ބަންދުކުރެވިފައިވާ ކާނާއަކީ އަޅުގަނޑުމެން ދިވެހިންގެތެރޭގައި ވަރަށް އާންމު އެއްޗެކެވެ. ދިވެހި ބައެއް ގޭގޭ ބަދިގޭ ކަބަޑުތެރެއާއި ފުރިޖުތައް ބަންދުކުރެވިފައިވާ ކާނާ އިން ފުރިފައި ހުއްޓޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިފަދަ ކާނާތަކުން ހަށިގަނޑަށް ލިއްބައިދޭ ގެއްލުމާ މެދު ވިސްނަނީ ވަރަށްވެސް މަދު ބައެކެވެ.

ތައްޔާރީ ކާނާ ގިނަފަހަރު ބަންދު ކޮށްފައި ހުންނަނީ ބައިސެފެނޯލް އޭ ނުވަތަ ބީޕީއޭ ހިމެނޭ ޕްލާސްޓިކު ނުވަތަ ބީޕީއޭ ކޯޓިން ހުންނަ ދަޅުދަޅުގައެވެ. ބީޕީއޭ އަކީ ހަށިގަނޑުގެ ހޯމޯންތަކުގެ މަސައްކަތަށް ހުރަސްއަޅައި، އަދި އެކި ހޯމޯން ތަކުގެ ސިފަބޭނުންކޮށްގެން ހަށިގަނޑު އޮޅުވާލުމަށް މަސައްކަތް ކުރާ މާއްދާއެކެވެ.

ބީޕީއޭއިން ހޯމޯންތަކުގެ ސިފައިގައި ހަށިގަނޑުގައި ދައުރު ކުރުމުގެ ސަބަބުން ކުޑަކުދިންގެ ހެދި ބޮޑުވުމަށް ހުރަސް އަޅައެވެ. އަދި މިފަދަ ކެމިކަލް ތަކުގެ ސަބަބުން ކުޑަކުދިން އަދި މި ނޫންވެސް މީހުންނަށް ނަފްސާނީ ބަލިތަށް ކަމަށްވާ ޑިޕްރެޝަން އަދި އެންޒައިޓީއަށް ވާރުތަކުރާކާމާށް ދިރާސާތާކުން ވަނީ ހާމާވެފައެވެ.

މީގެއިތުރުންވެސް އެތައް ތަފާތު ސިއްހީ މައްސަލަތައް ދިމާވާން ބީޕީއޭ ބޭނުންކޮށްގެން ޕެކް ކޮށްފައި ހުންނަ ކާނާތަކުން ވާރުތަކުރެއެވެ. އެގޮތުން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮބޭސިޓީ ނުވަތަ މާބޮޑަށް ފަލަވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ބީޕީއޭ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ކާނާ ކެއުން ގިނަވުންކަމަށް ދިރާސާތަކުން ވަނީ ހާމާވެފައެވެ. އޮބޭސިޓީގެ އިތުރުން ހަކުރުބަލި ޖެހުމާއި ކެންސަރު ބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ޗާންސު ބީޕީއޭ އިން އިތުރުކުރާކަމަށް ސައިންސުވެރިން ވަނީ ހޯދާފައެވެ.

ބީޕީއޭ ފަދަ ނުރައްކާތެރި ކެމިކަލް ބޭނުންކޮށްގެން އުފައްދާފައި ކާނާތަކުން ދުރުހެލިވެވިގެން ނޫނީ އޭގެ ނޭދެވޭ އަސަރުތަކުން ސަލާމަތް ނުވެވޭނެ އެވެ. އެހެންކަމުން މިފަދަ ތައްޔާރީ ކާނާތަކުން ދުރުހެލި ވުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. މިފަދަ ތަކެތިން މުޅިންހެން ދުރުހެލި ނުވެވުނުކަމުގައިވީ ނަމަވެސް އޭގެއިން ލިބޭ ގެއްލުންތަކާމެދު ވިސްނައި އެފަދަތަކެތި ތިމާގެ ސުފުރާމަތިން މަދުކުރެވިދާނެއެވެ.