރަށް ދެރަ ކަމެއް. މިހާރަކަށް އައިސް ކޮންމެ ކަމެއްވެސް ސިޔާސީ ނުކޮށްލައެއް ނުތިބެވޭ. އަދި ކޮމެންޓް ތަކުގަ ހިތަށް އެރިހާ އެއްޗެއް ލިޔެނުލާ ކެތްވެސް ނުވޭ. މީހަކު ރަގަޅު ކަމެއް ކޮށްފިނަމަ އެކަމަށް ތައުރީފު ކޮށް އެކަމަށް ހިތްވަރުގެ ބަސްތައް ލިއުން ރަގަޅު. މިކަމުގެތެރެއަށް ޤައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ވާހަކަ ގެންނާކަށް ނުޖެހޭ. މިއީ މިންނަތާއި މަސައްކަތުން ދިވެހި ޤައުމީ ލޯބިހިތުގައިވާ ދިވެހިދަރިއެއްގެ ބުރަމަސައްކަތެއް. ކިއުންތެރިންގެ ތެރޭގައި ސިޔާސީ ކަންތައް ތަކަށް ތަރުހީބު ނުދޭ މީހުން ވެސް ތިބޭނެ ކަން ޤަބޫލު ކުރައްވާ.